Roadha Mihaaru
ފާޑުކިޔަސް މަސައްކަތް ހުއްޓައެއް ނުލާނަން: ސޮބާ

ފާޑުކިޔަސް މަސައްކަތް ހުއްޓައެއް ނުލާނަން: ސޮބާ

28 ނޮވެމްބަރ 2018

ކުރީގެ ހުނަރުވެރި ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓްސްގައި ކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ. މި އަހަރު ސޮބާ އެންމެ ފުރަތަމަ ފެނުނީ ކްލަބް ވެލެންސިއާ ބެންޗުންނެވެ. އެ ޓީމު ގޮވައިގެން ގިނަ ގޮންޖެހުންތަކާ އެކު މަސައްކަތްކުރަން ޖެހުމުން ސޮބާ އަށް އަލިމަގެއް ނުފެނުނެވެ. ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން ސޮބާ އެ ޓީމު ދޫކޮށްލީ އެވެ. އަލުން އޭނާގެ ކުރީގެ ކްލަބް ނިއުއާ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަވާލުވި ނަމަވެސް އެ ޓީމު ވެސް އޮތީ މައްސަލަތަކެއްގެ ތެރޭގަ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކުރީގެ ހުނަރުވެރި ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓްސްގައި ކާމިޔާބު މަސައްކަތެއް ކޮށްފަ އެވެ. މި އަހަރު ސޮބާ އެންމެ ފުރަތަމަ ފެނުނީ ކްލަބް ވެލެންސިއާ ބެންޗުންނެވެ. އެ ޓީމު ގޮވައިގެން ގިނަ ގޮންޖެހުންތަކާ އެކު މަސައްކަތްކުރަން ޖެހުމުން ސޮބާ އަށް އަލިމަގެއް ނުފެނުނެވެ. ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން ސޮބާ އެ ޓީމު ދޫކޮށްލީ އެވެ. އަލުން އޭނާގެ ކުރީގެ ކްލަބް ނިއުއާ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަވާލުވި ނަމަވެސް އެ ޓީމު ވެސް އޮތީ މައްސަލަތަކެއްގެ ތެރޭގަ އެވެ.

"ކޯޗިން ކެރިއަރުގައި ކުރިއަށްދާއިރު މި ކަހަލަ ފުރުސަތެއް ލިބުނީމަ ދޫކޮށްލާކަށެއް ބޭނުމެއް ނޫން. އަޅުގަނޑު ހުރެގެން މި ބަލިވަނީ. ފުޓްބޯޅައިގައި އަޅުގަނޑަށް ހީވަނީ ހުރިހާ ދިމާލަކުން އެއްވަރަކަށް މަސައްކަތް ކޮށްގެން ކަންނޭނގެ ނަތީޖާ ނެރެވެނީ. ކޮންމެ ދުވަހަކު މޮޅުވާ ވާހަކައެއް ވެސް ނޫން މި ބުނަނީ. ނިއުއާ އަލުން ހަވާލުވާން ނިންމި ނިންމުމާ މެދު ހިތާމައެއް ނުކުރަން،" އެންމެ ފަހުން އީގަލްސް އަތުން ބަލިވި މެޗަށް ފަހު ސޮބާ ބުންޏެވެ.

މި އަހަރު ވެލެންސިއާ އާއި ނިއުގައި ސޮބާ އަށް ނަތީޖާ ނުނެރެވޭތީ އޭގެ ސަބަބުން އޭނާ އަށް އަމާޒުވާ ފާޑުކިޔުންތައް ގިނަ އެވެ. ސޮބާ ބުނީ އޭނާ އަކީ ފާޑުކިޔުންތަކަށް ނުބަލައި ހަމައެކަނި ކުރާ މަސައްކަތަށް އިސްކަންދޭނެ މީހެއް ކަމަށެވެ.

"އަޅުގަނޑު އެއްވެސް ވަރަކަށް ޖެހިލުމެއް ނުވޭ. ފުޓްބޯޅައިގައި މި ހިސާބަށް އައިސް މިހުރީ ވަރަށް ގިނަ ކާމިޔާބު ހޯދައިގެން. އަޅުގަނޑުގެ އަޒުމަކަށް ބަލަދެއް ނާދޭ. އަޅުގަނޑުގެ ކޯޗިން ކެރިއަރު މީހަކު އެއްޗެއް ބުނީމަ ހުއްޓައެއް ނުލާނަން. އަޅުގަނޑުގެ އަމިއްލަ ނަފްސަށް އިތުބާރު އެބައޮތް. މަސައްކަތް ހުއްޓައެއް ނުލާނަން. އަންނަ އަހަރު ވެސް ރަނގަޅު ޓީމަކުން ފެންނާނެ،" ސޮބާ ބުންޏެވެ.

ނިއު އިން މި އަހަރު ނުކުތީ ސީޒަނަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. އެކަމަކު އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުން ފުރުސަތު ނުލިބުމުން އެ ޓީމު ވަނީ މާލީ ގޮތުން އަޑިގަނޑަކަށް ވެއްޓިފަ އެވެ. މުސާރަ މައްސަލަ ޖެހި ޓީމުގައި ތިބި މުހިއްމު ކުޅުންތެރިން ވަނީ ކްލަބް ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ނިއުގެ ދެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ކީޕަރު އިމްރާން މުހައްމަދު ހިމެނެ އެވެ. އަދި އެ ޓީމަށް ކާމިޔާބީތައް ހޯދައިދިން ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ވެސް ވަނީ ނިއު ދޫކޮށްލައިފަ އެވެ.

މި ވަގުތު ނިއު ސްކޮޑުގައި ތިބީ 18 ކުޅުންތެރިންނެވެ. ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ބެންޗުގައި ވެސް ތިބެނީ މަދު ކުޅުންތެރިއެކެވެ. ނިއު މި ވަގުތު އޮތީ ލީގުގެ ހަތަރު ވަނައިގައި 15 މެޗުން 27 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް މިހާރު ވަނީ ހަތަރު ވަނަ ކަށަވަރުވެފަ އެވެ.

ސޮބާ ބުނީ ނިއު ތެރޭގައި އޮތް މައްސަލަތަކުގެ ވާހަކަ ކޮންމެ ދުވަހަކު ދެއްކުމަށް ވުރެ އޭނާ ބޭނުމީ ކުޅުންތެރިންކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

"ކުޅުންތެރިން އަންނާތީ އެކަމަށް ވެސް ޝުކުރުވެރިވަން. މިސާލަކަށް މެޗަށް ހާޒިރުނުވެދިއުމަށް ވުރެ ރަނގަޅު ގޭމެއް ކުޅެފައި ދިއުން ވެސް. މިތާގައި މިތިބި ކޮލިޓީ ރަނގަޅު ކުޅުންތެރިން އަންނަ ސީޒަނުގައި ވެސް ކުޅެން ބޭނުންވާތީ އެ މީހުން ވެސް އެބަ ބޭނުންވޭ ކުޅެން،" ސޮބާ ބުންޏެވެ.

ރާއްޖޭގެ ފުޓްބޯޅައާ މެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ކްލަބްތައް މާލީ މައްސަލަތަކެއްގެ ތެރޭގައި އޮތްއިރު، ޓީމުތަކުން ތިބީ މާކުރިން ސީޒަން ނިންމާލައިގެންނެވެ. ސޮބާ ބުނީ ފުޓްބޯޅަ އަށް ލިބިފައި އޮތް ނިކަމެތިކަމުގެ އެއް ސަބަބަކީ ރަނގަޅު މިސްރާބެއް ނެތުން ކަމަށެވެ.

"މިދިޔަ އަހަރު އެހެން ފޯމެޓެއް. މި އަހަރު އެހެން ފޯމެޓެއް. އަނެއްކާ އަންނަ އަހަރަށް އެ ދައްކަނީ ޖޫންގައި ސީޒަން ފަށާފައި ބޭރުތަންތާގައި ލީގު ދާގޮތަށް އަނެއްކާވެސް ބަދަލުކުރަން. އަޅުގަނޑަކަށް ނޭނގެ މި ކުރަން އުޅެނީ ކޮން ކަމެއް ކަމެއް. (ލީގުގެ) ނަން ރީބްރޭންޑްކޮށްފި. ދަނޑަކަށް މީހެއް ނުވަދޭ. ހިލޭ މީހުން ވަންނަނީ. މިއީ އަޅުގަނޑުގެ މައްސަލައެއް ނޫން. ނިއުގެ ވެސް މައްސަަލައެއް ނޫން،" ސޮބާ ބުންޏެވެ.

ލީގުގައި ނިއު ކުޅޭ އެންމެ ފަހު މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ. ނިއު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.