Roadha Mihaaru
އަޑޭގެ ހިއްސާއާ އެކު އޭނާގެ ލެގޫންސް ދެވަނަ ޑިވިޝަން ފެށީ  މޮޅަކުން

އަޑޭގެ ހިއްސާއާ އެކު އޭނާގެ ލެގޫންސް ދެވަނަ ޑިވިޝަން ފެށީ މޮޅަކުން

06 ޖެނުއަރީ 2024

އެންމެ ފަހުގެ ތިންވަނަ ޑިވިޝަންގެ ޗެމްޕިއަން ލެގޫންސް ސްޕޯޓްސް ކްލަބް ދެވަނަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި 3-0 އިން ކްލަބް ޕީކޭ ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެންމެ ފަހުގެ ތިންވަނަ ޑިވިޝަންގެ ޗެމްޕިއަން ލެގޫންސް ސްޕޯޓްސް ކްލަބް ދެވަނަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި 3-0 އިން ކްލަބް ޕީކޭ ބަލިކޮށްފި އެވެ.

މިއާ އެކު، ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗު އަބްދުﷲ ނަސީރު (އަބޯ)ގެ އިރރުޝާދުގެ ދަށުން ކުޅޭ ޕީކޭ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އެޓީމުގެ ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ވެސް ބަލިވީ ހަމަ މި ނަތީޖާއިންނެވެ.

ލެގޫންސް އާއި ޕީކޭ އަދި ވިކްޓަރީ އާއި ލޮރެންޒޯ ސްޕޯޓްސް ކްލަބާއި ބިސްބުރު ސްޕޯޓްސް ކްލަބް ހިމެނެނީ ގުރޫޕް ސީގަ އެވެ. ލޮރެންޒޯ އާއި ބިސްބުރު ބައްދަލުކުރި މެޗުގައި ލޮރެންޒޯ ވަނީ 4-1 އިން މޮޅުވެފަ އެވެ.

ލެގޫންސް އިން ދެވަނަ ޑިވިޝަނާ ކުރިމަތިލީ ބިދޭސީ ހަ ކުޅުންތެރިން ޓީމުގައި ހިމަނައިގެންނެވެ. މިއަދުގެ މެޗުގައި އެ ހަ ކުޅުންތެރިން ވެސް ވަނީ، ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ގެ އިރުޝާދުގެ ދަށުން ފުރަތަމަ 11 ގައި ކުޅެފަ އެވެ.

އެޓީމުގެ ގޯލު ބެލެހެއްޓީ ކުރިން ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އަޒަރުބައިޖާން ކީޕަރު އެލްމައްދީން މަމަޑޯވް އެވެ. ހަމަ އެއާ އެކު ކުރިން އީގަލްސް އަށް ކުޅުނު ރަޝިއާ ފޯވާޑް ވްލަޑިސްލާވް ކޯމިޝިން ވެސް ވަނީ ކުޅެފަ އެވެ.

ލެގޫންސްގެ ކެޕްޓަނަކީ އަޑޭ

ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ކުރީގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އަދާކުރެއްވި އަޝްހަދު އަލީ (އަޑޭ) އަކީ ލެގޫންސްގެ އެއް ފައުންޑަރެވެ. އެޓީމުން ދެވަނަ ޑިވިޝަނަށް ނުކުތް ސްކޮޑުގައި އަޑޭ، 37، ހިމެނެ އެވެ. އަދި އޭނާ ވަނީ މިއަދުގެ މެޗުގައި އެޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން މެޗު ފުރިހަމަ ކޮށްފަ އެވެ.

މިދިޔަ ސީޒަން (2022) ގައި އަޑޭ ކުޅުނީ ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަށެވެ. އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) ރާއްޖެއިން ބޭރަށް ފުރުވާލުމުގައި ޖާމިނުވެ، އަލީ ކޯޓަށް ހާޒިރު ނުކުރެވުމުން ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށުގައި އަޑޭ ވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކޮށް 15 ދުވަހަށް ޖަލަށް ވެސް ލައިފަ އެވެ. ފިޓްނަސް ހިފަހައްޓަން ޖަލުގައި ވެސް އޭނާ ފުޓްބޯޅަ ކުޅުނެވެ. އަދި ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު އެނބުރި އައިސް އޭނާ ވަނީ އަލުން ވެލެންސިއާ ޓީމަށް ކުޅެފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ޕީކޭ އިން ކުރީކޮޅު ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ލިބުނު ފުރުސަތުތަކުގައި އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގައި ލެގޫންސް އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އަރިމަތިން އޭރިއާ ތެރެއިން ބިދޭސީ ކުޅުންތެރިޔާ އަބްދުއްލަތީ މުހައްމަދު ބަސެލް ތިރިތިރިން ހުރަސް ކޮށްލި ބޯޅަ ގޯލަށް ފޮނުވާލައިގެން އެޓީމަށް ލީޑު ނަގައިދިނީ ސްރީލަންކާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އަމަން ފައިޒާ އެވެ.

ދެވަނަ ހާފުގައި ލެގޫންސް އިން ޖެހި ދެ ގޯލު ވެސް ޖަހައިދިނީ، 61 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ރިފްޝާން އެވެ. އޭނާ އަކީ މީގެ ކުރިން ދެވަނަ ޑިވިޝަންގެ ގިނަ ޓީމުތަކަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މެޗުގެ 69 ވަނަ މިނިޓުގައި އަލީ ރިޝްވާން އަހުމަދު ހިލޭޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޕީކޭގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ޕަންޗް ކޮށްލުމުން އޭރިއާ ރޮނގުމައްޗަށް ވެއްޓުނު ބޯޅަ ރިފްޝާނަށް ލިބުމާ އެކު އޭނާ ވަނީ އެއްފަހަރުން ޖަހައި ކީޕަރު ބޯ މަތިން އެ ބޯޅަ ގޯލަށް އޮއްސާލައިފަ އެވެ.

ލެގޫންސްގެ ތިންވަނަ ލަނޑު އޭނާގެ ޖެހީ މެޗުގެ 83 ވަނަ މިނިޓުގަ އެވެ. އޭނާ މި ލަނޑު ޖެހީ ކޯމިޝިން ފޮނުވާލި ބޯޅަ ކީޕަރު ތޮލާލް ދިފާއު ކުރި ވަގުތު ލިބުނު ރީބައުންސް ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

މުބާރާތުގައި ދެން މެޗެއް އޮންނާނީ ހޯމަ ދުވަހު އެވެ. ބައްދަލުކުރާނީ ގުރޫޕް އޭގެ މަހިބަދޫ ސްޕޯޓްސް ކްލަބާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.