15 އޯގަސްޓް 2022
ފުރަތަމަ ޑިވިޝަނަށް އަރަން ނިއު ރޭޑިއަންޓުން ކުރި މަސައްކަތް ނާކާމިޔާބުވުމުގެ ފަހަތުގައި، ވަގުތުގެ ތާށިކަމާއި އެހެނިގެން ގޮންޖެހުންތައް ހުރި ކަމަށާއި އެކަމަކު ފުރިހަމަ އަށް ތައްޔާރުވެ އެނބުރި އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހީމް ބުނެފި އެވެ.
ފުރަތަމަ ޑިވިޝަނަށް އަރަން ނިއު ރޭޑިއަންޓުން ކުރި މަސައްކަތް ނާކާމިޔާބުވުމުގެ ފަހަތުގައި، ވަގުތުގެ ތާށިކަމާއި އެހެނިގެން ގޮންޖެހުންތައް ހުރި ކަމަށާއި އެކަމަކު ފުރިހަމަ އަށް ތައްޔާރުވެ އެނބުރި އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހީމް ބުނެފި އެވެ.
ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ އަދި އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމު ދެ ވަނަ ޑިވިޝަނަށް ވެއްޓުނީ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދިނުމުގެ ސަބަބުން ފީފާ އާއި އެފްއޭއެމުން ދިން އަދަބުގެ ތެރެއިންނެވެ. އަދި ސަސްޕެންޝަނުގައި އޮތުމުން ދެ ވަނަ ޑިވިޝަނުގައި ވާދަކޮށް ފުރަތަމަ ޑިވިޝަނަށް އެރޭނެ މަގެއް ވެސް މި އަހަރާ ހަމައަށް ނެތެވެ.
ދަރަނިތައް ދައްކައި ފީފާ އާއި އެފްއޭއެމްގެ ސަސްޕެންޝަނުން ނިއު އަށް ސަލާމަތްވެވުނީ ދެ ވަނަ ޑިވިޝަން ފަށަން ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. އެ ހާލަތުގައި ވެސް ނިއު އިން ޓީމެއް އެކުލަވާލައި ދެ ވަނަ ޑިވިޝަނުގައި ރަނގަޅު ވާދައެއްކޮށް ސެމީ ފައިނަލަށް ދަތުރުކުރި އެވެ. އެކަމަކު ސެމީ ގައި އިއްޔެ ހަވީރު ބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވެ ކެޓީ އެވެ. އެހެންވެ ނިއު އަށް ދެން އޮތީ އަންނަ އަހަރުގެ ދެ ވަނަ ޑިވިޝަނަށް އިންތިޒާރުކުރާށެވެ.
ސޮބާ ބުނީ މި ނަތީޖާއާ އަކީ ނިއުގެ ސަޕޯޓަރުންނަށް ގަބޫލުކުރަން އެހާ ފަސޭހަ ނަތީޖާއަކަށް ނުވެދާނެ ކަމަށާއި އަބަދުވެސް ސަޕޯޓަރުން ބޭނުންވާނެ ނަތީޖާއަކީ މޮޅުވުން ކަމަށެވެ. އެކަމަކު ހަގީގަތްތަކެއް އެބަހުރި ކަމަށާއި އެކަންކަން ގަބޫލުކުރަން ޖެހޭ ކަމަށް ނިއުގެ ކުރީގެ ކުޅުންތެރިޔާ ސޮބާ ބުންޏެވެ.
އެގޮތުން ސަސްޕެންޝަން އުވާލީ މުބާރާތް ފެށެން ކުޑަތަން ވެފައިވަނިކޮށް ކަމުން ކަންކަން ނިންމަން ޖެހުނީ ވަރަށް އާޖެންޓްކޮށް އެލާޓުގައި ތިބެގެން ކަމަށް ސޮބާ ބުންޏެވެ.
"ނިސްބަތުން ލިބުނީ ވަރަށް ލިމިޓެޑް ތަޖުރިބާ ހުރި ކުޅުންތެރިން،" ސޮބާ ފޭސްބުކްގައި ލިއުނު ޕޯސްޓެއްގައި ބުންޏެވެ.
އޭނާ ބުނީ މި ފަހަރު ނިއު ފައިނަލަށް ދިއުމަކުން ނުނިމޭ ކަމަށާއި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް، ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ ދެ ޓީމާ އެކު ކޮލިފިކޭޝަން ކުޅެން ޖެހުމަކީ ވެސް އުނދަގޫ މަރުހަލާއަކަށް ވާނެ ކަމަށެވެ. ދެ ވަނަ ޑިވިޝަނުން އަންނަ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުން ބައެއް ފަހަރު ސީދާ ޖާގައެއް ދީފައިވާތީ އެކަމަށް އިޝާރާތްކޮށް ސޮބާ ބުނީ ރާއްޖޭގެ މުބާރާތާއި ހިންގާ ގަވާއިދު އަދި ފޯމެޓް އަހަރަކު އެއް ފަހަރު ބަދަލުވުމަކީ ވެސް އިތުރު ޗެލެންޖެއް ކަމަށެވެ.
"ފަސްޓް ޑިވިޝަނުން ރެލިގޭޝަނަށް އަށް އަންނަ ދެ ޓީމުގެ ފެންވަރު ހުރިހާ ގޮތަކަށް ވެސް ރަނގަޅު. މެޗު ފިޓްނަސް އަށް ބެލިޔަސް، ޕްލޭޔަރުންގެ ކޮލިޓީއަށް ބެލިޔަސް. ފަސްޓުގައި ގިނަ މެޗުތަކެއް ކުޅެފައި އަންނަ ދެ ޓީމާ ކޮމްޕީޓްކުރުމަކީ ފަސޭހަކަމެއް ނޫން،" ސޮބާ ބުންޏެވެ.
ވިކްޓްރީ އަަތުން މޮޅުވި މެޗަށް ފަހު ނިއުގެ ޝަހީމް ސަޕޯޓަރުންނާ ސަލާމްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ސޮބާ ބުނީ އޭނާގެ ހިޔާލުގައި އަތުގައި އެވަރުގެ ޓީމެއް ނެތި އެކަން ކުރުމަކީ ގިނަ ފަހަރަށް ވުމަށް ވުރެ ދުރު ކަމެއް ކަމަށެވެ.
"މިކަން ނޭގޭ ބަޔަކު ކޮންމެ އެއްޗެއް ކީ ކަމުގައި ވިޔަސް ﷲ ދެނެވޮޑިގަންނަވާނެ ޓީމެއްގެ ގޮތުގައި ކަންކަން ރަނގަޅުކުރަން އެންމެ ކުރި ބުރަ މަސައްކަތް،" ސޮބާ ބުންޏެވެ.
"އަދި އުފާކުރަން އަޅުގަނޑު ދެކެ ލޯބިވާ، އިތުބާރުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ތިބިކަން."
ނިއު އިން 2005 ގެ އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު މުހިއްމު ދައުރެއް އަދާކުރި އޭރުގެ ޑިފެންޑަރު ބުނީ ނިއުއާ ހަވާލުވީ ވަރަށް ކެރިގެން، މި ކްލަބަކީ ރާއްޖޭގެ ބޮޑު ތާރީހެއް އޮތް ކްލަބެއްކަން ދަނެގެން ކަމަށެވެ.
"އަދި މީގެ ކުރިން ނިއު ރޭޑިއަންޓާ އެކު ބައިވަރު ކާމިޔާބު ހޯދައިދެވިފައިވާ މީހެއްގެ ހައިސިއްޔަތުން މިކަންކުރުމުގެ ހެޔޮ ނިޔަތުގައި،" ސޮބާ ބުންޏެވެ.
"އިންޝާﷲ ނިއު ރޭޑިއަންޓް ފުރިހަމައަށް ތައްޔާރުވެ އެނބުރި އަންނާނެކަމުގެ ޔަގީންކަން އެބައޮތް."
ސޮބާ ކުރިން ކުޅުނު ވިކްޓްރީ ވެސް ސަސްޕެންޝަނުން ސަލާމަތްވެ މި ފަހަރު ވާދަކުރި އެވެ. އެކަމަކު އެ ޓީމަށް ސެމީއާ ހަމައަށް ވެސް ނުދެވުނެވެ. މި ދެ ޓީމުގެ އަސްލު ޓާގެޓަށް ވާސިލްނުވެވުނަސް، ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗު ބަލަން ވަދެ ފޯރި އިތުރުކުރި އެވެ. ސޮބާ ވެސް އެކަން ފާހަގަކުރި އެވެ.
"މި ފަހަރު ޔަގީނުން ވެސް ފާހަގަވި އަދި ފެނުނު މަންޒަރަކީ ނިއު ރޭޑިއަންޓް، ވިކްޓްރީ އެނބުރި އައުމާ އެކު ދަނޑަށް ދިރުން ލިބުނުކަން. ފުޓްބޯޅައިގެ ރޫހު އޮތްކަން. ނިއު ރޭޑިއަންޓް ސެކަންޑް ޑިވިޝަނުގައި ކުޅުނު ނަމަވެސް ރާއްޖޭގެ ޓޮޕް ޑިވިޝަން އަށް ވުރެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔަކަން. މުބާރާތް ފޮލޯކުރިކަން،" ސޮބާ ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ޑިވިޝަނަށް މި އަހަރު ނޭރުނު ނަމަވެސް، ކްލަބް ސަސްޕެންޝަނުން ސަލާމަތްކުރަން މިހާރުގެ މެނޭޖްމަންޓުން ކުރި ބުރަ މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށެވެ.
"ނިއު އަށް އަނބުރާ އައުމަކީ އަމިއްލަ ގެޔަށް އައުން"
މީ ކުރިން ފުޓްބޯޅައިން ފެނުނު ކަންކަމެއް ނޫން: ސޮބާ
ތަފާތު ބޮޑު މޮޅަކާ އެކު ނިއު ސެމީ އަށް
ނިއު އާއި ވިކްޓަރީ އެކުގައި ޕްރޮމޯޓެއް ނުވާނެ
ކުއާޓާ ޔަގީންވެއްޖެ، ނިއުއަށް ދެންއޮތީ އެއްވަނަ ހޯދުން
އަހަރެއް ފަހުން ނިއު ކުޅުނު ފުރަތަމަ މެޗު ކާމިޔާބު
ނިއު އަށް އަދިވެސް ކުޅެވޭ ގޮތެއް ނުވޭ
ނިއުގެ ކެންސަލްވި މެޗު މި މަހުގެ 19 ގައި
ގަދަ ވިއްސާރައިގައި ޖެހި ނިއުގެ ފުރަތަމަ މެޗު ކެންސަލް
ނިއު އާއި ވިކްޓަރީ މިފަހަރު އޮތީ ދެ ގުރޫޕެއްގައި