Roadha Mihaaru
"ކްލައިމެޓް ފައިނޭންސިން ރާއްޖެެއަށް ވަރަށް މުހިއްމު"

ކްލައިމެޓް ފައިނޭންސިން ރާއްޖެެ އަށް ވަރަށް މުހިއްމު: ވޯލްޑް ބޭންކް

26 ފެބުރުއަރީ 2024

ތިމާވެށީގެ މައްސަލަތައް ހައްލުކޮށް އިގްތިސާދު ހަމައަކަށް އެޅުވުމަށް ރާއްޖެ އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ކްލައިމެޓް ފައިނޭންސިންގެ ފުރުސަތުތައް ހޯދުން ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އަށް ކަނޑައަޅާފައިވާ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޮސް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތިމާވެށީގެ މައްސަލަތައް ހައްލުކޮށް އިގްތިސާދު ހަމައަކަށް އެޅުވުމަށް ރާއްޖެ އަށް އޮތް އެންމެ ރަނގަޅު ގޮތަކީ ކްލައިމެޓް ފައިނޭންސިންގެ ފުރުސަތުތައް ހޯދުން ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އަށް ކަނޑައަޅާފައިވާ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޮސް ވިދާޅުވެއްޖެ އެވެ.

ފާރިސް ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައި އޮތް އިރު، ކްލައިމެޓް ފައިނޭންސިންގެ ފުރުސަތުތަކަށް ބަލައިގެން ކަންކަން ރޭވުން ވަރަށް މުހިއްމު ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ތިމާވެށީގެ ދިރާސާއިން ދައްކާ ގޮތުން ތިމާވެށީގެ މައްސަލަތަކަށް ބޭނުންވާ ހައްލުތައް ހޯދުމަށް 12 ބިލިއަން ޑޮލަރު (185 ބިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރުން ފެށިގެން އެފަދަ މަޝްރޫއުތަކަށް މިހާތަނަށް ލިބިފައިވަނީ 1.6 ބިލިއަން ޑޮލަރު (25 ބިލިއަން ރުފިޔާ) ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އިތުރަށް ފައިނޭންސް ހޯދުމަށްޓަކައި ކޮންޒަވޭޝަން ޓްރަސްޓް ފަންޑް ނުވަތަ ބޮންޑް ފަދަ އާ ފައިނޭންސިން ގޮތްތައް ހޯދުމަށް އެ އިދާރާއިން ގޮވާލި އެވެ.

ވޯލްޑް ބޭންކުން އެކުލަވައިލި ތިމާވެށީގެ ދިރާސާ ރިޕޯޓުގައި ވަނީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތްތައް ގައުމު ތަރައްގީ ކުރުމުގައި ބޭނުން ކުރެވޭނެ ގޮތްތައް ކިޔައިދީފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ 50 ޕަސެންޓް ނިސްބަތް ވަނީ ޓޫރިޒަމާއި މަސްވެރިކަމަށްވާ އިރު އެ ދެ ސެކްޓާ ކުރިއަށް ގެންދިއުމުގައި ވެސް އެންމެ ބޮޑަށް ބަރޯސާ ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިރުންތަކަށް ކަމަށެވެ. އެހެންވެ، ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަށް ގެންދިއުމަށް ވެސް ތިމާވެށީގެ ރައްކާތެރިކަން ވަރަށް މުހިއްމު ކަމަށް އެ އިދާރާއިން ބުންޏެވެ.

"ގޮނޑުދޮށް ތަރައްގީ ކުރުމުގެ ތިމާވެށީގެ ފުޓް ޕްރިންޓް މަދުކުރުމާއި، ތަގައްޔަރުކަން ނައްތާލުމާއި، ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުން ހަރުދަނާ ކުރުމަކީ، އިގްތިސާދު ފުޅާކުރުމަށް ދެމެހެއްޓެނިވި ނޫ އިގްތިސާދެއް ގާއިމުކުރުމަށް ޓަކައި މުހިންމު ކަމެއް،" ފާރިސް ވިދާޅުވި އެވެ.