ގައުމަށް ހިދުމަތްކުރައްވަން ލިބިވަޑައިގަންނަވާ ފުރުސަތުތަކާ މެދު ބައްޕަގެ ހިޔާލެއް ހޯއްދެވުމަކީ އާދަމް އާޒިމްގެ އާދައެކެވެ. އެމްޓީސީސީއާ ހަވާލުވެވަޑައިގަތުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން، އެކަން ގަބޫލުކުރައްވައި، ދެން އެ ވާހަކަ ވިދާޅުވީ ބައްޕަ އަބްދުއްރަޝީދުގެ އަަރިހުގަ އެވެ.
17 ޑިސެމްބަރ 2020
ގައުމަށް ހިދުމަތްކުރައްވަން ލިބިވަޑައިގަންނަވާ ފުރުސަތުތަކާ މެދު ބައްޕަގެ ހިޔާލެއް ހޯއްދެވުމަކީ އާދަމް އާޒިމްގެ އާދައެކެވެ. އެމްޓީސީސީއާ ހަވާލުވެވަޑައިގަތުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން، އެކަން ގަބޫލުކުރައްވައި، ދެން އެ ވާހަކަ ވިދާޅުވީ ބައްޕަ އަބްދުއްރަޝީދުގެ އަަރިހުގަ އެވެ.
"ބައްޕަ ބުނީ ދާން ހެޔޮވާވަރުގެ ތަނެއް ނޫނޭ، ފައިދާވާ ތަނެއް ނޫނޭ. ހިންގަން އުނދަގޫވާނޭ،" މި އަހަރުގެ ޖެނުއަރީ މަހު، ބައްޕަ އެ ވިދާޅުވި ވާހަކަކޮޅުގެ ހަނދާންތައް އާކުރައްވަމުން، އާޒިމް ވިދާޅުވި އެވެ.
އަބްދުއްރަޝީދަކީ، ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި، އާރުސީސީގެ އޭރުގެ ޗެއާމަނެވެ. ފެށުނީއްސުރެ އެމްޓީސީސީގެ ހިއްސާދާރެކެވެ. ބައްޕަގެ ނިޔަތަކީ، އާޒިމް ކުރައްވަން އުޅުއްވާ ކަމަކަށް ހުރަސްއެޅުއްވުމެއް ނޫނެވެ. އެހެންކަމުން އާޒިމް ވެސް އޭނާގެ ހިޔާލު ބައްޕަ އަށް ކިޔައިދެއްވި އެވެ.
"އަޅުގަނޑު ބުނިން ތި ހުރިހާ ކަމެއް ވެސް ހައްލުކުރެވޭނީ ބަޔަކު އުޅެގެންތާއޭ،" އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގެ ސީއީއޯގެ ކޮޓަރިކޮޅުގައި އިންނަވައިގެން "މިހާރު"އާ އެ ހުރިހާ ވާހަކަތަކެއް ހިއްސާކުރެއްވީ، ކުރިމަތީގައި އޮތް ކަރުދާސްތަކުން ފެންނަން ހުރި އުފާވެރި ހިސާބު އަދަދުތަކަށް ވެސް ބައްލަވަމުންނެވެ. ބައްޕަ ވިދާޅުވި ގޮތަށް، އެމްޓީސީސީއަކީ، އޭނާ ހަވާލުވެވަޑައިގެންނެވި އިރު ހިންގަން އުނދަގޫވާނެ ގިނަ ކަންކަން ހުރި ކުންފުންޏެކެވެ. އަދި އެ ހުރިހާ ކަމެއް އެއް އަހަރު ތެރޭގައި ބަދަލުވެއްޖެ ކަމަކަށް ވެސް ގަބޫލެއްނުކުރައްވަ އެވެ. އެކަމަކު މާދަމާ، ޑިސެމްބަރު 18، އެމްޓީސީސީގެ އުމުރުން 40 އަހަރު ވާއިރު، އެ ހިސާބުތަކުން ދައްކަނީ މިއަދު އާޒިމްގެ ބައްޕަ ދުނިޔޭގައި ހުންނެވި ނަމަ، އުފާކުރައްވާނޭ ފަދަ އަދަދުތަކެކެވެ. މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ، ކުންފުނީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވަނީ 50 މިލިއަން ރުފިޔާ ހުރަސްކޮށްފަ އެވެ. އަދި މި އަހަރުގެ މުޅި ފައިދާ 200 މިލިއަން ރުފިޔާއަށް އަރާނެކަމުގެ ޔަގީންކަން އޭނާ އަށް އެބަ އޮތެވެ.
ހޯރަފުށި އެއާޕޯޓު: މިއީ އެމްޓީސީސީގެ ވަރަށް ފާހަގަކޮށްލެވޭ އަދި އަވަސް މަސައްކަތެއް
ފައިދާވަމުން ނުވަމުން، މަސައްކަތްތައް ކުރެވި، ނުކުރެވެމުން، ދޭތެރެ ދޭތެރެއިން "ބޮކި ޖަހައި އަޑިއަށް ދަމުން" މި ހުރިހާ އުނދަގުލެއް ތަހައްމަލްކުރި ކުންފުނި މިހާރު ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށް، އާޒިމް ގަބޫލުކުރައްވަ އެވެ.
ދަރިކަލުން އެކުރައްވާ މަސައްކަތް ދެކެވަޑައިގަންނަވާކަށް، މިއަދު އަބްދުއްރަޝީދު ދުނިޔެއަކު ނެތެވެ. އޭނާ ވަނީ ފެބްރުއަރީ 17، 2020 ގައި އަވަހާރަވެފަ އެވެ.
އެކަމަކު އާޒިމް ވިދާޅުވި ގޮތުގައި، އޭރު ވެސް އާލާސްކަންފުޅާ އުޅުއްވި ބައްޕަގެ ހަޔާތުގެ ފަހު ދުވަސްކޮޅު އޭނާ ހަވާލުވެވަޑައިގެންނެވި އާ ޒިންމާތަކުން ރަނގަޅު ނަތީޖާއެއް ލިބެމުން އެ އަންނަނީ ކުންފުނި ކުރިއަށް ގެންދާނެ ބަޔަކު ވެސް ތިބެގެންނެވެ. ހުރި މައްސަލަތަކާ ކުރިމަތިލައި، މުޅި ވާހަކަ ބަދަލުކޮށްލަން މަސައްކަތްކުރާނެ ބަޔަކު ވެސް އެމްޓީސީސީގައި އުޅޭތީ އެވެ.
އެމްޓީސީސީގެ އުމުރުން މުހިންމު އަހަރެއް ފުރޭއިރު އާޒިމް ވިދާޅުވަނީ، ޑޮމެސްޓިކް އެއާޕޯޓެއް ނިންމަން ކުރިން ނެގި ތިން އަހަރު މިހާރު 17 މަހަށް، 12 މަހަށް ކުޑަކުރެވިއްޖެ ކަމަށެވެ. ކުރިން ދޮޅު އަހަރުން ނިންމާ ބަނދަރަށް މިހާރު ނަގާނީ އަށް މަސް ކަމަށް ވިދާޅުވި އެވެ.
"ކުރީގައި ހުރީ އެއް ތަނެއްގައި ކްރޭނެއް، އަނެއް ތަނެއްގައި އެކްސްކަވޭޓަރެއް، ލޮރީއެއް، މިހެން ގޮސް، މަސައްކަތްތައް ނިންމޭ ގޮތަކަށް ނޫން،" އާޒިމް ކިޔައިދެއްވި އެވެ.
އެމްޓީސީސީން ރަށެއްގެ މަގު ހަދަނީ: ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ދެނީ އެމްޓީސީސީއަށް
"އަޅުގަނޑު ހަވާލުވެފައި ބުނިން ކޮންމެ ތަނަކަށް ވެސް ދާންވާނީ ބޭނުންވާ ސާމާނާއި މީހުންނާ އެކުގައޭ. އެތަނުން އެހެން ތަނަކަށް ދާންވާނީ ނިންމާފައޭ."
ދެ ހާހާ ގާތްކުރާ އަދަދަކަށް މުވައްޒަފުން ތިބި އެމްޓީސީސީން މިއަދު ދައްކަން ބޭނުންވަނީ، އާޒިމް ވިދާޅުވި ގޮތުގައި، މަޝްރޫއުތައް އަވަހަށް ނިންމައި، ފައިދާ އިތުރުކޮށް، ގާތްގަނޑަކަށް 24،000 ހިއްސާދާރުންނަށް ވެސް ފައިދާއެއް ދެވޭނެ މިންވަރަކަށް، ކުންފުނީގެ މަސައްކަތްތަކުން ނަތީޖާ ނެރެވޭ ކަމެވެ. އަދި ނެރެވޭނެ ކަމެވެ.
ސަރުކާރުން ރަށްރަށުގައި ހަދާ ބަނދަރުތަކާއި ބިން ހިއްކުމާއި މަގު ހެދުން ފަދަ މަޝްރޫއުތައް ވީހާ ވެސް ގިނައިން އެމްޓީސީސީ އަށް ހަވާލުކުރާ ވަރަކަށް ފައިދާ ވެސް ބޮޑުވާނެ ނޫންތޯ އާއި، އެއީ ކުންފުނި މާ ވަރުގަދައަށް ހިންގުންތޯ ސުވާލު ދެންނެވުމުން ޖަވާބު އޮތީ އާޒިމްގެ ދުލު ކުރީގަ އެވެ.
"ސަަރުކާރުގެ ޕްރޮޖެކްޓްސްތައް އަބަދުވެސް އެމްޓީސީސީ އަށް ދޭ. އެކަމަކު ގެންދަން ޖެހޭ ބާރުމިނުގައި ނުގެންދެވެނީ. އެހެންވެ އޭގެ ނަފާ ނުލިބެނީ."
އާޒިމަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިންގެވުމުގައި އާ ބޭފުޅެއް ނޫނެވެ. އެސްޓީއޯ އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އެވެ. އެ ދެ ކުންފުނީގެ އިސް އެހެން މަގާމުތައް ވެސް، އެތައް އަހަރެއް ވަންދެން ފުރުއްވި އެވެ. އެކަމަކު ވަޒީފާގައި ހުންނަން ޖެހޭ އަހުލާގީ މިންގަނޑު އޭނާ ދަސްކުރެއްވީ ހަމައެކަނި އެ ކުންފުނިތަކުގެ ތެރެއަކުން ނޫނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ގަޑިއަށް ބަރާބަރަށް އައުމާއި ގަޑިއަށް ބަރާބަރަށް މަސައްކަތް ނުނިންމާހާ ހިނދަކު، ދިރިއުޅުން ވެސް، ކުންފުނިތައް ވެސް، އޮންނާނީ ބޮއްސުންލައިފަ އެވެ.
މި އަހުލާގާއި އެ ހިތްވަރު އޭނާ ހޯއްދެވީ، ވަރަށް ކުރު މުއްދަތަކަށް ދެމިގެންދިޔަ ފުޓްބޯޅަ ހަޔާތުންނެވެ. އެކަމަކު އެއީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގެ ބޮޑު ސަފުހާއެކެވެ.
ގަލޮޅު ދަނޑު ފުރިބަންޑުންވެ، ގަލޮޅާއި ހެންވޭރުގެ މަގުތައް ރަތާއި ނޫ ދިދަތަކުން ހިޔާވެފައި އޮތް ދުވަސްތަކުގެ ފަހު މަރުހަލާ އެވެ. ގަލޮޅަށް ނިސްބަތްވާ ވިކްޓަރީ އާއި ހެންވޭރުގެ ކްލަބްގެ ގޮތުގައި އޮތް ނިއު ރޭޑިއަންޓްގެ މެދުގައި ހިނގި އަވަށު ވާދަވެރިކަން ނިމުމުގެ ފެށުމެވެ. އަވަށް ދެކެ ލޯބިން ކުޅުންތެރިން ލޭކޮށާލި ދުވަސްތައް، ވެލެންސިއާއިން ބަދަލުކޮށްލި އަހަރެވެ. ނިއު ރޭޑިއަންޓުން އޭރު ވަނީ 1990 އާއި 1991ގެ ގައުމީ ތަށި ކާމިޔާބުކޮށްފަ އެވެ. ދެން އޮތީ، އޭރު ރާއްޖޭގެ ފުޓްބޯޅައިގައި ތަދު އެކަމަކު އެހާމެ ބޮޑު ނަމެއް ހޯދުމުގެ ވަގުތެވެ: ޖެހިޖެހިގެން ތިން ފަހަރު ތަށި އުފުލާލައި، މިލްކުކުރުމެވެ. އެކަން އޭގެ ކުރިން ހާސިލްކުރި ހަމައެކަނި ކޯޗު، އަބްދުލްޖަލީލް، މަޝްހޫރު ނަމުން ނަމަ އަބްޖީ ހުރީ ވިކްޓަރީގަ އެވެ. އޭނާ 1983-86 އާ ދެމެދު ވިކްޓަރީއަށް ގައުމީ ތަށި ހޯދައިދިން ހަތަރު އަހަރު، އަދިވެސް ފުޓްބޯޅައިގެ ތާރީހުގައި އެ އޮތީ ރަން އަކުރުން ލިއެފަ އެވެ. އަބްޖީ އާއި ވިކްޓަރީގެ އެ ކާމިޔާބީއާ އެއްހަމައަކަށް ދާން ނިއު ރޭޑިއަންޓްގެ ކޯޗަކަށް ހުރީ އިބްރާހިމް ނޫރައްދީނެވެ. އެހެންކަމުން، 1992ގެ ގައުމީ ފައިނަލަށް ވިކްޓަރީ އާއި ނިއު ނުކުތީ، މި ދެ ކޯޗުންގެ ވެސް އެހާމެ ބޮޑު ވާދަވެރިކަމެއްގަ އެވެ.
އެކަމަކު 1991ގެ މުބާރާތް ނިމުމާ އެކު ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި ކުރިން ނުހިނގާ ކަމެއް، އޭރު ގައުމީ ފުޓްބޯޅަ ތަށީގައި އަތްލުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ލިބިފައި ނެތް ވެލެންސިއާ އިން ކުރި އެވެ: އެހެން ޓީމުތަކުގެ މޮޅެތި ކުޅުންތެރިން ގަތުމެވެ. އެގޮތުން ވިކްޓަަރީގެ މައި ތަނބުތައް ކަމަށްވާ ކީޕަރު މައުރޫމް އަހުމަދު (މާއްޓޭ) އާއި ދޮންބިލެތް އަހުމަދު ހަލީމް އަދި އަލީ ސުޒޭން، މަހު މުސާރައަށް ކްލަބް ބަދަލުކުރި އެވެ. ނިއުގެ އަދި މުޅި ހެންވޭރު ފަހުރުވެރިވި މޫސާމަނިކު (ކުޑަމޫސަ) ވެސް ވެލެންސިއާއިން ގަތީ އެވެ.
އެކަމަކު ބަލިކަށިވެފައި އޮތް ވިކްޓަރީން ޒުވާން، އާ ކުޅުންތެރިންތަކެއް ގޮވައިގެން 1992 ގައި ނުކުމެ، އަބުޖީ ވަނީ ވެލެންސިއާ ކަޓުވާލައި، އަދި ފައިނަލްގައި، ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި އުފުލާލައިފަ އެވެ. އެ ކާމިޔާބު ހޯދި ޓީމުގެ އެއް ކުޅުންތެރިޔަކީ އާޒިމެވެ. އެކަމަކު ފުރަތަމަ ސްކޮޑް ނެގި އިރު ވެސް ޓީމުގައި އޭނާ ނުހިމެނެ އެވެ. އޭރު އޭނާ ހުރީ ވިކްޓަރީ ޕްރެކްޓިސްކުރާ އިރު ބޯޅަ ހޮވާށެވެ. ޕްރެކްޓިސް ފަށާ އިރު ކޮންމެ ދުވަހަކު ވެސް އޭނާ، އެކަން ކުރަން ހުރެ އެވެ. އަދި ހައެއް ޖެހުމާ އެކު ވިކްޓަރީގެ ޕްރެކްޓިސް ނިމުމުން، އޭނާ ބޯޅައެއް ހޯދައިގެން އެކަނިމާއެކަނި ޕްރެކްޓިސްކުރި އެވެ. އަނދިރީގައި ނަމަވެސް، ފުޓްބޯޅައިގެ މައިގަނޑު ހުނަރުތަކުން ކޮންމެވެސް އެއް ހުނަރަކުން ކުރި ހޯދޭތޯ އެވެ.
އާޒިމް "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އެއްވެސް ކަމެއް ބަހަށް ނުބެއްޓުމަކީ ކުންފުންޏެއްގެ ވެސް މުހިންމު ސިފައެއް --ފޮޓޯ: ނިޝާން އަލީ/ މިހާރު
"ބަރާބަރަށް ގަޑިއަށް ގޮސް އޭރު ހުންނަން. ޓީމަށް ނޭރިޔަސް ފުރުސަތު ލިބޭތޯ މަސައްކަތްކުރިން. އެންމެ ފަހުން ކޮންމެވެސް ކުޅުންތެރިޔަކަށް އަނިޔާވެގެން ފުރުސަތު ލިބުނީ،" އާޒިމް ވިދާޅުވި އެވެ.
"ފަހުން އަބުޖީ ބުނާނެ އާދަމް އަތުގައި އޮންނަ ބޯޅައެއް އެހެން ކުޅުންތެރިޔަކަށް އަތެއް ނުވާނެއޭ."
އެކަމަކު ޖެހިގެން އައި އަހަރު، 1993 ގައި، ޕްރެކްޓިސް މެޗެއްގެ ތެރެއިން ކަނާތު ފައިގެ ކަކޫ ހަލާކުވުމާ އެކު ފުޓްބޯޅަ ކުޅުން ހުއްޓާލެއްވި އެވެ.
"ފުޓްބޯޅައިން އަޅުގަނޑަށް ދަސްވީ ގަޑިއަށް ސަމާލުވުން، ނިންމުންތައް އަވަހަށް ނިންމުން، ކަންކަން ފަހަށް ނުބެހެއްޓުން، ހުރިހާ އެންމެންގެ މަޝްވަރާ ހޯދުން، ނާއުއްމީދުނުވުން،" އާޒިމް ވިދާޅުވި އެވެ.
ކޮންމެ ކުންފުންޏަކަށް ވަޑައިގަތަސް އެންމެ ފުރަތަމަ އޭނާ ސަމާލުކަން ދެއްވަނީ، މުވައްޒަފުން ލައްވާ ގަޑިއަށް ފަރުވާ ބެހެއްޓުމަށެވެ.
"އަށެއް ޖަހާއިރު އޮފީހަށް އައިސް ހަތަރެއް ޖަހަންދެން ތިބެންޏާ ނުނިމި ކަމެއް ހުރެގެން ނުވާނެ. ގަޑިން ގަޑިއަށް ކުރަން ޖެހޭ ކަމެއް ކުރަންޏާ އެއްވެސް ކަމެއް ލަހެއް ނުވާނެ،" އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގެ މަސައްކަތްތަކަށް ވެސް ގެންނެވުނު އެއް ބަދަލަކީ އެއީ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ކުންފުނީގެ ސާމާނު ބޭނުންނުކޮށް ބެހެއްޓުމުގެ ބަދަލުގައި ވީހާވެސް ގިނަ ވަގުތު ހިންހިންގާ ހުންނަން ޖެހެ އެވެ. އެކަން ކުރެވޭނީ މުވައްޒަފުން ހަރަކާތްތެރިކޮށްގެންނެވެ. މުވައްޒަފުންނަކީ، އާޒިމް ވިދާޅުވި ގޮތުގައި، އޮފީހުގެ އުސޫލުތަކަށް ތަބާވެ، ކަންކަން ކުރަން ތިބޭ ބައެކެވެ.
"ގުޑް ގަވާނަންސް އެއީ [ބައެއް މީހުންނަށް] އުނދަގޫ ސިސްޓަމެއް. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ފަސޭހަ ކަމެއް،" އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގެ އަހަރުގެ ފައިދާ ފުރަތަމަ ފަހަރަށް 200 މިލިއަން ރުފިޔާއަށް މި އަހަރު އަރަނީ، އޭނާ ވިދާޅުވި ގޮތުގައި، ނަތީޖާ ނެރެން މުޅި ކުންފުނިން މަސައްކަތްތަކެއް ކުރެވިގެންނެވެ. މަޝްރޫއުތަކުން ގެއްލުން ނުކޮށް، ފައިދާ ނެރެވޭ އަވަސް މިނުގައި ނިންމައިގެންނެވެ.
މި އަހަރުގެ ކާމިޔާބީއާ އެކު އެމްޓީސީސީގެ ދުވެލި ދެން މަޑުނުވާނެކަން އާޒިމް ޔަގީންކުރައްވަ އެވެ. އެހެންކަމުން އޭނާ ލަފާކުރައްވަނީ 2023 ގައި، އަހަރުގެ ފައިދާ 350 މިލިއަން ރުފިޔާއަށް ގެންދެވޭނެ ކަމަށެވެ. އަދި ހަމައެކަނި ސަރުކާރުގެ ޕްރޮޖެކްޓްސްތަކަށް ބަރާސޯނުވެ، އެހެން ދާއިރާތަކުން ދެމިގަންނާނެ ވިސްނުން ވެސް، ގެންގުޅުއްވަ އެވެ. އެމްޓީސީސީ އުފެދިގެން އައީ ވެސް އޭރު ރާއްޖޭގައި ނުކުރާ ކަންކަމަށް އިސްކަން ދީގެންނެވެ. މިސާލަކަށް އޭނާ ދެއްކެވީ ލަކުޑި އެތެރެކޮށް ބޮޑު ސޯމިލްގައި އެ ކީހައި، ކުދިކޮށް، އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ފަސޭހަ އެވެ. ފަޅު ކޮންނަން ފެށި އެވެ. ބިން ހިއްކަން ފެށި އެވެ. އިމާރާތްކުރުމުގެ އެތައް މަސައްކަތެކެވެ. އެހެންކަމުން ދެން އޮތް ދަތުރުގައި ވެސް، ރާއްޖޭގައި ފުޅާކުރެވެން ހުރި ބޮޑެތި ބައެއް ދާއިރާތަކަށް ސަމާލުކަން ދެއްވަން އޭނާ ތައްޔާރެވެ.
އިންޓަނޭޝަނަލް ޑޮކްޔާޑެއް ހެދުމުގެ ޕްލޭނަކީ، އޭގެ އެއް ބަ އެވެ. މިހާރު ވެސް އެމްޓީސީސީން ގެންދަނީ ތިލަފުށީގައި ކުޑަކުޑަ ޑޮކްޔާޑެއް ހިންގަމުންނެވެ. އެކަމަކު އާޒިމްގެ ވިސްނުން ހުރީ، މިސާލަކަށް އެމްޓީސީސީގެ ބޮޑު ކޮންނަބޯޓު "މަހާ ޖައްރާފް" އަށް ވެސް ހިދުމަތް ދެވޭވަރުގެ ތަނެއް ހެދުމެވެ.
"މަހާ ޖައްރާފު ބޭރަށް ފޮނުވައިފިއްޔާ އެބަ ހޭދަކުރަން ޖެހޭ މިލިއަނެއްހާ ޑޮލަރު. އޭގެ ބަދަލުގައި އެއް މިލިއަން ނުވަތަ ދެ މިލިއަން ޑޮލަރު ހޭދަކޮށްގެން އެވަރުގެ ތަނެއް ހެދިއްޖެއްޔާ އެ ހަރަދު ދެން ނުޖެހޭނެ ކުރާކަށް،" އާޒިމް ވިދާޅުވި އެވެ.
އެމްޓީސީސީގެ ކޮންނަބޯޓު "މަހާ ޖައްރާފު" ވެލި ހިފައިގެން ދަތުރުކުރަނީ: އާ ކަންކަން ކުރެވެން އެބަ ހުރި ކަމަށް އާޒިމް ވިދާޅުވޭ
އެކަމަކު ބޮޑެތި ކަންކަމުގެ ތެރެއަށް ވަދެވޭނީ ކުންފުނި އަދިވެސް ރަނގަޅު ކޮށްގެން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. މިދިއަ 40 އަހަރު، އެމްޓީސީސީ ފުޅާވާން ޖެހޭނެ ވަރަށް އެކަން ހާސިލްނުވާ ކަމަށް، އޭނާ ވިދާޅުވަނީ، ކުންފުނީގެ ފޯކަސް ގެއްލި، ހުއްޓުންތަކެއް އައިސް އޮތުމުން ކަމަށެވެ. އޭގެ އެއް ސަބަބަކީ، އާޒިމް ވިދާޅުވި ގޮތުގައި، މާ އަވަސްއަވަހަށް ސީއީއޯ ބަދަލުވުން ފަދަ ކަންކަމެވެ.
"އެކަހަލަ ކަންކަމާ ހެދި ފޯކަސް ގެއްލިފައި އޮތީ. މެނޭޖްމަންޓް އަވަސް އަވަހަށް ބަދަލުވުމަކީ ކުންފުނިތައް ކުރިއަށް ދާން އޮތް ހުރަހެއް،" އާޒިމް ވިދާޅުވި އެވެ.
އެކަމަކު މި އަހަރު ކުރެއްވުނު މަސައްކަތާއި މުވައްޒަފުން ވެސް ކުރި ހިތްވަރުން، މިހާރު އެމްޓީސީސީގެ މިސްރާބު ރަނގަޅު ކުރެވެމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކޮވިޑްގެ ހުރަސްތަކާ އެކު ވެސް، ކުރިއަށް ގެންދެވުމަކީ، ކާމިޔާބީއެއް ކަމަށް އޭނާ ދެކެވަޑައިގަނެ އެވެ.
"މިއީ ރާއްޖޭގައި ފުރަތަމަ ހިއްސާ ވިއްކި ކުންފުނި،" ތާރީޚަށް ނަޒަރު ގެންދަވަމުން އާޒިމް ވިދާޅުވި އެވެ.
"އެމްޓީސީސީން ވަނީ އުމުރާނީ އެތައް ތަރައްގީއެއް ރާއްޖެއަށް ގެނެސްދީފައި. ފައްސަތޭކައަށް ވުރެ ގިނަ ޕްރޮޖެކްޓްސް ހިންގައިފި، އެއީ އަނެއްހެން ބުނާ ނަމަ ރަށެއްގައި އެވްރެޖްކޮށް ދެ ޕްރޮޖެކްޓް. ރާއްޖޭގައި ބޮޑު މަސައްކަތެއް ނުހުންނާނެ އެމްޓީސީސީގެ ހިއްސާއެއް ނެތި ހިންގިފައެއް."
މާޒީގެ އެ ސަފުހާތަކާ އެކު އުމުރުން އާ އަހަރަކަށް އެމްޓީސީސީ ކުރިމަތި އެލަނީ، ޑިސެމްބަރު 18، 1980 ގައި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ވުޖޫދަށް ގެނައި ކުންފުނީގެ ހަޔާތުގައި ވެސް ފައިދާ ބޮޑު އަހަރަކަށް ކަމަށް، އާޒިމް ވިދާޅުވެ އެވެ. އެހެންކަމުން، ހިސާބުތަކުން ފެންނަ ގޮތަށް، އާ ދިހަ އަހަރެއް ފަށަން 200 މިލިއަން ރުފިޔާގެ ރެކޯޑް ފައިދާއަކީ ކުޑަ އުފަލެއް ނޫނެވެ.
"ވަރަށް ބާރަށް ހިނގާ، ރައްޔިތުންގެ އިތުބާރު ހޯދޭނެ ކުންފުންޏަކަށް ހެދުމުގެ ފައުންޑޭޝަން މި އެޅުނީ. ރައީސް ވެސް ވިދާޅުވީ ޕްރޮޖެކްޓްސްތައް ކުރިއަށް ގެންގޮސް، ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް ނެރެދޭށޭ،" އާޒިމް ވިދާޅުވި އެވެ.
"އެކަން ހާސިލްވަމުން ދާތީ އަޅުގަނޑު ވަރަށް އުފާވޭ، ހިތްހަމަޖެހޭ."
ރަސްފަންނު މަރާމާތުކުރުމުގެ ފުރުސަތެއް ނުދިން:އެމްޓީސީސީ
"ރަސްފަންނު ބަލަހައްޓަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި"
"މަހާ ޖައްރާފު" މަރާމާތުކޮށް އޮޕަރޭޝަނަށް ނެރެފި
އެމްޓީސީސީއަށް ނުދެއްކޭވަރުގެ ދަރަންޏެއް ނޯންނާނެ:އާޒިމް
މަޝްރޫއުތައް އަވަސްކުރަން އެމްޓީސީސީން ބޮޑު ޑްރެޖަރެއް
5ބިލިއަންގެ މަޝްރޫއުން އަމާޒަކީ ބޮޑު އާމްދަނީއެއް
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
އާޒިމްގެ ތިން އަހަރު: އެމްޓީސީސީ ހަ ގުނަ ފުޅާވެއްޖެ
"އިގްތިސާދުގައި 100 މިލިއަން ޑޮލަރު ހިފެހެއްޓުނު"
ދެ ހިދުމަތް ކުރިއަށް ގެންދެވޭނެތޯ ނިންމާނީ ސަރުކާރުން