Roadha Mihaaru
ވިކްޓަރީން މިފަހަރު ނޮކައުޓް ބުރުން ޖާގަ ކަށަވަރުކޮށްފި

ވަރުގަދަ ވިކްޓަރީން މިފަހަރު ނޮކައުޓް ބުރުން ޖާގަ ކަށަވަރުކޮށްފި

23 ޖެނުއަރީ 2024

ވިކްޓަރީ ސްޕޯޓްސް ކްލަބުން އިއްޔެ ހަވީރު ކްލަބް ލެގޫންސާ ދެކޮޅަށް ކުޅުނު މެޗު 4-1 އިން ކާމިޔާބުކޮށް، ދެވަނަ ޑިވިޝަން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބުން އިއްޔެ ހަވީރު ކްލަބް ލެގޫންސާ ދެކޮޅަށް ކުޅުނު މެޗު 4-1 އިން ކާމިޔާބުކޮށް، ދެވަނަ ޑިވިޝަން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެންމެ ފަހުން ބޭއްވި ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންސް ލެގޫންސް ވަނީ މި މެޗުގެ ކުރިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ވިކްޓަރީ ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓް ހޯދިއިރު، ލެގޫންސް އަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ.

ވިކްޓަރީ އާއި ލެގޫންސާ އެކު ގުރޫޕް ސީގައި ހިމެނޭ ކްލަބް ޕީކޭ އާއި ލޮރެންޒޯ ސްޕޯޓްސް ކްލަބަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައި ވާއިރު، ބިސްބުރު ސްޕޯޓްސް އަށް ކުޅުނު ދެ މެޗުން ވެސް ޕޮއިންޓެއް ނުލިބެ އެވެ.

ސަސްޕެންޝަނަކާ އެކު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވި ވިކްޓަރީ ވަނީ އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަންގައި ވެސް ވާދަ ކޮށްފަ އެވެ. ނަމަވެސް އެފަހަރުގެ މުބާރާތުގައި އާދައިގެ ސްކޮޑަކާ އެކު ނުކުމެ، އެޓީމަށް ވަނީ ގުރޫޕް ސްޓޭޖާ ހަމައިން މުބާރާތް ނިމިފަ އެވެ.

ނަމަވެސް މިހާރު ކުރިއަށްދާ 2023 ދެވަނަ ޑިވިޝަން މުބާރާތަށް އެ ޓީމުން އައީ ދުރާލައި ކޯޗަކަށް ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ހަމަޖައްސައި، ކުޅުންތެރިން ހޯދައިގެން ރަނގަޅަށް ތައްޔާރުވަމުންނެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި، އަޝްހަދު އަލީ (އަޑޭ) ލީޑް ކުރި ލެގޫންް ޓީމަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުކުރެވި އުޅެނިކޮށް ވިކްޓަރީން ލީޑު ނެގީ 39 ވަނަ މިނިޓުގައި ހުސެއިން ފައިސަލް (ފައިޓޯ) ޖަހައިދިން ގޯލުންނެވެ. މިއީ ލެގޫންސް އަށް ކުޅޭ، ކުރިން ވިކްޓަރީ އާއި ގައުމީ ޓީމަށް ވެސް ކުޅުނު ކީޕަރު މުހައްމަދު އިމްރާން އަތުން ބޯޅަ ދޫވި ވަގުތު އޭގެ ފައިދާ ނަގައި ފައިޓޯ ޖެހި ގޯލެކެވެ.

މި ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ބޮލުން ގޯލެއް ޖަހައި ވިކްޓަރީ އަށް ލީޑު ފުޅާ ކޮށްދިނީ މުހައްމަދު އުމެއިރެވެ.

މެޗުގެ ދެވަނަ ހާފުގައި ފެނުނު ތިން ލަނޑޫ ވެސް ޖެހީ ބިދޭސީ ކުޅުންތެރިންނެވެ. ވިކްޓަރީގެ އުޒްބަކިސްތާން މިޑްފީލްޑަރު ފާރޫކް ހައިދަރޯވް 57 ވަނަ މިނިޓުގައި އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައި ވަނިކޮށް، 74 ވަނަ މިނިޓުގައި ލެގޫންސް އަށް ކުޅޭ ސްރީލަންކާ ގައުމީ ޓީމުގެ ފޯވާޑް މުހައްމަދު ޝިފާން ވަނީ އެޓީމަށް ސުން ކަނޑުވާލައިދީފަ އެވެ.

ވިކްޓަރީގެ ފަހު ލަނޑު މެޗުގެ 89 ވަނަ މިނިޓުގައި ޖަހައިދިނީ އުޒްބަކިސްތާން ޑިފެންޑަރު ފުރުކަޓްޖޯން ހަސަންބޮއޭވް އެވެ.