Roadha Mihaaru
ރަނަރަޕް ޓީނޭޖް ކޮޅަށް ބީޖީން ހަ ލަނޑު

ރަނަރަޕް ޓީނޭޖް ކޮޅަށް ބީޖީން ހަ ލަނޑު

06 ޖެނުއަރީ 2024

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ބީޖީ ސްޕޯޓްސް ކްލަބުން އެންމެ ފަހުގެ ރަނަރަޕް ކްލަބް ޓީނޭޖާ ވާދަކޮށް 6-1 އިން މޮޅުވެއްޖެ އެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ބީޖީ ސްޕޯޓްސް ކްލަބުން އެންމެ ފަހުގެ ރަނަރަޕް ކްލަބް ޓީނޭޖާ ވާދަކޮށް 6-1 އިން މޮޅުވެއްޖެ އެވެ.

ބީޖީގެ ފުރަތަމަ މެޗުގައި ގޯލު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ބޭނުން ނުކުރެވި ޓެންޓް ސްޕޯޓްސް ކްލަބް އަތުން ހަނި ގޮތަކަށް ބަލިވެފައި ވާއިރު، މިއީ ޓީނޭޖް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

މި ނަތީޖާއާ އެކު ގުރޫޕް ބީގައި ހިމެނޭ ބީޖީ އާއި ޓެންޓް ވެސް ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. މި ގުރޫޕްގައި ހިމެނޭ ނިއު ރޭޑިއަންޓް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ޑީސެމްބަރު 31 ވަނަ ދުވަހު ބައްދަލުކުރަން އޮތް މެޗު ވަނީ އެ ދުވަހު ކުރި ވިއްސާރައިގެ ސަބަބުން ފަސް ކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ 16 ވަނަ މިނިޓުގައި ބީޖީން ވަނީ ހަސަން މާޒިން ޖަހައިދިން ގޯލުން ލީޑު ނަގައިފަ އެވެ. އެޓީމުން ލީޑު ފުޅާ ކުރީ ލިބުނު ޕެނަލްޓީއެއްގެ އެހީގައި، ކެޕްޓަން މިގްދާދު ސައީދެވެ. އޭނާ ޕެނަލްޓީން ފޮނުވާލި ބޯޅަ، ޓީނޭޖްގެ ކީޕަރު ހުސެއިން ފާޒިލް ދިފާއު ކުރި ނަމަވެސް މިގްދާދު ވަނީ ރީބައުންސް ބޯޅަ ހޯދައި އެއްފަހަރުން ގޯލަށް ފޮނުވާލައިފަ އެވެ.

މިއަހަރުގެ މުބާރާތުގައި އެޓީމަށް ލިބުނު ދެވަނަ ޕެނަލްޓީ އެވެ. ފުރަތަމަ މެޗުގައި ޓެންޓާ ދެކޮޅަށް ވެސް ޕެނަލްޓީ އެއް ލިބުނެވެ. އެ މެޗުގައި މުޒްދާން ހަސަން ފޮނުވާލި ޕެނަލްޓީ ވެސް އިދިކޮޅު ކީޕަރު ދިފާއު ކުރި އެވެ. ނަމަވެސް މުޒްދާން ވަނީ ޓީނޭޖާ ދެކޮޅަށް އުންމީދީ ކުޅުމެއް ދައްކައި ދެވަނަ ހާފުގައި ގޯލު ވެސް ޖަހައިފަ އެވެ.

އޭގެ ތިން މިނިޓް ފަހުން ޓީނޭޖަށް ކުޅޭ ފޯވާޑް ބާހުޖާތު އަބްދުލް އަޒީޒް ގޯލެއް ޖަހައި ޓިނޭޖަށް ފަރަގު ކުޑަ ކޮށްދިނެވެ. ކުރިން ފުރަތަމަ ޑިވިޝަންގައި ކުޅުނު ބާހުޖާތަކީ، މިދިޔަ ސީޒަންގައި ވާދަކުރާ ޓީނޭޖް ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. މި ސީޒަނާ ހިލާފަށް މިދިޔަ ސީޒަންގައި ޓީނޭޖުން ނުކުމެފައި ވަނީ ބިދޭސީ ކުޅުންތެރިންނާ ވެސް އެކު ވަރުގަދަ ސްކޮޑެއް އެކުލަވާލައިގެންނެވެ.

ޓީނޭޖުން ފަރަގު ކުޑަ ކުރި ނަމަވެސް ބީޖީން ވަނީ 37 ވަނަ މިނިޓުގައި ގޯލު ޖަހައި ހާފު ނިމުމުގެ ކުރިން އަލުން ދެ ގޯލުގެ ލީޑު ހޯދައިފަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ މުހައްމަދު ނިޝާނެވެ.

މެޗުގެ 66 ވަނަ މިނިޓުގައި ބީޖީގެ ހަތަރުވަނަ ގޯލު ޖަހައިދިނީ މުޒްދާން އެވެ. އަދި 74 ވަނަ މިނިޓުގައި ނިޝާން ވަނީ މެޗުގައި އޭނާގެ ދެވަނަ ގޯލު ޖަހައިފަ އެވެ. ބީޖީގެ ހަވަނަ ގޯލު 87 ވަނަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އާލިފް އަލީ އެވެ.

މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ގުރޫޕް ސީގެ ކްލަބް ޕީކޭ އާއި ލެގޫންސް ސްޕޯޓްސް ކްލަބެވެ.