Roadha Mihaaru
"ރަސްފަންނު ބަލަހައްޓަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި"

ރަސްފަންނު ބަލަހައްޓަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި: އާޒިމް

23 ޑިސެމްބަރ 2024

ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވިއަސް ރަސްފަންނު މަރާމާތު ކުރަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލްގެ ޒިންމާއަކަށް ވިއަސް ރަސްފަންނު މަރާމާތު ކުރަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަސްފަންނު ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަންތަން ދައްކުވައިދޭ ވީޑިއޯއެއް "މިހާރު" އިން އިއްޔެ އާންމު ކުރުމާ އެކު، އާޒިމް ވިދާޅުވީ ހަޓުތަކާއި ބާބަކިއު ސަރަހައްދު ބެލެހެއްޓުމަކީ އެމްޓީސީސީގެ ޒިންމާއެއް ކަމަށެވެ.

އެ ތަނުގައި ހިންގާ ކިއޮސްކަކީ، އެ ސަރަހައްދު މަރާމާތު ކުރާތީ އޭގެ ބަދަލުގައި އެމްޓީސީސީ އަށް ދީފައިވާ ތަނެއް ކަމަށް އާޒިމް ވިދާޅުވި އެވެ. ކިއޮސްކް ކުއްޔަށް ދީގެން އާމްދަނީ ލިބެނީ އެމްޓީސީސީއަށެވެ.

"އެގްރިމެންޓެއް އޮތީމާ، އެ އަށް އިހުތިރާމް ކުރަން ވެގެން އަޅުގަނޑުމެން އެ މަސައްކަތް ނުކުރަނީ. އެކަމަކު، ރަސްފަންނުގައި ހުންނަ ކުނި އެއްޗެހި ނަގައި ސާފުކުރަން،" އާޒިމް ވިދާޅުވި އެވެ.

ރަސްފަންނުގައި ހިންގާ ޕޮމެލޯ ރެސްޓޯރެންޓު ހިމެނޭ ގޮތަށް ޝަވަރުތައް މަރާމާތުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާ އެވެ. ރަސްފަންނުން އައިޖީއެމްއެޗާ ވީ ހިސާބު ބަލަހައްޓަން ވެސް އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ރަސްފަންނުގެ އިތުރުން ސުނާމީ ބިނާ މައިޒާން ސަރަހައްދު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އާޒިމް ވިދާޅުވިގޮތުގައި، މަރާމާތު ކުރުމުގެ ބަދަލުގައި އެ ތަނުގައި ޖެހޭނީ އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރާށެވެ. ނަމަވެސް، އެކަން ކުރާނެ ބަޖެޓެއް ސިޓީ ކައުންސިލްގައި ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ.

"ބަޖެޓް ހަމަޖައްސައިދީފި ނަމަ ކައުންސިލަށް ވެސް ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، ރަސްފަންނު މަރާމާތުކުރުމާ ގުޅޭގޮތުން އެމްޓީސީސީ އަށް މިއަދު ސިޓީ ފޮނުވާނެ ކަމަށެވެ.