Roadha Mihaaru
ފުރާވަރަށް އަޅާ ކުދިންނާމެދު ސަމާލުވާންވީ ތިން ކަމެއް

ފުރާވަރަށް އަޅާ ކުދިންނާ މެދު ސަމާލުވާންވީ ތިން ކަމެއް

26 އެޕްރީލް 2024

ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް ބޮޑު ޒިންމާއެކެވެ. ހާއްސަކޮށް ފުރާވަރަށް އަޅަމުން އަންނަ ކުދިން ބެލުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް ބޮޑު ޒިންމާއެކެވެ. ހާއްސަކޮށް ފުރާވަރަށް އަޅަމުން އަންނަ ކުދިން ބެލުމަކީ ފަސޭހަ ކަމެއް ނޫނެވެ.

މި އާޓިކަލްގައި މި ހިމަނާލަނީ ސައިކޮލޮޖީ ވެބްސައިޓުގައި ލިޔެފައިވާ ފުރާވަރަށް އަޅަމުން އަންނަ ކުދިން ބެލުމުގައި ބެލެނިވެރިން ވިސްނާލަން ޖެހޭ މުހިންމު ތިން ކަމެކެވެ.

ބެލެނިވެރިޔާ އަށް ވުރެ ކުރިން ކުއްޖާ ފުރާވަރަށް ރެޑީވެދާނެ

ކުއްޖާ ފުރާވަރަށް އަޅަމުން އަންނަ އިރު، އަހަރެމެން މައިންބަފައިން ޖެހިލުންވާ ވަރަށް ގިނަ ކަންކަން ހުރެ އެވެ. ގިނަ ފަހަރަށް އެހެން ވަނީ ކުރިއަށް އޮތް ތަނުގައި ކުއްޖާ އަށް ކުރިމަތިވާނެ ކަންކަމަށް އޭނާ އަށް އަމިއްލަ އަށް ކުރިމަތިލާން ނުކެރިދާނެ ކަމަށް ހީވެގެން އެކަމުގެ ބިރަށެވެ. ކުއްޖާ ފުރާވަރަށް އަޅަން ފެށުމުން ބައެއް ކަންކަން ކުއްޖާ އަމިއްލައަށް ނިންމުމުގެ މިނިވަންކަން ދޭށެވެ. ބެލެނިވެރިން ބޭނުންނުވާ ކަމެއް ނަމަ ރުޅިވެރިކަން ނުދައްކައި ރަނގަޅު ގޮތް ކުއްޖާ އަށް ވިސްނައިދޭށެވެ.

ގަވާއިދުތަކެއް ހެދުން ވަރަށް މުހިއްމު

ފުރާވަރަށް އަޅަމުން އަންނަ އިރު، އެ ކުދިން ބޭނުން ކަމެއް ބޭނުން ގަޑިއެއްގައި ކުރަން ދޫކޮށްލުން ރަނގަޅެއް ނޫނެވެ. ގޭތެރޭގެ ގަވާއިދުތަކެއް ހެދުން ވަރަށް މުހިންމެވެ. އަދި އެ ގަވާއިދުތަކަށް ބޯލަނބަން އެ ކުދިންނަށް ހިތްވަރު ދޭށެވެ.

ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް، އެ ގަވާއިދަށް ތަބާވާން ޖެހޭނެ އެވެ. އޭރަށް ގޭތެރެއިން ދަސްވާ މި ކަހަލަ ރަނގަޅު އާދަތަކަށް ގެއިން ބޭރުގައި އުޅޭއިރު ވެސް އެ ކުދިން ކަމޭހިތާނެ އެވެ.

ޒިންމާތަކެއް ހަވާލުކުރުން

އެ ކުދިން ޒިންމާތަކެއް ހަވާލުކޮށް، އެ ހަވާލުކުރާ ޒިންމާތައް އަދާކުރަން އެހީތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ކުދިކުދި ކަންކަމުން ފަށާށެވެ. ގޭތެރެ ކުނި ކަހާލުން ކަހަލަ ކުޑަކުޑަ ކަމެއް ހަވާލުކުރެވިދާނެ އެވެ. އަދި އެގޮތަށް ކަމެއް ހަވާލުކުރާއިރު އެ ކުދިން ބޭނުންވާ ކަންކަން ވެސް ބެލެނިވެރިން ކޮށްދޭން ވާނެ އެވެ. ތައުރީފުގެ ބަހެއް ބުނެލުމަކީ ވެސް އެ ކުދިންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ.