Roadha Mihaaru
ބަސް ދަތުރުތަކުގެ މައްސަލާގައި އާޒިމް ރަތަށް!

އާޒިމްގެ އުދާސްތައް ސިޓީ ކައުންސިލަށް: ތި ވެސް ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ބައެއް!

19 ޖުލައި 2022

މާލޭގައި މި މަހުގެ ތެރޭގައި މިނީ ބަހުގެ ހިދުމަތް ދޭން ސިޓީ ކައުންސިލުން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށް ވިދާޅުވެ، އޭގެ ހިތްހަމަނުޖެހުންތައް، އެމްޓީސީސީގެ މެނެޖިން ޑިރެކްޓަރު/ ސީއީއޯ އާދަމް އާޒިމް ރޭ ފާޅުކުރައްވައިފި އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މާލޭގައި މި މަހުގެ ތެރޭގައި މިނީ ބަހުގެ ހިދުމަތް ދޭން ސިޓީ ކައުންސިލުން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށް ވިދާޅުވެ، އޭގެ ހިތްހަމަނުޖެހުންތައް، އެމްޓީސީސީގެ މެނެޖިން ޑިރެކްޓަރު/ ސީއީއޯ އާދަމް އާޒިމް ރޭ ފާޅުކުރައްވައިފި އެވެ.

މާލޭގައި ބަހުގެ ހިދުމަތް ދިނުމަށް ޓަކައި ވާން ޖެހޭ ތައްޔާރީތައް، ސަރުކާރުގެ ފަޅިން މުޅިންހެން ވަނީ ނިންމައިފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރޭ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވަރަށް ގިނަ ފަހަރެއްގެ މަތިން ތަކުރާރުކޮށް ވިދާޅުވީ މާލޭ ސިޓީ ކައުންސިލް އިން އެއްވެސް އެހީތެރިކަމެއް ނުދޭ ކަމަށެވެ. އަދި އޭގެ އެންމެ މުހިންމު އެއް މަސައްކަތް އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުއްވާ ބަސްތައް މާލެ ގެނައިއިރު ވެސް އެ ބަސްތައް ހުއްޓާނެ ތަންތަން މާލޭ ސިޓީ ކައުންސިލަކަށް ނުދެއްކޭ،" އޭނާ ވިދާޅުވި އެވެ.

"އެއީ ދެން ބޮޑުވަރު. ރައްޔިތުންގެ ފައިސާ އިން މުސާރަ ދީފައި އެތިބީ އެއީ ވެސް ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ޖެހޭ ބައެއް."

އެމްޓީސީސީން ގެނައި މިނީ ބަސް.-- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ގެނައި މިނީ ބަސް.-- ފޮޓޯ: އެމްޓީސީސީ

އާޒިމް ވިދާޅުވި ގޮތުގައި ރައީސް އޮފީހާއި ޓްރާންސްޕޯޓާއި އެމްޓީސީސީން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު އޮތީ ކޮށް ނިންމައިފަ އެވެ. ދެން ކުރަން އޮތްހާ ވެސް ކަމަކީ، އެ ބަސްތައް ދަތުރުކުރާ ރޫޓުތައް ކަނޑައެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަސްތައް ހުއްޓާނެ ތަންތަން ކަނޑައެޅޭނީ ހުއްޓަންވީ ތަންތަން މާލޭ ސިޓީ ކައުންސިލުން ދެއްކީމަ. މިކަމުގައި ދެން އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ އެ ބޭފުޅުން އެކަން ކުރެއްވީމަ،" އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހިރީ ބަސްތައް މާލޭގައި ބަހައްޓާނެ ތަންތަން ކަނޑައަޅައި ނިންމައި، ޑްރައިވަރުން ތަމްރީނުކޮށް ނިންމައި، އެ މަރާމާތުކޮށް ބަލަހައްޓާނެ ގޮތް ވެސް ނިންމައިފައި. ހުރިހާ ކަމެއް ވެސް މިހިރީ ނިމިފައި."

ބަސް ދަތުރުތައް ފެށުމާ ބެހޭ ގޮތުން އެމްޓީސީސީން ސިޓީ ކައުންސިލަށް ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބު ނުދޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން އޮތީ ތިހެން ނުހައްދަވާށޭ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްގެ ލުއި ފަސޭހައަކަށް ކޮށްދޭ ކަމެއް. މިނީ ބަސް ފެށުމަކީ ވަރަށް ގިނަ ބަޔަކަށް ހަރަދު ކުޑަކުރެވި ފަސޭހަ ވެގެންދާނެ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ބަސް ސްޓޮޕްތައް ދެއްކުމުން، އެ ތަންތަން އެމްޓީސީސީގެ ހަރަދުގައި ހަދާ ގޮތަށް ވެސް ތައްޔާރު ކަމަށް ކައުންސިލްގައި ބުނެފައިވާނެ ކަމަށެވެ.

މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގައި ވެސް މިނީ ބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން ވަނީ 36 ބަސް ގެނެސްފަ އެވެ. މާލޭގައި ހިދުމަތް ދޭނީ 12 ބަހެވެ. އެއީ ކޮންމެ 10 މިނެޓަކުން ހިނގާލާފައި ދެވޭ ސަރަހައްދެއްގައި ބަސް ސްޓޮޕް ހުންނަ ގޮތަށެވެ. އަދި އެ ބަސް ސްޓޮޕުން ކޮންމެ 10 މިނެޓަކުން ދަތުރެއް ކުރާ ގޮތަށް އެމްޓީސީސީން ވަނީ ރާވައިފަ އެވެ. އެތެރޭގެ ދަތުރުތަކަށް އެމްޓީސީސީން ގެނެސްފައި ވަނީ 20-22 ސީޓްގެ ބަސްތަކެކެވެ.

"އައްޑޫ ސިޓީ ކައުންސިލުން ވެސް، ފުވައްމުލަކު ކައުންސިލުން ވެސް އަދި ހައްދުންމަތީގެ ހުރިހާ ކައުންސިލަކުން ވެސް މިކަމަށް އެބަ އެއްބާރުލުން ދޭ. މާލޭ ސިޓީ ކައުންސިލުން އެއްވެސް އެއްބާރުލުމެއް ނުދޭ،" އޭނާ ވިދާޅުވި އެވެ.