Roadha Mihaaru
ވިކްޓަރީގެ ދެވަނަ ސީޒަން ވެސް ފެށީ މޮޅަކުން

ދެވަނަ ޑިވިޝަންގައި ވިކްޓަރީގެ ދެވަނަ ސީޒަން ވެސް ފެށީ މޮޅަކުން

30 ޑިސެމްބަރ 2023

ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހުރި ގިނަ ކުޅުންތެރިންތަކަކާ އެކު މި ސީޒަންގެ ދެވަނަ ޑިވިޝަން ކުޅޭ ވިކްޓަރީ ސްޕޯޓްސް ކްލަބުން ފުރަތަމަ މެޗުގައި 3-0 އިން ކްލަބް ޕީކޭ ބަލިކޮށްފި އެވެ.

ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހުރި ގިނަ ކުޅުންތެރިންތަކަކާ އެކު މި ސީޒަންގެ ދެވަނަ ޑިވިޝަން ކުޅޭ ވިކްޓަރީ ސްޕޯޓްސް ކްލަބުން ފުރަތަމަ މެޗުގައި 3-0 އިން ކްލަބް ޕީކޭ ބަލިކޮށްފި އެވެ.

މިއީ ވިކްޓަރީއަށް ކުރިމަތިވި ސަސްޕެންޝަނާ ގުޅިގެން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެ، ކުޅޭ ދެވަނަ ސީޒަނެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ވިކްޓަރީން ފުރަތަމަ މެޗު ކާމިޔާބު ކުރި އެވެ. ނަމަވެސް ނިއު ރޭޑިއަންޓާ ވެސް އެއް ގުރޫޕެއްގައި ކުޅެ ވިކްޓަރީ އަށް ނިންމާލަން ޖެހުނީ ގުރޫޕް ސްޓޭޖާ ހަމައިންނެވެ.

މިދިޔަ ސީޒަނާ އަޅާ ބަލާއިރު ވިކްޓަރީ ވަނީ މި ސީޒަނަށް ސްކޮޑް ވަރުގަދަ ކޮށްފަ އެވެ.

ގަލޮޅު ދަނޑުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ވިކްޓަރީން ޖެހި ތިން ގޯލު ވެސް ޖަހައިދިނީ ޓީމުގެ ބިދޭސީ ކުޅުންތެރިންނެވެ. ޓީސީ ސްޕޯޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވެސް ކުޅުނު އެނަޓޮލީ ވްލާސިޗޭވް މެޗުގެ 35 ވަނަ މިނިޓުގައި މެޗުގެ ފުރަތަމަ ގޯލު ޖެހީ، ކުރިން މާޒިޔާ އާއި ޔޫވީ އަށް ކުޅުނު މިލޯސް ކޮވަސެވިޗް ދިން ބޯޅައަކުންނެވެ.

މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގައި ވާދަވެރި ނިއު ރޭޑިއަންޓަށް ކޯޗު ކޮށްދިން ސޮބާހު މުހައްމަދު (ސޮބާ) ގެ ކޯޗުކަމުގައި ކުޅޭ ވިކްޓަރީން ލީޑު ފުޅާ ކުރީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 55 ވަނަ މިނިޓުގައި ލިބުނު މި ޕެނަލްޓީ ފޮނުވާލީ މިދިޔަ އަހަރު ނިއުގެ ޖޯޒީގައި ކުޅުނު ފާރޫކް ހައިދަރޯވް އެވެ.

މިއީ ބީޖީގެ ޑީފެންޑަރު ހަސަން އިބްރާހީމް،ވިކްޓަރީގެ އިބްރާހިމް ރިޒްހާން (ރިޒްކޯ) އަށް ފައުލް ކޮށްގެން ދިން ޕެނަލްޓީއެކެވެ. ރިޒްހާން ވަނީ މީގެ ކުރިން ކްލަބް ގްރީން ސްޓްރީޓްސް އާއެކު ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ. ފަހުން ލިބުނު އަނިޔާއަކާ ގުޅިގެން ފުރަތަމަ ޑިވިޝަނާ ދުރުގައި ހުރި ކުޅުންތެރިޔާ ވަނީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ކުޑަހެންވޭރު ޔުނައިޓެޑް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ވިކްޓަރީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ކުރީގެ ގައުމީ ޓީމް ކެޕްޓަން އަކޫ.-- ފޮޓޯ: ސިޑިބަރި

ވިކްޓަރީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ކުރީގެ ގައުމީ ޓީމް ކެޕްޓަން އަކޫ.-- ފޮޓޯ: ސިޑިބަރި

ވިކްޓަރީގެ ފަހު ގޯލު 75 ވަނަ މިނިޓުގައި ޖެހީ ކުރިން ޔޫވީ އަށް ކުޅުނު ބެލަރޫސްގެ ފޯވާޑް އިވާން ވެރާސް އެވެ. ބަދަލު ކުޅުންތެރިއެއް ގޮތުގައި ނުކުތް އިވާން ވަނީ ފާރޫކް އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ވިކްޓަރީގެ ކެޕްޓަނަކީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ. އަދި ފޯވާޑް ލައިން ލީޑް ކުރި މުހައްމަދު އުމެއިރަށް ވެސް ވަނީ މެޗުގައި ލަނޑެއް ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ލިބިފަ އެވެ.

ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި ޓީސީ އާއެކު ޕްރިމިއާ ލީގު ނެގި އަހުމަދު ރިލްވާން (ބެން) ގެ އިތުރުން އަހުމަދު އަބްދުﷲ (ލިލީ) ވެސް ފުރަތަމަ 11 ގައި ހިމެނުނު މި މެޗުގައި ވިކްޓަރީގެ ގޯލު ބެލެހެއްޓީ ރާއްޖޭގެ ތަޖުރިބާ ގިނަ ޕާކިސްތާނުގެ ސާގިބް ހަނީފް އެވެ. ހަމަ އެއާ އެކު ބަދަލު ކުޅުންތެރިންގެ ގޮތުގައި ހުސެއިން ފައިސަލް (ފައިޓޯ) އާއި މޫސާ ޔާމީން (ޔާމްބެ) އަދި އަހުމަދު ސުހެއިލް (ބަންބުޗް) ވަނީ ކުޅެން ނުކުމެފަ އެވެ.

ޕީކޭގައި ވެސް ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ މަދެއް ނޫނެވެ. އެޓީމުގެ ކެޕްޓަނަކީ ކުރިން ފުރަތަމަ ޑިވިޝަންގައި ވިޔަންސާ އަށް ކުޅުނު އަހުމަދު ގިތުރީސް އެވެ. ފޯވާޑް އަހުމަދު ނިޒާމް އާއި އާދަމް އިޝާމް (ސަން) ގެ އިތުރުން އަލީ އިމްރާން އާއި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ވެސް ކުޅުނު މި މެޗުގައި ޕީކޭގެ ގޯލު ބެލެހެއްޓީ ތޮލާލް ހަސަން (ޓޮޕްލަކް) އެވެ.