Roadha Mihaaru

ގްރަންޑުވެފައި އޮތް "މަހާ ޖައްރާފު" މަރާމާތުކޮށް އޮޕަރޭޝަނަށް

އެމްޓީސީސީގެ ބޮޑު ޑްރެޖަރު "މަހާ ޖައްރާފު" ހަލާކުވެ އަހަރަކަށް ވުރެ ގިނަ ދުވަހު ގްރައުންޑުވެފައި އޮތުމަށް ފަހު މަރާމާތުކޮށް އޮޕަރޭޝަނަށް ނެރެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"މަހާ ޖައްރާފު" މަރާމާތުކޮށް އޮޕަރޭޝަނަށް ނެރެފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

11 މާޗް 2024

އެމްޓީސީސީގެ ބޮޑު ޑްރެޖަރު "މަހާ ޖައްރާފު" ހަލާކުވެ އަހަރަކަށް ވުރެ ގިނަ ދުވަހު ގްރައުންޑުވެފައި އޮތުމަށް ފަހު މަރާމާތުކޮށް އޮޕަރޭޝަނަށް ނެރެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، މަހާ ޖައްރާފު ގްރައުންޑު ކުރިތާ 20 މަސް ދުވަސްވެފައިވާ ކަމަށެވެ. މަހާ ޖައްރާފު ގްރައުންޑުކޮށްފައި އޮތުމުން، އެމްޓީސީސީން ކުރިއަށް ގެންދިޔަ ބިންހިއްކުމުގެ މަޝްރޫއުތަކަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ އެ މުއްދަތުގެ ތެރޭގައި ބޭރުން ޑްރެޖަރެއް ބޮޑުއަގުގައި ލީޒްކޮށްގެން ގެނެސް ބައެއް ބިން ހިއްކުމުގެ މަސައްކަތްތައް ކުރަން މަޖުބޫރުވެ، ބިން ހިއްކުމުގެ މަޝްރޫއުތަކުން ކުންފުންޏަށް ލިބެން އޮތް ފައިދާ ވަރަށް ބޮޑަށް ދަށްވިކަމަށެވެ.

މަހާ ޖައްރާފު ގްރައުންޑްވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅަށް ޝެޑިއުލްކޮށް މެއިންޓެނަންސް ނުކޮށް އޮތުން ކަމަށާއި އެފަދަ އަގުބޮޑު އުޅަނދަކަށް ބަލަންޖެހޭ މިންވަރަށް ނުބަލާ ކުރީގެ މެނޭޖްމަންޓުން އިހުމާލުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މަހާ ޖައްރާފު ބޭނުން ނުކުރެވި 571 ދުވަސް ހޭދެވެފައި ވާއިރ،ު 47 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިންގުމުގެ ހަރަދުގެގޮތުގައި މި މުއްދަތުގައި ހޭދަކުރަން ޖެހުނު ކަމަށް ވެސް ބުންޏެވެ. އަދި މިކަމުގެ ސަބަބުން އާމްދަނީން 510 މިލިޔަން ރުފިޔާ ގެއްލިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކާކަމަށް ވެސް ބުންޏެވެ.

ބިން ހިއްކުމަކީ އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީ ލިބެން އޮތް މަގަށް ވާއިރު، އާ މެނޭޖްމަންޓުން މަހާ ޖައްރާފު އަވަހަށް އޮޕަރޭޝަނަށް ނެރުމަށް އިސްކަން ދީ، ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެތަނުން ބުނި ގޮތުގައި، އެ މަސައްކަތްތަތުގެ ދަށުން ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތެރޭގައި މަރާމާތުތައް ނިންމައި މިދިޔަ ޖެނުއަރީ މަހު މަހާ ޖައްރާފު އޮޕަރޭޝަނަށް ވަނީ ނެރެފަ އެވެ.

މަހާ ޖައްރާފު މިހާރު އަންނަނީ އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަމުންނެވެ. މިއީ 71 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 13.07 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އުނގޫފާރު މަޝްރޫއު އަކީ މި ސަރުކާރުގެ މަޝްރޫއެކެވެ. މި މަޝްރޫއު މިހާރު ނިމުމަކާއި ގާތްވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.