Roadha Mihaaru

މިދިޔަ އަހަރު އިގްތިސާދު ކުރިއެރީ 5.1 ޕަސެންޓަށް

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާފައިވަނީ 5.1 ޕަސެންޓަށް ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

މިދިޔަ އަހަރު އިގްތިސާދު ކުރިއެރީ 5.1 ޕަސެންޓަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

05 މެއި 2025

މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާފައިވަނީ 5.1 ޕަސެންޓަށް ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ.

އެމްއެމްއޭގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެއީ މިދިޔަ އަހަރު އޮކްޓޫބަރު މަހު އެ އިދާރާއިން ލަފާކުރި ވަރަށް ވުރެ 0.4 ޕަސެންޓް ދަށް ކުރިއެރުމެކެވެ. ބަޖެޓު ފޮތުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން ލަފާކުރީ މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު 5.5 ޕަސެންޓަށް ކުރިއަރާނެ ކަމަށެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ ހަތް ބިލިއަން ޑޮލަރު (109 ބިލިއަން ރުފިޔާ) ގަ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) އިތުރު އަދަދެކެވެ.

ރާއްޖޭގެ އިގްތިސާދު ދަށްވެފައިވަނީ މަސްވެރިކަމާއި މެނުފެކްޗަރިން އަދި ކޮންސްޓްރަކްޝަން ދާއިރާ ދަށްވުމާ ގުޅިގެންނެވެ. މިދިޔަ އަހަރު މަސްވެރިކަމުގެ ދާއިރާ ވަނީ 49 ޕަސެންޓަށް ދަށްވެފަ އެވެ. މަސްވެރިކަމުގެ ދާއިރާ އެހާ ބޮޑަށް ދަށަށް ދިޔައީ ދަޅުގައި ބަންދުކުރުމާއި އެނޫން ގޮތް ގޮތަށް ޕްރޮސެސް ކުރި މަހުގެ އަދަދު މަދުވުމުންނެވެ.

މިދިޔަ އަހަރު ކޮންސްޓްރަކްޝަން ދާއިރާ ވަނީ 2.1 ޕަސެންޓަށް ދަށްވެފަ އެވެ. ކޮންސްޓްރަކްޝަން ދާއިރާ ދަށްވުމާ ގުޅިގެން އެ ދާއިރާއަށް ބޭނުންވާ ސާމާނު އިމްޕޯޓު ކުރި ވަރު ވެސް ވަނީ ހަތް ޕަސެންޓު ދަށްވެފަ އެވެ.

ރާއްޖޭގެ އިގްތިސާދު މައިގަނޑު ގޮތެއްގައި މިދިޔަ އަހަރު ކުރިއެރީ ޓޫރިޒަމް ދާއިރާއަށް އައި ކުރިއެރުންތަކުގެ ސަބަބުންނެވެ. އެ ދާއިރާ ވަނީ 7.3 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ.

މިދިޔަ އަހަރު ޓޫރިޒަމް ދާއިރާއިން ޖުމްލަ އާމްދަނީ ނުވަތަ ޓްރެވަލް ރިސިޓު ހުރީ 4.8 ބިލިއަން ޑޮލަރުގަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

އިގްތިސާދު 2023 ވަނަ އަހަރު ކުރި އެރީ 4.7 ޕަސެންޓުގަ އެވެ. އެ އަހަރު ވެސް ނިމުނު އިރު އެމްއެމްއޭއިން ލަފާކުރީ އިގްތިސާދި ދުވެލި 5.5 ޕަސެންޓުގައި ކުރިއަރާނެ ކަމަށެވެ. އެހެންވެ، މިދިޔަ ދެ އަހަރު ވެސް އެ އިދާރާއިން ލަފާކުރި މިންވަރަށް ވުރެ އިގްތިސާދު ކުރިއެރި ވަރު ވަނީ ދަށްވެފަ އެވެ.

ޓޫރިޒަމްގެ އިތުރުން ރީޓެއިލާއި ހޯލްސޭލް ދާއިރާ ވެސް މިދިޔަ އަހަރު ވަނީ ކުރިއަރާފަ އެވެ. އެ ދާއިރާ ކުރިއެރީ 5.9 ޕަސެންޓުގަ އެވެ.

އެމްއެމްއޭއިން ލަފާކުރާ ގޮތުގައި މިއަހަރު ނިމޭ އިރު ރާއްޖޭގެ އިގްތިސާދު 6.4 ޕަސެންޓަށް ކުރިއަރާނެ އެވެ.