Roadha Mihaaru
އެމެރިކާގައި ޓިކްޓޮކް މަނާކުރަން ހައުސްއިން ފާސްކޮށްފި

އެމެރިކާގައި ޓިކްޓޮކް މަނާކުރާ ބިލް ހައުސް އިން ފާސްކޮށްފި

14 މާޗް 2024

ވީޑިއޯ ޝެއާކުރާ އެންމެ މަގުބޫލު ޕްލެޓްފޯމް ކަމަށްވާ ޓިކްޓޮކް ހިންގާ ޗައިނާގެ މައި ކުންފުންޏާ ގުޅުން ކަނޑާނުލާ ނަމަ އެ ޕްލެޓްފޯމް އެމެރިކާގައި މަނާކުރަންޖެހޭ ގޮތަށް ހެދި ބިލް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި އެވެ.

ވީޑިއޯ ޝެއާކުރާ އެންމެ މަގުބޫލު ޕްލެޓްފޯމް ކަމަށްވާ ޓިކްޓޮކް ހިންގާ ޗައިނާގެ މައި ކުންފުންޏާ ގުޅުން ކަނޑާނުލާ ނަމަ އެ ޕްލެޓްފޯމް އެމެރިކާގައި މަނާކުރަންޖެހޭ ގޮތަށް ހެދި ބިލް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި އެވެ.

މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓިކްޓޮކް އެމެރިކާގައި މަނާކުރަން ސިޔާސީ ފަރާތްތަކުން ބޭނުންވަނީ އެ އެޕްގެ މައި ކުންފުނި، ބައިޓްޑާންސް' އަކީ ޗައިނާ ކުންފުންޏަކަށް ވެފައި އެ ކުންފުންޏާ ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއާ ގުޅުން އޮވެދާނެ ކަމަށް ބެލެވޭތީ އެވެ. މިއީ އެމެރިކާގެ އެތައް ބައެއްގެ ޒާތީ މައުލޫމާތު ޗައިނާއަށް ލިބޭނެ ވަސީލަތެއްގެ ގޮތުގައި އަދި ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމެރިކާއިން ދެކެ އެވެ.

ހައުސް އިން މި ބިލް ފާސްކުރަން ފެންނަ ކަމަށް 352 މެންބަރަކު ތާއީދުކުރެއްވި އިރު ދެކޮޅަށް ދިނީ އެންމެ 65 ވޯޓެވެ.

މިއީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އެޕަކަށް ވާއިރު އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް ޑިމޮކްރެޓްސް އާއި ރިޕަބްލިކަން އިން ވެސް މި އެޕާ ދެކޮޅަށް ފިޔަވަޅު އަޅަން އުޅުމަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. އެއީ އިންތިހާބުގެ ނަތީޖާ ވަރަށް ބޮޑަށް ބިނާވަނީ ޒުވާނުންގެ ވޯޓަށް ކަމަށް ވާއިރު އެ މީހުންގެ ނުރުހުން ލިބިދާނެ ކަމެއް ސަރުކާރާއި އިދިކޮޅުން ވެސް ކުރަން އުޅުމެވެ.

"އެމެރިކާ ރައްޔިތުންނަށް ޖާސޫސްކޮށް، ނުފޫޒު ފޯރުވަން ކޮމިއުނިސްޓް ޗައިނާއިން ކުރާ މަސައްކަތާ ކޮންގްރެސް ދެކޮޅުކަން މިއަދު ދެ ޕާޓީން ވެސް ވަނީ ދައްކައިދީފައި،" ހައުސްގެ ސްޕީކާ، ރިޕަބްލިކަން ޕާޓީގެ މައިކް ޖޯންސަން ވިދާޅުވި އެވެ.

"އަޅުގަނޑު މި އެދެނީ ރައީސް ތަސްދީގުކުރައްވައި ގާނޫނަކަށް ބަދަލުކުރުމަށް މި ބިލް ސެނެޓުން ފާސްކޮށް ރައީސަށް ފޮނުވައިދިނުމަށް."

އެކަމަކު ހައުސްގެ މެންބަރުންނާ ހިލާފަށް ސެނެޓްގެ މެންބަރުންގެ މެދުގައި ޓިކްޓޮކާ މެދު ދެކޭ ގޮތް ތަފާތެވެ. އެހެންވެ، މިހާރު ވެސް އެމެރިކާގެ 170 މިލިއަން މީހުން ބޭނުންކުރާ މި އެޕާ މެދު އަމަލުކުރާނެ ގޮތަކަށް މިހާރު ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

"ޕްރޮޓެކްޓިން އެމެރިކަންސް ފްރޮމް ފޮރިން އެޑްވާސަރީ ކޮންޓްރޯލްޑް އެޕްލިކޭޝަންސް އެކްޓް" ގެ ނަން ދީފައިވާ މި ބިލް ސެނެޓުން ފާސްކޮށް ފޮނުވައިފި ނަމަ ރައީސް ޖޯ ބައިޑެން އެ ބިލް ތަސްދީގުކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ