Roadha Mihaaru
ކުއާޓާ ޔަގީންވެއްޖެ، ނިއުއަށް ދެންއޮތީ އެއްވަނަ ހޯދުން

ކުއާޓާގެ ޖާގަ ނިއު އަށް ޔަގީން ވެއްޖެ، ދެން އޮތީ ގުރޫޕްގެ އެއްވަނަ ހޯދުން

26 ޖެނުއަރީ 2024

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބީޖީ ސްޕޯޓްސް ކްލަބާ ވާދަކޮށް 4-0 އިން މޮޅުވެގެން ނިއު ރޭޑިއަންޓް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބީޖީ ސްޕޯޓްސް ކްލަބާ ވާދަކޮށް 4-0 އިން މޮޅުވެގެން ނިއު ރޭޑިއަންޓް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު މެޗުން މޮޅުވެ ނިއު ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ހަމަކޮށް، އެއްވަނައިގައި އޮތް ޓެންޓް ސްޕޯޓްސް ކްލަބާ ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފަ އެވެ.

ގުރޫޕް ބީގެ އެއްވަނަ ހޯދާ ޓީމެއް ޔަގީން ވާނީ ހޯމަ ދުވަހު މި ދެޓީމް ބައްދަލުކުރާ މެޗުންނެވެ.

ބީޖީ ސްޕޯޓްސް ވަނީ ގުރޫޕް ސްޓޭޖްގެ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ތިން ގުރޫޕްގެ ކުޅުން ނިމި، ތިންވަނައިގައި ނިންމާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ބީޖީ އަށް އެބަ އޮތެވެ. ގުރޫޕް ސްޓޭޖުގެ ކުޅުން ނިމޭނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ.

އިއްޔެގެ މެޗުގައި ނިއު އިން ފުރަތަމަ ހާފުގައި ވަނީ ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ލަނޑު 11 ވަނަ މިނިޓުގައި އެޓީމުގެ ކޯފީ އޮވޫސޫ ޖެހީ މުޅިން ހުސްކޮށް ހުރެ ލިބުނު ފުރުސަތަކުންނެވެ. އެޓީމުގެ އަހުމަދު ޝަމީމް ބޯޅަ ޖައްސާލިއިރު ކޯފީ ހުރީ ގޯލު ކުރިމަތީ މުޅިން ހުސްކޮށެވެ.

ދެވަނަ ގޯލާއި ތިންވަނަ ގޯލު ވެސް ޖެހީ ހިލޭޖެހުމުންނެވެ. މެޗުގެ 27 ވަނަ މިނިޓުގައި ޑީ އޭރިއާ ތެރެއިން ލިބުނު ހިލޭޖެހުން ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިގެން ލީޑު ފުޅާކޮށްދިނީ އަބޫ ސަނޫނޫ އެވެ. ތިންވަނަ ލަނޑު ކާމިޔާބު ކުރީ 45 ވަނަ މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގަ އެވެ. ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭޖެހުމަކުން އަޒަމޯވް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 73 ވަނަ މިނިޓުގައި ހަތަރުވަނަ ގޯލު ޖަހައިދިނީ ދެވަނަ ހާފަށް ކުޅެން ނުކުތް އަޔާޒު އަހުމަދު (އަޔާ) އެވެ. އޭނާގެ އާއްމު ސްޓައިލްގައި އޭރިއާގެ ބޭރުން ކަނާ ދިމާލުން ގާތްކުރި ޑިފެންޑަރުންނަށް އޮޅުވާލުމަށްފަހު ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭނާ ވަނީ ގްރާންޑޭ ކޮޅަށް ވެސް އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާއަކުން ގޯލު ޖަހައިފަ އެވެ. ފުރަތަމަ ޑިވިޝަންގައި ގްރާންޑޭއަށް ކުޅެމުން ވެސް އަޔާޒު ވަނީ މީގެ މޮޅު ގޯލުތަކެއް މުހިއްމު ވަގުތުތަކުގައި ޖަހައިދީފަ އެވެ.