ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް މި ސަރުކާރުން ގެންގުޅޭ ހާއްސަ ސިޔާސަތުގެ ދަށުން ގއ. ކޮނޑޭ އާއި ބިން ބޮޑެތި އެފަދަ ރަށްތަކުގައި ދަނޑުވެރިކަން ކުރިއެރުވުމުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
21 ފެބުރުއަރީ 2024
ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް މި ސަރުކާރުން ގެންގުޅޭ ހާއްސަ ސިޔާސަތުގެ ދަށުން ގއ. ކޮނޑޭ އާއި ބިން ބޮޑެތި އެފަދަ ރަށްތަކުގައި ދަނޑުވެރިކަން ކުރިއެރުވުމުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ރަށްތަކަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ކޮނޑޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއީ ދަނޑުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ރަށެއް ކަމަށެވެ. އެ ކަމަށްޓަކައި ސަރުކާރުގެ ޕްލޭނެއް ވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ސަރުކާރުގެ އެންމެ މުހިންމު އިގްތިސާދީ އެއް ސިޔާސަތަކީ ދަނޑުވެރިކަމުގެ ސިނާއަތް ވަރުގަދަކުރުން،" ރައީސް ވިދާޅުވި އެވެ.
ކޮނޑޭ ސްކޫލް ހޯލްގައި ބޭއްވި އެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުން އެެއީ ފުޑް ސެކިއުރިޓީ ގާއިމްކުރުމަށްޓަކާ މި ސަރުކާރުން ކަނޑައަޅާފައި އޮތް ވަރަށް ބޮޑު އަދި ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގއ. ކޮނޑޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޓޫރިޒަމް އިންޑަސްޓްރީގައި ގިނަ ރިސޯޓަކަށް ކާބޯތަކެތި މިހާރު ގެންނަނީ ރާއްޖެއިން ބޭރުން ކަމަށް ވާތީ، އެ އިންޑަސްޓްރީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ބާވަތެއް ކާބޯތަކެތި އުފެއްދުމަކީ ވެސް އެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމަ، މި މަސައްކަތް ރާއްޖޭގައި ކުރާ ކަމަށް ވަންޏާ، މި ރަށުގެ ބިމުގެ ބޭނުން ވަރަށް ބޮޑަށް ޖެހޭ. ރަށުގެ ރައްޔިތުންގެ މުސްތަގުބަލަށްޓަކާ އެތައް ރައްޔިތުންނެއްގެ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމެއް މިއީ،" ރައީސް ވިދާޅުވި އެވެ.
"މިގޮތަށް ދެންހުރި ބިން ބޮޑެތި އަދި މިހާތަނަށް ވެސް ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ ރަށްތަކުގައި އަޅުގަނޑުމެން ގަސްތުކުރަނީ މި ދެންނެވި ގޮތަށް މުހިންމު އިންވެސްޓްމަންޓް ގެންނަން، އެގްރިކަލްޗާގެ ދާއިރާ އިން."
ކޮނޑޭ އަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ބިން ބޮޑު އެއް ރަށެވެ. އެއީ 116 ހެކްޓަރުގެ ރަށެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގއ. ކޮނޑެއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް އާންމުންގެ ބައެއް މީހުންނާ އެމަނިކުފާނު ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި، ކޮނޑޭ ކައުންސިލާއި ރަށުގެ ރައްޔިތުން ބައިވެރިވާ ގޮތަށް ދަނޑުވެރިކަމުގެ މުހިންމު މަޝްރޫއެއް އެ ރަށުގައި ވަރަށް އަވަހަށް ހިންގާނެ އެވެ.
ފުޑް ސެކިއުރިޓީ ގާއިމްކުރުމަށް މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދުމަކީ ރައީސްގެ ރިޔާސީ ކެމްޕެއިންގައި ވަރަށް ގިނައިން ދެއްކެވި ވާހަކައެކެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް އެކަން ހިމަނާފައިވެ އެވެ.
އެމަނިކުފާނު ވަނީ ކޮނޑެއަށް މި ވަގުތު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ރަށުގެ ބަނދަރު ބޮޑުކުރުމާއި ސްކޫލް މާރާމާތުކުރުމާއި ސިއްހީ މަރުކަޒު ތަރައްގީކޮށްދިނުމާއި ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމާއި ހައުސިން މަޝްރޫއެއް ހިންގުމާ އަދި އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުން ކަހަލަ ކަންކަން އޭގެ ތެރޭގައި ހިމެނެ އެވެ.
އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅެއްގައި ތެޔޮ ވިއްކަނީ
ރައީސްގެ ޔޫކޭ ދަތުރަށް ހަރަދުވީ ދޮޅުލައްކަ ރުފިޔާ
ސައުދީއާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވޭ: ރައީސް
ކަޑެވާރެހާ، ހޯނޑެއްދޫގެ އިހުތިސާސުން ވަކިކޮށްފި
ދުންފަތް މަނާކުރާ އުމުރު ކަނޑައަޅަން އާންމު ހިޔާލަށް
ރައީސްގެ ޕޮޑްކާސްޓް "ރައްޔިތުންނާ އެކު" މިއަދު ފަށަނީ
އުތުރުތިލަފަޅުގައި ޖަލެއް ހަދަން ކަނޑައަޅައިފި
"ރައީސްގެ ޖަވާބު"އަށް ސުވާލު ފޮނުވަން ހުޅުވާލައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ހިކުމާ
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި