Roadha Mihaaru
ކަބާބް ފިހާރައެއްގެ އޯނަރަށް އެމްބާޕޭ ދައުވާ ކުރަނީ

ކަބާބް ފިހާރައެއްގެ އޯނަރާ ދެކޮޅަށް އެމްބާޕޭ ދައުވާ ކުރަނީ

14 މާޗް 2024

ޕެރިސް (މާޗް 14) - ކަބާބް ފިހާރައެއްގެ މެނޫގައި ހިމެނޭ ސޭންޑްވިޗެއްގެ ތަފްސީލުގައި ކިލިޔަން އެމްބާޕޭގެ ނަން ބޭނުން ކުރުމުން އެކަމާ ނުރުހުންވެ، ވިޔަފާރިވެރިޔާއާ ދެކޮޅަށް ދައުވާ ކުރަން އެމްބާޕޭ ނިންމައިފި އެވެ.

ޕެރިސް (މާޗް 14) - ކަބާބް ފިހާރައެއްގެ މެނޫގައި ހިމެނޭ ސޭންޑްވިޗެއްގެ ތަފްސީލުގައި ކިލިޔަން އެމްބާޕޭގެ ނަން ބޭނުން ކުރުމުން އެކަމާ ނުރުހުންވެ، ވިޔަފާރިވެރިޔާއާ ދެކޮޅަށް ދައުވާ ކުރަން އެމްބާޕޭ ނިންމައިފި އެވެ.

މުހައްމަދު ހެނީ ނަމަކަށް ކިޔާ އެ ވިޔަފާރިވެރިޔަކީ ފްރާންސްގެ މާސޭގައި ކަބާބް ފިހާރައެއް ހިންގާ، މީހެކެވެ. ފުޓްބޯޅަ ކުޅުންތެރިންގެ މެދުގައި ވެސް އޭނާ ވަރަށް މަޝްހޫރެވެ. އަދި އޭނާ އަކީ ސޯޝަލްމީޑިއާ އިންފްލުއެންސަރެކެވެ. އޭނާގެ ކަބާބްގެ މެނޫގައި ހިމެނޭ ސޭންޑްވިޗްގެ ތަފްސީލުގައި ބުނެފައި ވަނީ، ބަނަސް ހަދާފައި ވަނީ "އެމްބާޕޭގެ ބޮލުގެ ނާށިގަނޑު ހާ ވަށް ކޮށް" ކަމަށެވެ.

ނަމަވެސް ހުއްދަ ނުހޯދައި ވިޔަފާރީގެ މަންފާއެއް ހޯދަން އެމްބާޕޭގެ ނަން ބޭނުން ކޮށްފައި ވާކަމަށާއި އަށް ދުވަސް ތެރޭ އޭނާގެ މެނޫން އެމްބާޕޭގެ ނަން ފުހެލުމަށް އަންގައި އޭނާގެ ވަކީލުން ވަނީ މުހައްމަދު ހެނީ އަށް ސިޓީއަކުން އަންގައިފަ އެވެ. އަދި އެ މުއްދަތުގައޮ ތެރޭ އެ ކަންތައް ނުކޮށްފި ނަމަ ކޯޓަށް ދާނެ ކަމަށް ވެސް ސީޓީގައި ބުނެފައި ވެއެވެ.

"ލަދުގެ ކަންފުޅެއް ވެސް ނެތީތަ؟ މިނޫން ކަމެއް ކުރަން ނެތީތަ ދުނިޔެމަތީގަ؟ ބޭކާރު ކަމެއްގަ އަހަރެންނާ ދެކޮޅަށް ދައުވާ ކުރަން؟" އެމްބާޕޭގެ ވަކީލުންގެ ސިޓީ އިންސްޓަގްރާމަށް ލުމަށް ފަހު އޭނާގެ 1.8 މިލިއަން ފޮލޯވަރުންނާ މުހާތަބުކޮށް ހެނީ ބުނެފައިވެ އެވެ.

"އަހަރެން ހައިރާންވޭ އެ ފެންވަރުގެ ކުޅުންތެރިޔަކު އަހަރެންނާ މެދު ވިސްނަން ވަގުތު ހުސް ކުރީމަ. އޭނާގެ ވަގުތާ ފައިސާ އެ ހަރަދު ކުރަނީ އަހަރެންނަށް ގެއްލުމެއް ދޭން ވެގެން، އަހަރެން މީހަކަށް ގެއްލުމެއް ދިނީކީ ނޫން."

އެމްބާޕޭގެ ނަމަކީ އޭނާގެ މެނޫގައި ހިމެނޭ ހަމައެކަނި ފުޓްބޯޅަ ނަމެއް ނޫނެވެ. ކުރިން މާސޭ އަށް ކުޅުނު، މިހާރު ބްރެޒިލްގެ ވަސްކޯ ޑަގާމާ އަށް ކުޅޭ ވިންގާ ޑިމިޓްރީ ޕަޔެޓްގެ ނަން ވެސް ހެނީގެ މެނޫގައި ހިމަނާފައި ވެއެވެ.

"ޕަޔެޓް ހެން އަބަދު ފުރިފަ،" ހެނީ އޭނާގެ މެނޫގައި ހިމެނޭ ޕޭންކޭކެއްގެ ތަފްސީލުގައި ލިޔެފައިވެ އެވެ.

ފްރާންސް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ނީސްއާ ދެކޮޅަށް ކުޅެ ޕީއެސްޖީން 3-1 ން މޮޅުވި މެޗުގައި ފުރަތަމަ ލަނޑު ޖެހީ އެމްބާޕޭ އެވެ.