Roadha Mihaaru

ލީގު ކަޕާއި ދެ ވަނަ ޑިވިޝަނުގައި ނިއުގެ ކޯޗަކީ ސޮބާ

ބުރާސްފަތި ދުވަހު ފަށާ އެފްއޭއެމް ލީގު ކަޕަށާއި، މި އަހަރުގެ ދެ ވަނަ ޑިވިޝަނަށް އަމާޒުކޮށްގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން، ސޮބާހު މުހައްމަދު އިބްރާހީމް ކޯޗަކަށް ހަމަޖައްސައި އިއްޔެ ރަސްމީކޮށް ޕްރެކްޓިސް ފަށައިފި އެވެ.

ލީގު ކަޕާއި ދެ ވަނަ ޑިވިޝަނުގައި ނިއުގެ ކޯޗަކީ ސޮބާ

ބުރާސްފަތި ދުވަހު ފަށާ އެފްއޭއެމް ލީގު ކަޕަށާއި، މި އަހަރުގެ ދެ ވަނަ ޑިވިޝަނަށް އަމާޒުކޮށްގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން، ސޮބާހު މުހައްމަދު އިބްރާހީމް ކޯޗަކަށް ހަމަޖައްސައި އިއްޔެ ރަސްމީކޮށް ޕްރެކްޓިސް ފަށައިފި އެވެ.

ލީގު ކަޕަކީ އެފްއޭއެމުން ދިވެހި ޕްރިމިއާ ލީގުގެ ޓީމުތަކަށާއި، ދެ ވަނަ ޑިވިޝަނުގެ ޓީމުތަކަށް ހުޅުވާލައިގެން، ރަސްމީ ކަލަންޑަރުން ބާއްވާ މުބާރާތެކެވެ. މިއީ އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރުމާއި، އިންތިހާބު ބޭއްވުމުގެ މަސައްކަތްކުރާތީ، މިވަގުތު ލީގު ފެށެން ނެތުމުން، ބަދަލުގައި ބާއްވާ މުބާރާތެކެވެ.

މުބާރާތުގައި ވާދަކުރަނީ ޕްރިމިއާ ލީގުން މާޒިޔާ، ޓީސީ، އޮޑި ސްޕޯޓްސް އަދި ދެ ވަނަ ޑިވިޝަނުން ނިއުގެ އިތުރުން މަހިބަދޫ ސްޕޯޓްސް އާއި، ޖޭޖޭ ސްޕޯޓްސް އެވެ.

އެކަމަކު ނިއުގެ މައިގަނޑު އަމާޒަކީ ދެ ވަނަ ޑިވިޝަނެވެ. އެފްއޭއެމުން މީގެ އަހަރުތަކެއް ކުރިން ސަސްޕެންޑްކޮށް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކުރި ނިއު އިން މިދިޔަ ދެ އަހަރު ވެސް ލީގަށް ޕްރޮމޯޓްވޭތޯ މަސައްކަތްކުރި އެވެ. އެކަމަކު ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ފުރުސަތު ނުލިބުމުން، ޕްރޮމޯޝަނެއް ނުލިބުނެވެ.

ނިއުގެ ކޯޗަކަށް ހަަމަޖެއްސި ސޮބާ އަކީ އެ ޓީމު ގޮވައިގެން ދެ ވަނަ ޑިވިޝަނުގައި އެންމެ ފުރަތަމަ ވާދަކުރި ކޯޗެވެ. އޭގެ ފަހުން ނިއު އިން ވަކިވެ ސޮބާ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ވިކްޓްރީއާ ހަވާލުވެ އެ ޓީމު ލީގަށް ޕްރޮމޯޓްކޮށްދިނެވެ.

ކުރީގެ މަޝްހޫރު ޑިފެންޑަރުގެ އެސިސްޓަންޓުންގެ ގޮތުގައި ނިއުގައި މަސައްކަތްކުރާނީ އެ ޓީމުގެ ކުރީގެ ފޯވާޑް އާދަމް އަބްދުއްލަތީފް (ލައްޗޭ) އާއި ވިކްޓްރީގެ ކުރީގެ ޑިފެންޑަރު މުހައްމަދު ފައިސަލް (ކަޓޭ) އެވެ. ސޮބާ މިވަގުތު ރާއްޖޭގައި ނެތުމުން، ލީގު ކަޕުގެ ކުރީކޮޅު އެ ނިއު އަށް ކޯޗުކޮށްދޭނީ ލައްޗޭ އެވެ.

ނިއު އިން އެކުލަވާލި ޓީމުގައި ގިނައީ ޒުވާން އާ ކުޅުންތެރިންނެވެ. ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ޔަސްފާދު ހަބީބް (މުލަކޭ) އާއި މޫސާ ޔާމީން (ޔާންބެ) އާއި މުޖުތާޒު މުހައްމަދު (މުޖޭ) އަދި ތޮލާލް ހަސަން (ޓޮޕްޕަލް) ހިމެނެ އެވެ. ނިއު އިން އަންނަނީ ބޭރު ކުޅުންތެރިން ގެންނަން ވެސް މަސައްްކަތްކުރަމުންނެވެ.

ރަސްމީކޮށް ޕްރެކްޓިސް ފަށަން އިއްޔެ ހެންވޭރު ދަނޑުގައި ނިއު އިން ބޭއްވި ރަސްމިއްޔާތުގައި ޗެއާމަން އަހުމަދު މުބީން އާއި އެއް މުއައްސިސް އަހުމަދު ވަހީދު (ކުއީން ވަހީދު) ބައިވެރިވެވަޑައިގެންނެވި އެވެ.