Roadha Mihaaru
އެއާޕޯޓާ އެކު 12 ރަށް ދިނުމަކީ އަދި ހުށަހެޅުމެއް

ތިނަދޫ އެއާޕޯޓާ އެކު 12 ރަށް ދިނުމަކީ އަދި ހުށަހެޅުމެއް، އެއްވެސް ގޮތެއް އަދި ނުނިންމާ

21 ފެބުރުއަރީ 2024

ގދ. ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަދަލުގައި 12 ރަށް ދިނުމަކީ ތައިލެންޑުގެ ޑިވެލޮޕަރުގެ ހުށަހެޅުމެއް ކަމަށާއި އެކަމަށް އަދި ސަރުކާރުން އެއްބަސްނުވާ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގދ. ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބަދަލުގައި 12 ރަށް ދިނުމަކީ ތައިލެންޑުގެ ޑިވެލޮޕަރުގެ ހުށަހެޅުމެއް ކަމަށާއި އެކަމަށް އަދި ސަރުކާރުން އެއްބަސްނުވާ ކަމަށް، ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންޓްރެކްޓާ ފައިނޭސިންގެ ދަށުން އެއާޕޯޓް ތަރައްގީކުރުމަށް ފަހު އެ ތަން ހިންގަން 50 އަހަރަށް ދިނުމަކީ ވެސް ކޮންޓްރެކްޓަރުގެ ހުށަހެޅުމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ވަނީ އެ ރަށުގައި ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް ހެދުމުގެ އެމްއޯޔޫއެއްގައި ތައިލެންޑުގެ ޕޭން ޕެސިފިކް ކުންފުންޏާ އެކު ސޮއިކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން، 600 އެއްހާ މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުއްތަލިބެވެ. ތައިލެންޑު ކުންފުނިން ސޮއިކުރެއްވީ ސީއީއޯ ޒިރާޓް ޕެތުނުންތަވޮންގެވެ.

އެ ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ހެދުމުގެ މަޝްރޫއަށް ދިވެހި ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށާއި އެ ހުރިހާ ކަމެއް ކުރާނީ ސީދާ އިންވެސްޓަރު ކަމަށެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، ރިސޯޓު ތަރައްގީކުރަން 12 ރަށް ދިނުމަށް އެ ފަރާތުން ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބާއި ތައިލެންޑުގެ ޕޭން ޕެސިފިކްއާ ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގް ރޭ ސޮއިކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބާއި ތައިލެންޑުގެ ޕޭން ޕެސިފިކްއާ ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގް ރޭ ސޮއިކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް، ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވަނީ، އެ އެއާޕޯޓު ހަަދަނީ 2،400 އެނދު ތަރައްގީކުރަން 12 ރަށް ދޭގޮތަށް ކަމަށެވެ.

އެކަމުގެ ތަފްސީލު ދެއްވަމުން މުއްތަލިބު "މިހާރު" އަށް ވިދާޅުވީ ރޭ ސޮއިކުރީ އެއާޕޯޓު ތަރައްގީކުރުމުގެ އަންޑަސްޓޭންޑިންގައި އެކަނި ކަމަށެވެ. އިތުރު އެހެން ކަމަކަށް ވެސް އެއްބަސްނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް.

ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް.

"އެއީ 12 ރަށެއް ދިނުމުގެ ބަދަލުގައި، ސަރުކާރުން ކޮންޓްރެކްޓާ ނެގޯސިއޭޝަންގެ ތެރެއަށް ދާންވެގެން އެ ބޭފުޅުންނާ އެކު އެމްއޯޔޫއަކަށް ދާން ސޮއިކުރީ. ސޮއިކުރާއިރު، އެއްބަސްވާ ކަންތައްތަކެއް ހުންނާނެ. މި ވަގުތަށް އޮތް ހުށަހެޅުމެއް 12 ރަށެއްގައި 2،400 އެނދު ކްރިއޭޓްކުރުން އެއާޕޯޓު މި ކޮޅުގައި ފީސިބުލް ކުރުން." މުއްތަލިބު ވިދާޅުވި އެވެ.

"އެއްވެސް އެއްޗެއް ދޭކަށް ނިންމީކީ ނޫން. އަންޑަސްޓޭންޑިންނަކަށް މި ދިޔައީ އެ ބޭފުޅުންގެ އިނީޝަލް ޕްރޮޕޯޒަލް އެއީ އަޅުގަނޑުމެންނަށް ވެސް އެޓްރެކްޓިވް އެއްޗަކަށް ވާތީ އޭގެ ނެގޯސިއޭޝަނަކަށް ދާން. އެކަން ކުރެވެނީ ގާނޫނާއި ގަވައިދުގެ ތެރެއިން."

އޭނާ ވިދާޅުވީ ރިސޯޓު ތަރައްގީކުރަން ރަށްތައް ދިނަސް، އެކަން ކުރާނީ ދައުލަތަށް ޓެކްސް އަދި ކުލި ލިބޭ ގޮތަށެވެ. އެކަމުގައި ދެން އޮންނާނީ ކްރޮސް ސަބްސިޑީގެ ގޮތުން އެ ރަށްތައް ދިނުމުގައި އިކުއިޒިޝަން ކޮސްޓް ވެލިއުކުރާނެ ގޮތަކާ ގުޅޭގޮތުން ގޮތެއް ނިންމުމެވެ.

މިނިސްޓަރު ވިދާޅުވީ، ގދ. އަތޮޅުގައި މި ވަގުތު ތިން އެއާޕޯޓެއް އޮތަސް މި އަތޮޅުގައި އޮތީ އެންމެ ތިން ރިސޯޓު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 552 އެނދު ކަމަށް ވިދާޅުވި އެވެ. އަދި މިއީ 116 އެނދުގެ 8 ގެސްޓް ހައުސް އޮންނަ އަތޮޅަކަށް ވިޔަސް މީހުން ދިރި ނޫޅޭ 133 ރަށް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.