22 ސެޕްޓެމްބަރ 2020
މިހާރު އޮތް 13 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ކަމަށް ޒުވާން ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.
މިހާރު އޮތް 13 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ކަމަށް ޒުވާން ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.
ސޮބާ މިހާރު މަސައްކަތްކުރަމުން އަަންނަނީ ޓީސީ އެކެޑަމީގަ އެވެ. މިދިޔަ އަހަރު ޖެނުއަރީ މަހު ރަސްމީކޮށް ޓީސީ އެކެޑަމީއާ އެކު މަސައްކަތް ފަށައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސޮބާ ވަނީ ތައިލެންޑުގައި އޮތް މުބާރާތަކުން ރިހި މެޑަލް ހޯދައިފަ އެވެ. ފުރަތަމަ ޑިވިޝަނާއި ގައުމީ ފުޓްބޯޅަ ޓީމުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުމަށް ފަހު ސޮބާ ކޯޗިން ކެރިއަރު 2014 ވަނަ އަހަރު ފަށައި އޭގެ ފަހުން އޭނާ ވަނީ ފުރަތަމަ ޑިވިޝަނުގައި ނިއު ރޭޑިއަންޓަށް ދެ ފަހަރު ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާ އަށް ވެސް ކޯޗުކޮށްދީފަ އެވެ. ސޮބާ އެންމެ ފަހުން ކޯޗުކޮށްދިނީ 2018 ވަނަ އަހަރުގެ ފަހުކޮޅުގައި ނިއު އަށެވެ.
ޒުވާން ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމަށް މިހާރު އަމާޒުހިފައިގެން ހުރި ސޮބާ މި މަސައްކަތް ފެށީ 2014 ވަަނަ އަހަރު އެވެ. އޭރު ނިއު ރޭޑިއަންޓްގެ ޗެއާމަން އަލީ ވަހީދުގެ ބެލުމުގެ ދަށުން އެކެޑަމީއެއްގެ މަސައްކަތްކުރިއިރު ސޮބާ އޭގެ ތެރޭގައި އުޅުނީ މިކަމަށް ޝައުގުވެރިކަން އޭރު ވެސް ހުންނާތީ އެވެ.
"އަލީ ވަހީދު ނިއުގެ ޗެއާމަން އަކަށް ހުރިއިރު ފުރަތަމަ މި މަސައްކަތް ފެށީ. އޭރު ވެސް އުޅުނީ މިހާރު ޓީސީގައި މި ތިބި ކުޅުންތެރިން ގޮވައިގެން. ދެން އޭގެ ފަހުން ނިއުގެ އެކެޑަމީ މަސައްކަތުގައި ނޫޅެ ފަހުން ގްރީން ސްޓްރީޓްސް އާއި އެކި ޓީމުތަކާ އެކު މަސައްކަތްކުރިއިރު އައިސް ގޮސް އެ ކަހަލަ ގޮތަކަށް ދިޔައީ. އެ އަށް ފަހު ހަމަ ނިއުގައި ގެންގުޅުނު ކުޅުންތެރިންނާ އެކު ޓީސީ އެކެޑަމީގައި މިދިޔަ އަހަރު މަސައްކަތް ފެށީ،" ބާސެލޯނާ އިން ކޯޗިންގެ ތަމްރީންތަކެއް ހާސިލްކޮށްފައިވާ ސޮބާ "މިހާރަ"ށް ބުންޏެވެ.
ސޮބާ ބުނީ އޭނާ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި މަސައްކަތްކުރިއިރު، ނިއުގެ އެކެޑަމީގައި ގެންގުޅުނު ކުޅުންތެރިން ވަކިވަކިވެ ފުޓްބޯޅައިން ދުރަށް އެ ކުޅުންތެރިންގެ ވިސްނުން ދިޔަނުދިނުމުގައި އެންމެ މުހިއްމު ރޯލެއް ކުޅުނު ފަރާތަކީ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ޔޫތު ކޯޗެއްގެ ގޮތުގައި ފާހަގަވަމުން އަންނަ ޔޫސުފް އަޒީމް (ޔޫއްޓެ) ކަމަށެވެ.
"މިހާރު ޓީސީގައި 11 އަހަރުގައި މިތިބި އީތަން ދެން އިލާން ކަހަލަ ކުޅުންތެރިން އުމުރުން ހައެއްކަ އަހަރުގައި ނިއު އިން ފެނިއްޖެ. މިހާރު މި ކުޅުންތެރިންނާ އެކު ޓީސީގައި މަސައްކަތްމިކުރަނީ. މި ވޭތުވެދިޔަ ހަ ވަރަކަށް އަހަރު ތެރޭ ޔޫއްޓޭ ވަރަށް ބުރަކޮށް މި ކުޅުންތެރިން އެކު ގެންގުޅެން މަަސައްކަތްކޮށްފައިވޭ. ދެން އަޅުގަނޑު ފާހަަގަކޮށްލަން ބޭނުން ފަރިއްޓެ (ކޯޗު ފަރީދު މުހައްމަދު)ގެ ނަން. އޭނަ އަކީ ވެސް މި މަސައްކަތުގެ މުހިއްމު ހިއްސާއެއް އޮތް ފަރާތެއް،" ސޮބާ ބުންޏެވެ.
ޓީސީ އެކެޑަމީ ކުޅުންތެރިން މިދިޔަ ޑިސެމްބަރު މަހު ތައިލެންޑްގައި އޮތް މުބާރާތުގެ ތެރެއިން. ކޯޗު ސޮބާ އާއި ޔޫއްޓޭ އެ ކުޅުންތެރިންނާ އެކު.-- ފޮޓޯ: ޓީސީ އެކެޑަމީ/ ފޭސްބުކް
އެފްއޭއެމުން މިދިޔަ އަހަރުތަކުގައި ޖޫނިއާ ފުޓްބޯޅަ ތަރައްގީ ކުރުމުގެ ގޮތުން 12 އަހަރާއި 14 އަހަރުން ދަށުގެ ލީގުތައް ބޭއްވި އެވެ. އޭގެ ސަބަބުން އެކެޑަމީ ލެވެލްގައި ގިނަ ކުޅުންތެރިންނަށް މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އޭގެ ބޭނުން ހިފައި ރާއްޖޭގެ ދެ ކްލަބުން ވަނީ ބައިނަލްއަގުވާމީ މުބާރާތަކުން މެޑަލް ހޯދައިފަ އެވެ. ޓީސީން ތައިލެންޑް މުބާރާތުން ރިހި މެޑަލް ހޯދިއިރު، އިންޑިއާގެ ޗެންނާއީގައި ބޭއްވި 14 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އިން ވަނީ ހޯދައިފަ އެވެ. މީގެ އިތުރުން ދުބާއީގައި ބޭއްވި އިންޓަނޭޝަނަލް މުބާރާތުގައި މި އަހަރު ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމުން ވަނީ ދުނިޔޭގެ ނަން މަޝްހޫރު ޓީމުތަކާ ދެކޮޅަށް ކުޅެ މުހިއްމު ތަޖުރިބާތަކެއް ހާސިލްކޮށްފަ އެެވެ.
"ޓީސީ އެކެޑަމީގައި ރަނގަޅު ކުޅުންތެރިން އެބަހުރި. މާޒިޔާ އެކެޑަމީގައި އެބަހުރި. އީޓީއެފްއޭގައި އެބަހުރި. ދެން ހުރި ޓީމުތަކުން ވެސް އެބައާދޭ. މިހާރު މި އޮތް 13 އަހަރުން ދަށުގެ ބެޗް އެއީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލޭ އަޅުގަނޑު ދަންނަވާނީ. ކުޑަހީނާ ކޯޗުގެ ބެލުމުގެ ދަށުން ގައުމީ ޓީމުގައި އެ ޓްރެއިން ކޮށްދެނީ. ދެން އަޅުގަނޑުމެން ވެސް މި ތިބީ ކްލަބްތަކުގައި އެ ކުދިންނަށް އެހީވާން،" ސޮބާ ބުންޏެވެ.
"އަޅުގަނޑުގެ ރިކުއެސްޓެއް އެއީ އެފްއޭއެމުން ހާއްސަ ސަމާލުކަމެއް ދީގެން މި 13 އަހަރުން ދަށުގެ ޓީމު ރޫޅުނަނުދީ އިންޓަނޭޝަނަލް ފުރުސަތުތަކެއް ވެސް ހޯދައިދިީގެން. އެހެން ގޮތްގޮތުން މެޗުތަކެއް ހޯދައިދީގެން ވިޔަސް މި ޓީމު ޑިވެލޮޕްކުރުމަކީ. ހަގީގަތުގައި މި ކުޅުންތެރިންނަކީ ގިނަ އަހަރުތަކެއް ވަންދެން ގައުމު ތަމްސީލްކުރެވޭނެ ހުނަރު ހުރި ކުދިން." ސޮބާ ބުންޏެވެ.
އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓުގެ ޕްލޭންތަކުގެ ތެރެއިން އެކެޑަމީތަކުގެ މަސައްކަތް ކުރިއަރަމުން އަންނައިރު، ސޮބާގެ ނަޒަރުގައި މިކަން އެންމެ ރަނގަޅަށް ކުރިއަށްގެންދެވުމުގެ އެންމެ ބޮޑު ހިއްސާދާރުންގެ ގޮތުގައި ތިބީ ކުދިންގެ މައިންބަފައިން ކަމަށެވެ. އަދި އެ މީހުންނަށް ނޫން ބަޔަކަށް މީގެ ބޮޑު ކްރެޑިޓް ނުލިބޭނެކަން ވެސް ސޮބާ ފާހަގަކުރި އެވެ.
"މިހާރު މި ތިބި ކުޅުންތެރިންގެ ޕޭރެންޓުން (މައިންބަފައިން) ވަރަށް ކޮމިޓެޑް. އަޅުގަނޑު ބުނާނީ އެ މީހުންނަކީ މީގެ އެންމެ ބޮޑު ކްރެޑިޓް ލިބޭ ބަޔަކީ. ކުދިން ވަގުތުން ގެނެސް މި ކަމުގައި ކުޅުންތެރިންނަށް ފިއުޗާއެއް ދައްކައިދީ. އެ ކުދިންނަށް ބައިނަލްއަގުވާމީ ގޮތުން އަމިއްލަ ހަރަދުގައި ވެސް އެކި ގައުމުތަކަށް ގެންގޮސްގެން ޓްރެއިނިން ދޭ ޕޭރެންޓުން އެބަތިބި. އެހެންވީމަ އެ މީހުންގެ މި ސަޕޯޓަށް ޝުކުރު އަދާކުރަން،" ސޮބާ ބުންޏެވެ.
ފުޓްބޯޅައިގައި އޭނާ އަށް ކުޅުންތެރިންގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި ދަސްވެފައި ހުރި ކަންތައްތައް އެކި މީހުންނަށް ކިޔައިދޭން ބޭނުން ކަމަށާއި އެ ގޮތުން އޭނާގެ ނަޒަރުގައި ރާއްޖޭގެ ޒުވާން ކުޅުންތެރިން ޑިވެލޮޕްކުރަންވީ ތިރިން ޕާސް ޖަހައިގެން ކުޅޭ ފުޓްބޯޅަ އަކަށް ކަމަށް ސޮބާ ބުންޏެވެ.
"އަޅުގަނޑު ޓީސީ ވެސް މި ޓްރެއިން ކުރަނީ މި ތިރިން ޕާސް ޖަހައިގެން ކުޅޭ ފުޓްބޯޅަ އަށް. އެއީ ޓެކްނިކަލީ މި ކުޅުންތެރިން މޮޅީ. އޭގެ ބޭނުން ކުރަންވީ. އަޅުގަނޑު ވަރަށް ހިތްހަމަ ވެސް ޖެހޭ. ގައުމީ ޓީމުގައި ކުޑަހީނާ ކޯޗު ވެސް އެ ކުޅުންތެރިން އެ ޑިވެލޮޕްކުރަނީ މި ގޮތަށް. އެއީ މުސްތަގުބަލަށް ރަނގަޅުވާނީ ވެސް އެގޮތް،" ސޮބާ ބުންޏެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕްގައި ކުރެވޭ ކޮންމެ މަސައްކަތެއް ވެސް އަންނަނީ ޓުވާޑް ފިއުޗާ ބެނާގެ ދަށަށެވެ. ބައްސާމް އެންމެ އިސްކަމެއްގެ ގޮތުގައި ޓުވާޑްސް ފިއުޗާގެ ދަށުން ކުރައްވާ މަސައްކަތަކީ މުސްތަގުބަލުގައި ގައުމު ތަމްސީލްކުރާނެ ހުނަރުވެރި މޮޅު ޓީމުތަކެއް ބިނާކުރުމެވެ. އެ މަސައްކަތުގައި މިހާރު ވެސް އަންނަނީ ކުރިއެރުން ފެންނަމުންނެވެ.
ނިއު އެނބުރި އަންނާނެ: ސޮބާ
"ނިއު އަށް އަނބުރާ އައުމަކީ އަމިއްލަ ގެޔަށް އައުން"
ސޮބާ: ކޯޗިންގެ ޅަފަތުގައި ތަފާތު ތިން ޗެޕްޓަރެއް!
ކުރި މަސައްކަތް ގްރީންގެ ސަޕޯޓަރުން ބަލައިނުގަނޭ: ސޮބާ
އަހަންނަށް ދެވޭނީ އިރުޝާދު، ޖާދުލެއް ނެހެދޭނެ: ސޮބާ
"މާޒިޔާ އާއި ނިއުއާ ވާދަކުރެވޭނީ ރަނގަޅުކޮށްގެން"
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
އޭ ލައިސަންސް ކޯހުގެ ފެންވަރު ވަރަށް ރަނގަޅު: ސޮބާ
19 އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީސީ އަށް
ދިވެހި ފުޓްބޯޅަ ދިރިދިރި އެބައޮތް: އާފީ