Roadha Mihaaru
މީ ކުރިން ފުޓްބޯޅައިން ފެނުނު ކަންކަމެއް ނޫން: ސޮބާ

މީ ކުރިން ދިވެހި ފުޓްބޯޅައިގައި ކުރިމަތިލާންޖެހުނު ކަންތައްތަކެއް ނޫން: ސޮބާ

07 ފެބުރުއަރީ 2024

މިއަދު ގަލޮޅު ދަނޑުގައި ހިންގި ކަންކަމަކީ ރާއްޖޭގެ ފުޓްބޯޅައިގައި، ކުރިން ކުރިމަތިލާން ޖެހިފައިވާ ކަންތައްތަކެއް ނޫން ކަމަށް، ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

މިއަދު ގަލޮޅު ދަނޑުގައި ހިންގި ކަންކަމަކީ ރާއްޖޭގެ ފުޓްބޯޅައިގައި، ކުރިން ކުރިމަތިލާން ޖެހިފައިވާ ކަންތައްތަކެއް ނޫން ކަމަށް، ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

ދެވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި މިއަދު ކުޑަ ހެންވޭރާ ދެކޮޅަށް ވިކްޓަރި ކުޅުނު މެޗުގައި ހިނގި ހަމަނުޖެހުން ފެށުނީ ސޮބާ ހުރި ވިކްޓަރީގެ ބެންޗާ ދިމާ ކުރިމަތިންނެވެ. ދަނޑު ބޭރުން އެރި މީހުން ވިކްޓަރީގެ އެނަޓޮލީ ވްލާޗިޝޭވްއާ ދިމާ ކުރަން މަސައްކަތް ކުރި އެވެ. އެ ވަގުތު އެކަން ހުއްޓުވަން އެންމެ ފުރަތަމަ އަވަސްވެގަތީ ސޮބާ އެވެ.

އެ ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި މީހަކު ސޮބާގެ މޫނު މަތީގައި ގޮތްމުށުން ޖަހައި އޭނާގެ އަނގަމަތި ފަޅާލި އެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ގައުމީ ޓީމާއި ކްލަބް ފުޓްބޯޅައިގައި ވެސް ގިނަ ކާމިޔާބުތަކެއް ހޯދި ސޮބާ ބުނީ، އޭނާ ކުޅުންތެރިޔެއްގެ ގޮތުގައި ހޭދަ ކުރި 15 ވަރަކަށް އަހަރުތެރޭ ވެސް އަދި ކޯޗުކޮށްދޭން ފެށި ފަހުން ވެސް މިއަދު ކުރިމަތިލާން ޖެހުނު ކަންތައްތަކާ މީގެ ކުރިން ކުރިމަތިލާން ޖެހިފައި ނެތް ކަމަށެވެ.

"ސަޕޯޓަރުންގެ އެންމެ ފޯރި ނެގި ދުވަސްތައް ކުޅުންތެރިޔެއްގެ ގޮތުގައި އަޅުގަނޑު ތަޖުރިބާކުރިން. ކްލަބް ފުޓްބޯޅަ މެޗުތަކަށް ވެސް މުޅި ދަނޑު ފުރާލާފައި އޮތް މެޗުތަކުގައި ކުޅެ އެ ވާދަވެރިކަން ފެނުނު މީހެއް އަޅުގަނޑަކީ. އެކަމަކު މުޅި ދަނޑު ފުރާލާފައި އޮންނަ އިރު ވެސް މިހާ ހިސާބަށް ކަންކަން ގޮސްފައެއް ނެތް،" ވިކްޓަރީގެ ކެޕްޓަންކަން ވެސް ކުރިން ކުރި ސޮބާ ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގައި ގްރީން ސްޓްރީޓްސް އަދި ވެލެންސިއާގެ ކޯޗުކަން ވެސް ކުރި ސޮބާ ބުނީ ކޯޗެއްގެ ހައިސިއްޔަތުން ކުޅުންތެރިން ހިމާޔަތް ކުރުމަކީ ވެސް އޭނާގެ ޒިންމާއެއް ކަމަށެވެ.

"ކޯޗެއްގެ ހައިސިއްޔަތުން، އަމިއްލަ ކުޅުންތެރިން ހިމާޔަތް ކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް. ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗިން ކެރިއަރުގައި ވެސް މީގެ ކުރިން ދުވަހަކު ވެސް މިފަދަ ކަމެއް ތަޖުރިބާ ނުކުރަން. ވަރަށް ހިތާމަވެރި،" މިއަދުގެ މެޗަށް ފަހު ސޮބާ ބުންޏެވެ.

ސޮބާއަކީ ކުޅުންތެރިއެއްގެ ގޮތުގައި ވިކްޓަރީ އަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ކުޅުންތެރިއެކެވެ. ކުރީގެ ޑިފެންޑަރު ކުޅުން ހުއްޓާލުމަށް ކޯޗެއްގެ ގޮތުގައި އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރި އެވެ. މިދިޔަ އަހަރު ނިއު ރޭޑިއަންޓްގެ ކޯޗުގެ ގޮތުގައި މަސައްކަތް ކުރި ސޮބަ ވަނީ އެ ކްލަބަށް ވެސް ކުޅެ ގިނަ ކާމިޔާބުތަކެއް ހޯދައި ދީފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދުގެ މެޗުގެ 82 ވަނަ މިނެޓުގައި ފެށި ހަމަނުޖެހުމާ ގުޅިގެން މެޗު ކުރިއަށް ނުގެންދެވިގެން ހުއްޓާލި އެވެ. އޭރު 3-1 އިން ކުރީގައި އޮތީ ވިކްޓަރީ އެވެ.

މެޗުގެ ވަރަށް ކުރީކޮޅު މުހައްމަދު އުމެއިރާއި ފާރޫކް ހައިދަރޯފް ޖަހައިދިން ގޯލުތަކާ އެކު ވިކްޓަރީން ލީޑު ކުރަމުން ދަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލީ ޝަމާލް އަބްދުﷲ (ޝަންމު) ވަނީ ލަނޑެއް ޖަހައި ކުޑަހެންވޭރަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. ދެވަނަ ހާފުގައި ވިކްޓަރީގެ ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އުމެއިރެވެ.

ހަމަނުޖެހުން ހިނގަން މެދުވެރިވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާޏް އަށްވަރަކަށް މިނިޓަށް ވެފައި ވަނިކޮށް، ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިއްފަތު، ވިކްޓަރީގެ އެނަޓޮލީ އަށް ކުރި ފައުލަކާ ގުޅިގެން އެނަޓޮލީ ގަސްތުގައި ހާޒިމް ގައިގައި ކޮޅުފައިން ޖެހުމުންނެވެ. އަދި އެއާ ގުޅިގެން ރެފްރީ މުހައްމަދު ޖާވިޒް އެނަޓޮލީ އަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަން ނިންމުމާ ގުޅިގެން މައްސަލަ ހޫނުވި އެވެ.

އޭގެ ކުރިން ވެސް މި މެޗުގައި ކުޑަހެންވޭރުން ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރި އެވެ.