Roadha Mihaaru
އަހަރުވެއްޖެ، ދަރަނި ހަމަޔަކަށް އެޅޭތަނެއް އަދި ނުފެނޭ

އަހަރުވެއްޖެ، ދަރަނި ހަމަޔަކަށް އެޅޭތަނެއް އަދި ނުފެނޭ

17 ނޮވެމްބަރ 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީ، އިގްތިސާދީ މުހިންމު ވައުދުތަކަކާ އެކުގަ އެވެ. އެމްޑީޕީގެ "ނޫ އިގްތިސާދު" ގެ ދަށުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ދަރަނި ހަމަ މަގަށް އެޅުވުމަކީ މި ސަރުކާރުގެ އެއް އަސާސް ކަމަށް އޭރު ވިދާޅުވެފައިވެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތީ، އިގްތިސާދީ މުހިންމު ވައުދުތަކަކާ އެކުގަ އެވެ. އެމްޑީޕީގެ "ނޫ އިގްތިސާދު" ގެ ދަށުން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ދަރަނި ހަމަ މަގަށް އެޅުވުމަކީ މި ސަރުކާރުގެ އެއް އަސާސް ކަމަށް އޭރު ވިދާޅުވެފައިވެ އެވެ.

ގައުމުގެ މުއްސަދިކަން އިންސާފުވެރިކަމާ އެކު ބެހިގެންދާނެ ގޮތްތައް ފަހިކުރުމާއި މާލީ ނިޒާމަށް އިތުބާރު އުފެއްދުމަކީ ވެސް މި ސަރުކާރުގެ ވައުދެކެވެ. މިއަދު ސަރުކާރަށް އަހަރެއް ފުރުނު އިރު މި ވައުދު އޮތީ ކިހާ ހިސާބެއްގައި ހެއްޔެވެ؟

ދަރަނި ހަ ބިލިއަނަށް އިތުރުވި

ދަރަނި ހަމަ މަގަށް ގެންނަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ބުނި ނަމަވެސް މިއަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. މި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 52 ބިލިއަނަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި ދައުލަތުން ނަގާފައިވާ ލޯނާއި ގެރެންޓީއާ އެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 75 ޕަސެންޓުގަ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މިންގަނޑާއި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ދަރަނީގެ ނިސްބަތް ހުންނަންޖެހޭނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓަށް ވުރެ ދަށުގަ އެވެ. ނަމަވެސް މިހާރު އެ ނިސްބަތް މިވަނީ ފަހަނައަޅައި ގޮސްފަ އެވެ.

ދަރަނި ބޮޑުވުމުގެ މައިގަނޑު އެއް ސަބަބަކީ އެތެރޭގެ ދަރަނި ތިން ބިލިއަން އިތުރުވެ، ބޭރުގެ ދަރަނި ވެސް ތިން ބިލިއަން ރުފިޔާ އިތުރުވުމެވެ. މީގެ ތެރެއިން ބޭރުގެ ދަރަނި އެހާ ބޮޑުވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ނަގާފައިވާ ލޯނުތަކުގެ ސަބަބުންނާއި، މިއަހަރު ތެރޭ ބާރު މިނެއްގައި ހިންގުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަޝްރޫތަކަށް ނެގުމަށް ހަމަޖެހިފައިވާ ލޯނުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މިއަހަރު ނިމުނު އިރު، ދަރަނި އަނބުރާ ދެއްކުމަށް ތިން ބިލިއަން ރުފިޔާ ހަރަދުވާ އިރު މިއީ ދައުލަތުގެ އާމްދަނީގެ 14 ޕަސެންޓެވެ. ބަޖެޓް ކޮމިޓީގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވި ގޮތުގައި އަހަރުން އަހަރަށް ދައުލަތުގެ ދަރަނި އުފުލެނީ ދައުލަތަށް ލިބޭ އާމްދަނީ އަށް ވުރެ އިތުރަށް ރާއްޖެ އަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުންނެވެ. މީގެ އިތުރުން ބަޖެޓުގައި ހުށަހަޅާ އާމްދަނީ އަހަރު ނިމޭ އިރު ނުލިބުމާއި ކޭޝްފްލޯ ޕްލޭނާއި އެއްގޮތަށް ބަޖެޓުގައި ލިބޭނެ ކަމަށް ލަފާ ކުރާ ފައިސާ ނުލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރަނީގެ ރިސްކުތައް

ދަރަނި އިތުރުވުމުގެ ސަބަބުން ދައުލަތަށް ބޮޑެތި އުނދަގޫތަކަށް ކުރިމަތިވެ އެވެ. އެގޮތުން ރީފައިނޭންސިން ރިސްކު ބޮޑުވެ އެވެ. ރީފައިނޭންސިން ރިސްކަކީ ދަރަނި ރޯލްއޯވާ ކުރަންޖެހޭ އިރު އާދަޔާ ހިލާފަށް އަގުބޮޑުކޮށް ރޯލްއޯވާ ކުރަންޖެހުމުގެ ބިރު އުފެދުމެވެ. މިކަން ކުރިމަތިވުމުން ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ދަރަނި ހަލާސްކުރުމަށް ދައްކަން ޖެހެ އެވެ. މިހެން ވުމުގެ ސަބަބުން ބަޖެޓުގެ ތެރެއިން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ހުންނަ ފައިސާ މަދުވެ އެވެ.

އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތިން އަހަރު ދައުލަތުން ދަރަންޏަށް 19 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހެ އެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ބޭރުގެ ދަރަނި އިތުރުވާ ނަމަ އެކްސްޗޭންޖު ރޭޓް ރިސްކު ބޮޑުވުން ވެސް އެކަށީގެންވެ އެވެ. އެކްސްޗޭންޖް ރޭޓް ރިސްކަކީ އެކްސްޗޭންޖު ރޭޓަށް އަންނަ ބަދަލެއްގެ ސަބަބުން ދަރަނީގެ ހަރަދު އިތުރުވެގެން ހިނގައިދާނެ ކަމުގެ ރިސްކެވެ. މިކަން މިހެން ވުމުން ދަރަންޏަށް ދައްކަން ޖެހޭ ފައިސާ އިތުރަށް ބޮޑުވެފަ އެވެ.

ލަފާ ކުރި ވަރަށް ވުރެ އިގްތިސާދީ ދުވެލި ދަށް

މިދިޔަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 6.8 ޕަސެންޓަށެވެ. ނަމަވެސް މިއަހަރު ނިމޭ އިރު އެ އަދަދު ހުންނާނެ ކަމަށް ބަޖެޓުގައި ކަނޑައަޅާފައިވަނީ 5.7 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 6.9 ޕަސެންޓުގަ އެވެ.

އިގްތިސާދީ ދުވެލި އެހާ ބޮޑަށް ދަށްވެފައިވަނީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޮޑެތި ގިނަ މަޝްރޫއުތަކެއް މިދިޔަ އަހަރު ނިމި، މިއަހަރުގައި އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑު ހީނަރުކަމެއް ކުރިމަތިވުމުންނެވެ. މިދިޔަ އަހަރު އިމާރާތް ކުރުމުގެ ދާއިރާ ވަނީ 12 ޕަސެންޓް ކުރިއަރާފަ އެވެ. ނަމަވެސް، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ކަމުގައިވާ ލަކުޑި އާއި ދަގަނޑާއި ސިމެންތި އާއި ހިލަ ފަދަ ތަކެތި އިމްޕޯޓުކުރި މިންވަރު މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް، މިދިޔަ އަހަރަށް ވުރެ 20 ޕަސެންޓް ވަނީ ދަށްވެފަ އެވެ.

އިމާރާތް ކުރުމުގެ ދާއިރާ ވަރަށް ބޮޑަށް ވެއްޓުނު ނަމަވެސް ޓޫރިޒަމް ދާއިރާ މިދިޔަ އަހަރަށް ވުރެ 16 ޕަސެންޓު ވަނީ ކުރިއަރައިފަ އެވެ. މި އަހަރު ރާއްޖެ އަށް 1.5 މިލިއަން ޓޫރިސްޓުން ގެންނަ އަމާޒު ހިފާފައި ވާއިރު މި މަހު ފަހު ހަފުތާގައި އެކަން ފުރިހަމަވާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ އަހަރު މާލީ މާބޮޑު ކުރިއެރުމެއް ނެތް ނަމަވެސް، މި ސަރުކާރުގެ ފުރަތަމަ އަހަރުގައި މި ވޭދިޔަ އަހަރުތަކަށް ވުރެ ބޮޑަށް މާލީ މައުލޫމާތުތައް ހާމަކަން ބޮޑުގޮތެއްގައި އަންނަނީ ހިއްސާކުރަމުންނެވެ. ކޮންމެ ހަފުތާއަކު ހާމަކުރާ މާލީ މައުލޫމާތުތަކާއި ކޮންމެ މަހެއްގެ އިތުރުން ކޮންމެ ތިން މަހަކުން ވެސް މާލީ ގިނަ މައުލޫމާތުތަކެއް އަންނަނީ ހާމަކުރަމުންނެވެ. މިއާ އެކު އާންމުންނަށް ދައުލަތުގެ މާލީ ހާލަތު ވަޒަން ކޮށް، އެކަންކަމާ މެދު ހިޔާލު ފާޅު ކުރުމަށް ފުރުސަތު ބޮޑުވެގެންދިޔަ އެވެ.

މިއަހަރު އިންކަމް ޓެކްސްގެ ބިލް މަޖިލީހަށް ފޮނުވާފައިވާ އިރު މިނިމަމް ވޭޖުގެ މަސައްކަތް ވެސް އަންނަނީ މަޖިލީހުގެ ތެރެއިން ކުރަމުންނެވެ. މިކަންކަން ކުރުމުން އާމްދަނީގެ ފަރަގުތައް ކުޑަކުރެވި، އިގްތިސާދަށް ރަނގަޅު މަންފާތަޖެއް ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ދަރަނި ކުޑަކޮށް، އެންމެ ފުރިހަމައަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފަ އެވެ.