Roadha Mihaaru
އެއްބުރުން މަސްއޮޑި އެއްވަނަ ޑިވިޝަނަށް!

އެއްބުރުން މަސްއޮޑި އެއްވަނަ ޑިވިޝަނަށް!

11 ފެބުރުއަރީ 2024

ދެވަނަ ޑިވިޝަނ މުބާރާތުގެ ސެމީ ފައިނަލްގައި 5-1 އިން ޓެންޓް ސްޕޯޓްސް ކްލަބް ބަލިކޮށް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިގެން މަސްއޮޑި ސްޕޯޓްސް ކްލަބް، އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެ އެވެ.

ދެވަނަ ޑިވިޝަނ މުބާރާތުގެ ސެމީ ފައިނަލްގައި 5-1 އިން ޓެންޓް ސްޕޯޓްސް ކްލަބް ބަލިކޮށް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިގެން މަސްއޮޑި ސްޕޯޓްސް ކްލަބް، އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެ އެވެ.

މިއީ، އެންމެ ފަހުގެ ތިންވަނަ ޑިވިޝަންގެ ރަނަރަޕް މަސްއޮޑި ސްޕޯޓްސް ކްލަބުން ދެވަނަ ޑިވިޝަންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މަސްއޮޑިން ވަނީ މިއަދުގެ މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އަލީ ޝާމިސް (ތޮއްޕޭ) ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލަށް ފޮނުވާލައިގެން ގޯލު ޖަހައިދިނީ ހުސެއިން ޝަރީފް އެވެ. ނަމަވެސް ހާފު ނިމެނިކޮށް އޭރިއާ ބޭރުން ޗަލަނަ ޗަމީރާ ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ޓެންޓުން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރު ކޮށްފަ އެވެ.

މިއީ މި މުބާރާތުގައި މަސްއޮޑީ ކޮޅަށް ގޯލެއް ވަން ފުރަތަމަ ފަހަރެވެ. ގުރޫޕް ސްޓޭޖުގެ ހަތަރު މެޗު އެޓީމުން ނިންމާލީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ. ފުރަތަމަ ދެ މެޗުގައި މަހިބަދޫ ސްޕޯޓްސް ކްލަބާއި އެލްޓީޯ ސްޕޯޓްސްއާ ވާދަކޮށް 4-0 އިން މޮޅުވި އިރު، ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކުރީ 6-0 އިންނެވެ. އަދި ފަހު މެޗުގައި ކުޑަހެންވޭރު ޔުނައިތެޑް ބަލިކުރީ 1-0 އިންނެވެ.

ކުއާޓާ ފައިނަލްގައި ވެސް މަސްއޮޑިން ވަނީ ކޮޅަށް ގޯލެއް ވަނަ ނުދީ ބޮޑު މޮޅެއް ހޯދައިފަ އެވެ. ކުއާޓާގައި ބީޖީ ސްޕޯޓްސް ކްލަބް ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފުގައި މަސްއޮޑިން ދެވަނަ ފަހަރަށް ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. ހުސެއިން ޝަރީފަށް ޓެންޓްގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ދިން މި ޕެނަލްޓީ ޖަހައިދިނީ އިސްލާމް ފެކްރީ ގަބާލާ އެވެ. އެޓީމުގެ ތިންވަނަ ލަނޑު 80 ވަނަ މިނިޓުގައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޖަހައިދިނީ އަބްދުﷲ ޒިޔާން (ޖަންކީ) އެވެ. އަދި 90 ވަނަ މިނިޓުގައި މުހައްމަދު އެލްސައްޔިދު އެޓީމުގެ ހަތަރުވަނަ ގޯލު ޖަހައިދިން އިރު، ފަސްވަނަ ގޯލު އިތުރު ވަގުތުގައި ޖަހައިދިނީ ޒިޔާން އެވެ.

އަންނަ ހުކުރު ދުވަހު ކުޅޭ ފައިނަލް މެޗުގައި މަސްއޮޑި ނުކުންނާނީ މާދަމާ ހަވީރު، ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.