Roadha Mihaaru
ރާއްޖޭގެ އިގްތިސާދު 7.6 ޕަސެންޓުގައި ކުރިއަރާނެ

އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 7.6 ޕަސެންޓުގައި ކުރިއަރާނެ

31 އޮކްޓޯބަރ 2022

އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 7.6 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 7.6 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 12.3 ޕަސެންޓަށް ވުރެ ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައިވެ އެވެ. މަޖިލީހަށް ބަޖެޓު ހުށަހަޅައިދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ އިގްތިސާދީ ހާލަތު ކޮވިޑު-19ގެ ކުރިން ގައުމުގެ އިގްތިސާދު އޮތް ހާލަތަށް ދާނެ ކަމަށެވެ. މި އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ އެއް ސަބަބަކީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ޓޫރިޒަމް ދާއިރާ 17 ޕަސެންޓުގައި ކުރިއަރާފައިވާތީ އެވެ.

އަމީރު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާ އިރު ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރަނީ 1.8 މިލިއަން ކަމަށެވެ. މި އަހަރު ސަރުކާރުގެ އަމާޒަކީ 1.6 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިހާތަނަށް ރާއްޖެ އަށް ވަނީ 1.2 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ.

އަންނަ އަހަރު ވެސް ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުވެ، ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތު އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި 2024 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އޮޕަރޭޝަނަށް އައުމުން ރާއްޖެ އަށް އިތުރު ޓޫރިސްޓުން ގެނެވޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.

އަމީރު ވިދާޅުވީ، ރާއްޖެއިން ކޮވިޑްގެ ހާލަތު މެނޭޖު ކުރި ގޮތުން އިގްތިސާދު ކުރިއަށް ގެންދަން ވަރަށް ބޮޑަށް ފަސޭހަވި ކަމަށެވެ. ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ގެންގުޅެނީ ދަތި އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން އިގްތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ، މި އަހަރު ރާއްޖޭގެ އާމްދަނީ ލަފާކުރިވަރަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ދުވެލި 2004 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެވަރެޖްކޮށް 6.5 ޕަސެންޓުގައި އައީ ކުރި އަރަމުންނެވެ.