Roadha Mihaaru
ބައްޕަގެ ދިރިއުޅުމުން ކުއްޖާގެ ސިއްހަތަށް ކުރާ އަސަރު

ބައްޕަގެ ދިރިއުޅުމުން ކުއްޖާގެ ސިއްހަތަށް ކުރާ އަސަރު

28 ޖޫން 2024

އަހަރެމެންނަށް ގިނައިން އަޑުއިވެނީ މާބަނޑު ދުވަސްވަރު މައިންގެ ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅިން ދަރިފުޅުގެ ސިއްހަތަށް އަސަރުކުރާ ގޮތުގެ ވާހަކަ އެވެ. ނަމަވެސް ބައްޕަގެ ދައުރަކީ ކޮބައިކަން ވެސް ބަލައިލަން ޖެހެ އެވެ. ބައްޕަގެ ކެއުމުގެ އާދަތަކަކީ ދަރިފުޅުގެ ސިއްހަތާ ގުޅުން ހުރި ކަމެއްކަން އެނގޭ ހެއްޔެވެ؟

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

އަހަރެމެންނަށް ގިނައިން އަޑުއިވެނީ މާބަނޑު ދުވަސްވަރު މައިންގެ ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅިން ދަރިފުޅުގެ ސިއްހަތަށް އަސަރުކުރާ ގޮތުގެ ވާހަކަ އެވެ. ނަމަވެސް ބައްޕަގެ ދައުރަކީ ކޮބައިކަން ވެސް ބަލައިލަން ޖެހެ އެވެ. ބައްޕަގެ ކެއުމުގެ އާދަތަކަކީ ދަރިފުޅުގެ ސިއްހަތާ ގުޅުން ހުރި ކަމެއްކަން އެނގޭ ހެއްޔެވެ؟

ބައްޕަ ކުރާ ޑައިޓުން ދަރިފުޅުގެ ފިޓްނަސް އަދި ޑިވެލޮޕްމަންޓަށް އަސަރުކުރާ ކަމަށް ތަޖުރިބާކާރުން ވެސް ބުންޏެވެ.

އެޗްޓީ ލައިފްސްޓައިލް އަށް ދިން އިންޓަވިއުއެއްގައި އިންޑިއާގެ ޕޫނޭގެ ލުލާނަގަރުގެ މަދަހުޑް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އަދި ޑައިޓީޝަން ޑީޓީ އިންޝާރާ މަހޭދުވީ ވިދާޅުވީ ޕްރޮޓީން މަދު އަދި ކާބޯހައިޑްރޭޓް ގިނައިން ހުންނަ ޑައިޓެއް ހިޔާރުކުރާ ބައްޕައިންގެ ފަރާތުން ކުއްޖާގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

ނަމަވެސް ބައްޕަގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުމުގެ އުސޫލުން ކުއްޖާގެ ދުޅަހެޔޮ ކަމަށް އަސަރުކުރާކަން ގިނަ މީހުންނަށް ނޭނގެ އެވެ.

އިންޝާރާ ވިދާޅުވި ގޮތުގައި، މާބަނޑު ދުވަސްވަރު އެކަށީގެންވާ ކާނާ ނުކައިފި ނަމަ ކުއްޖާގެ ސިއްހަތަށާއި ހެދިބޮޑުވުމަށް އަސަރުކުރެ އެވެ. އަދި ހަމަ އެގޮތަށް ބައްޕަގެ ކެއިންބުއިމުގެ އާދަތައް ރަނގަޅު ނޫން ނަމަ، ކުއްޖާ ހެދިބޮޑުވަމުންދާ ވަރަކަށް މައްސަލަތައް ކުރިމަތިވާން ފަށާނެ އެވެ.

އޭނާ ވިދާޅުވީ ދުޅަހެޔޮ ކާނާ ނުކާ ނަމަ، ފިރިހެނުންގެ ސްޕާމް (އިންސާނީ ދަރިފަނި) ސެލްތަކަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ. ބައްޕަގެ ފަރާތުން ކުއްޖާގެ ސިއްހަތަށް އެންމެ ބޮޑު އަސަރެއް ކުރަނީ އެކަމުގެ ސަބަބުންނެވެ.

ހަށިގަނޑުގައި ސަރުބީގެ މިންވަރު މަތިވާ ބައްޕައިންނަށް ލިބޭ އަންހެން ކުދިންގެ ހަށިގަނޑުގައި ސަރުބީ އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަން ދިރާސާތަކުގެ އަލީގައި އެނގޭ ކަމަށް އިންޝާރާ ވިދާޅުވި އެވެ.

އޭގެ އިތުރުން އަންހެން ކުދިންގެ ކިބައިން ހަކުރުބަލި ކަހަލަ މެޓަބޮލިކް ބަލިތަކުގެ އަލާމާތްތައް ވެސް ފެނެ އެވެ. އަދި އޭގެ އިތުރުން ފުރަމޭ އާއި ހިތާއި ކިޑްނީ އަދި ގޯލްބްލެޑަރުގެ މައްސަލަތަކާ ގުޅިފައިވާ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

ބައްޕަގެ ކެއުމުގެ އާދަތައް މާބޮޑަށް ދަށް ކޮށްލައިފި ނަމަ، ކުއްޖާ ފަލަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި ޕްރޮޓީން މަދު، ކާބޯހައިޑްރޭޓް ގިނަ ކާނާ ބޭނުންކުރާ ބައްޕައިންގެ ދަރިންގެ ކިބައިން ހާސްކަމުގެ އަލާމާތްތައް ފެނުން ވެސް އެކަށީގެންވާ ކަމަށް އިންޝާރާ ވިދާޅުވި އެވެ.

ބައްޕައިން ކާން ބޭނުންކުރާ ކާއެއްޗިހީގައި ޕްރޮޓީން، ފެޓްސް، އަދި ކާބޯހައިޑްރޭޓްސް ހުންނަ މިންވަރު ރަނގަޅު ނަމަ ކުއްޖާ ހެދިބޮޑުވުމަށް އެހީތެރިވެދެ އެވެ.

ބަލިވެއިނުމުގެ ކުރިން، މުހިންމު ހުރިހާ ނިއުޓްރިއެންޓްސްއެއް އެކުލެވޭ ކާނާ ބޭނުންކުރަން ބާރުއަޅަނީ އަންނަން އޮތް ޖީލު ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށެވެ. އަދި ދަރިން ހޯދުމުގެ ކުރިންް މައިންބަފައިން ކާންވި އެއްޗަކާ ބެހޭ ގޮތުން ޑައިޓީޝަނެއްގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.