Roadha Mihaaru
ނިއު އަށް އަދިވެސް ކުޅެވޭ ގޮތެއް ނުވޭ

ޓީނޭޖް ދަނޑަށް ހާޒިރެއް ނުވި، ނިއު އަށް އަދިވެސް ކުޅެވޭ ގޮތެއް ނުވޭ

14 ޖެނުއަރީ 2024

ދެވަނަ ޑިވިޝަންގައި އިއްޔެ ހަވީރު ކުޅެން އޮތް މެޗަށް ކްލަބް ޓީނޭޖް ދަނޑަށް ހާޒިރު ނުވުމުން ނިއު ރޭޑިއަންޓަށް މެޗު ލިބިއްޖެ އެވެ.

ދެވަނަ ޑިވިޝަންގައި އިއްޔެ ހަވީރު ކުޅެން އޮތް މެޗަށް ކްލަބް ޓީނޭޖް ދަނޑަށް ހާޒިރު ނުވުމުން ނިއު ރޭޑިއަންޓަށް މެޗު ލިބިއްޖެ އެވެ.

މިއީ ނިއު ރޭޑިއަންޓް މުބާރާތުގައި ކުޅެން ތާވަލްކުރި ދެވަނަ މެޗެވެ. ފުރަތަމަ އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ވިއްސާރައިގެ ސަބަބުން އެ މެޗު ފަސްކުރީ އެވެ. ދެވަނަ މެޗަކަށް ޓީނޭޖާ ދެކޮޅަށް ކުޅެން އޮތް މެޗަށް ޓީނޭޖް ހާޒިރެއް ނުވި އެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ޓީނޭޖް މެޗަށް ހާޒިރު ނުވުމުން ނިއު އަށް ވަނީ ފައިދާ ދެ ގޯލާ އެކު ތިން ޕޮއިންޓް ލިބިފަ އެވެ.

ނިއު އަށް ދެން އޮތީ ފަސްކުރި ގްރާންޑޭ މެޗެވެ. އެ މެޗު ތާވަލް ކޮށްފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރަށެވެ.

ނިއު ހިމެނެނީ ޓީނޭޖާއި ގްރާންޑޭ އަދި ޓެންޓް ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބާ އެކު ގުރޫޕް ބީގަ އެވެ.

މިވަގުތު ގުރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާ ޓެންޓް ސްޕޯޓްސް އެެވެ. ނިއު އާއި ބީޖީ އަށް ތިން ޕޮއިންޓް ލިބިފައި ވާއިރު ޓީނޭޖާއި ގްރާންޑޭ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ކުޑަހެންވޭރަށް ދެވަނަ މެޗުން ވެސް ފަސޭހަ މޮޅެއް

ހުކުރު ދުވަހު ވެސް ވަނީ މުބާރާތުގައި މެޗެއް ކުޅެފަ އެވެ. ގުރޫޕް އޭގެ ކުޑަހެންވޭރު ޔުނައިޓެޑާއި އެލްޓީ ސްޕޯޓްސް ކްލަބް ބައްދަލުކުރި އެ މެޗު 4-0 އިން ކާމިޔާބުކުރީ ކުޑަހެންވޭރެވެ.

މި މެޗުގެ ނުވަ ވަނަ މިނިޓުގައި އެލްޓީގެ އަލީ ޒައިދު ޒާހިރަށް ރެފްރީ ހުސެއިން ޝިނާން ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ކުޑަހެންވޭރުގެ ޔޫސުފް ޝާއިފް ބޯޅަ ހޯދައިގެން އޭރިއާ ތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި އޭނާގެ ޖޯޒީގައި ހިފައި ވައްޓާލުމުން ޒައިދަށް ދެއްކި ރަތް ކާޑާ އެކު އެޓީމު މެޗު ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ.

އެލްޓީން އެކަކު މަދުކޮށް ކުޅެމުން ދަނިކޮށް ކުޑަހެންވޭރުން ލީޑު ނެގީ 37 ވަނަ މިނިޓުގައި ނަޝާހު އަހުމަދު (ނައްޓު) ޖަހައިދިން ގޯލުންނެވެ. އަދި ހާފު ނިމެނިކޮށް ލީޑު ފުޅާކުރީ ޝާއިފް ޖަހައިދިން ގޯލުންނެވެ.

އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލަށް ފޮނުވާލައިގެން 57 ވަނަ މިނިޓުގައި ކުޑަހެންވޭރުގެ ތިންވަނަ ގޯލު ޖަހައިދިނީ ވެސް ނަޝާހު އެވެ. އަދި 64 ވަނަ މިނިޓުގައި އެޓިމުގެ ހަތަރުވަނަ ގޯލު ޖަހައިދިނީ ޖުމެއިލް ޖަމީލް (ޖުމްބެ) އެވެ.

ކުޑަހެންވޭރުން ވަނީ މިހާތަނަށް ކުޅުނު ގުރޫޕް ސްޓޭޖުގެ ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އެލްޓީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

މުބާރާތުގައި މިއަދު ހަވީރު، ގުރޫޕް ސީގެ ލެގޫންސް ސްޕޯޓްސް ކްލަބާއި ބިސްބުރު ސްޕޯޓްސް ކްލަބް ބައްދަލު ކުރާނެ އެވެ.