Roadha Mihaaru
ކައުންސިލްތަކަށް ފިޔަވަޅުއަޅަން ތާއީދެއް ނުކުރަން:ރައީސް

ކައުންސިލްތަކަށް އެލްޖީއޭ އިން ފިޔަވަޅު އަޅަން ތާއީދެއް ނުކުރަން: ރައީސް

06 މާޗް 2024

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަކާ ގުޅިގެން، ބާރުވެރިކޮށްގެން މަސައްކަތް ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ފިޔަވަޅު އެޅުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތަކާ ގުޅިގެން، ބާރުވެރިކޮށްގެން މަސައްކަތް ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ދ. މީދޫގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކައުންސިލްތަކުން ސަރުކާރުގައި އެދެނީ ރައްޔިތުން އެދޭ ކަންތައްތައް ކަމަށާއި ބޭނުންފުޅު ވަނީ ކައުންސިލްތައް ބާރުވެރި ކޮށްގެން، ކައުންސިލްތައް މެދުވެރިކޮށް ކަންކަން ކުރުން ކަމަށެވެ.

"ކައުންސިލްތަކުގެ އިމާރާތްތައް ހަދައިދޭން ވެސް ބޭނުން ވަނީ އެހެންވެ. ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ރަށްތައް ދޭން ވެސް މި ނިންމީ އެހެން ވެގެން. އެހެންވެ ކައުންސިލްތަކަށް ފުރިހަމަ ބާރުވެރިކަން ދީގެން، ރައްޔިތުންނަށް ވެސް ބާރުވެރިކަން ލިބިގެންދާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް ފިޔަވަޅު އަޅައި، ހުރަސްތައް ކުރިމަތިކޮށް ދަތިކުރުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫނެވެ.

"އެކަހަލަ އެއްވެސް ކަމެއް އެލްޖީއޭ އިން ކުރުމަކީ ވެސް އަޅުގަނޑު ތާއީދު ކުރާނެ ކަމެއް ނޫން. އެ ކަހަލަ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން އެއްވެސް ކައުންސިލަކަށް ކުރިމަތި ނުކުރާނެ،" ރައީސް ވިދާޅުވި އެވެ.

"ކައުންސިލްތަކަކީ ފުރިހަމަ މިނިވަންކަމާ އެކު، ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ފަރާތުން މަސައްކަތް ކުރާ ބައެއް ކަމުގެ ފުރިހަމަ ހައިސިއްޔަތު ދޭނަން. އެގޮތުގައި ކުރިއަށް ދާނީ."

ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ރައީސް މުއިއްޒު މި ވިދާޅުވީ، ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށް ބުނެ، އެ އެންގުން ބާތިލުކުރުމަށް އެލްޖީއޭ އިން އަންގާފައިވަނިކޮށެވެ.

އެލްޖީއޭ ހިންގަވައި ސީއީއޯ އަކީ ރައީސް އައްޔަން ކުރައްވާ މަގާމެކެވެ. އެ މަގާމުގައި މިހާރު ހުންނެވީ ޑރ. މަރިޔަމް ޒުލްފާ އެވެ.

އިދިކޮޅު އެމްޑީޕީ މެންބަރު ހިމެނޭ ކެނދިކުޅުދޫ ކައުންސިލުން ބަޔާން ނެރުނީ ރައީސް މުއިއްޒު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައި ސަރުކާރު ކެންޑިޑޭޓުންނަށް ކެމްޕެއިނުކުރާ ކަމަށް ބުނެ އެކަން ކުށްވެރިކޮށެވެ.

އެލްޖީއޭ އިން އެ ކައުންސިލަށް އަންގާފައި ވަނީ އެ ބަޔާން ބާތިލުކުރާށެވެ. އެކަމަކު އެ ކައުންސިލުގެ ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ބަޔާން ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތަތީ އެ ބަޔާން ބާތިލްނުކުރަން ނިންމާފައިވާ ކަމަށެވެ.