Roadha Mihaaru
ފަހު ހާފުގައި ޖާދޫ ދައްކައި މަސްއޮޑި ސެމީ އަށް

ފަހު ހާފުގައި ޖާދޫ ދައްކައި މަސްއޮޑި ސެމީ އަށް

05 ފެބުރުއަރީ 2024

ކުއާޓާ ފައިނަލްގައި ބީގީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ފަހު ހާފުގައި ކާމިޔާބު ކުރި ގޯލުތަކާ އެކު 5-0 ގެ ނަތީޖާއަކުން މޮޅުވެ، މަސްއޮޑި ސްޕޯޓްސް ކްލަބް ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ކުއާޓާ ފައިނަލްގައި ބީގީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ފަހު ހާފުގައި ކާމިޔާބު ކުރި ގޯލުތަކާ އެކު 5-0 ގެ ނަތީޖާއަކުން މޮޅުވެ، މަސްއޮޑި ސްޕޯޓްސް ކްލަބް ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މަސްއޮޑި ސްޕޯޓްސްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޓީމްގެ ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އުޒްބަކިސްތާނުގެ މިޑްފީލްޑަރު ޖަކޮނޯވް ސަރުދޯރު ސްކޮޑުގައި ނުހިމެނެ އެވެ. މިއަދު ޓީމް ލީޑު ކުރީ ތަޖުރިބާކާރު ފުލްބެކް މުހައްމަދު ރަޝީދު (ހޮކޭ) އެވެ.

މަސްއޮޑިން މުޅި މެޗު ޑޮމިނޭޓް ކުރި ނަމަވެސް ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެވެ. މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު 52 ވަނަ މިނިޓުގައި ޖަހައިދިނީ، ބިދޭސީ ފޯވާޑް އޮޑިލީ ފެލިކްސްގެ ބަދަލުގައި ދެވަނަ ހާފަށް ކުޅެން ނުކުތް ޒުވާން ކުޅުންތެރިޔާ މުހައްމަދު ރާހިލް ރަޝީދެވެ. އޭގެ ދެ މިނިޓު ފަހުން ލީޑު ފުޅާ ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު އެލްސައީދެވެ.

ދެ ގޯލުގެ ލީޑެއް ނެގިތާ 10 މިނިޓު ފަހުން އަލީ ޝާމިސް (ތޮއްޕޭ) ހުރަސް ކޮށްލި ބޯޅަ ކީޕަރު ކުރިމަތީ ފެނުޖެހިފައި ބޯ މަތިން ގޮސް ގޯލަށް ވަދެގެން މަސްއޮޑިން ތިންވަނަ ގޯލު ކާމިޔާބު ކުރިއިރު، އޭގެ 10 މިނިޓު ފަހުން ހަތަރުވަނަ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އިބްރާހިމް ޝަރީފް މުހައްމަދެވެ.

މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ފަސްވަނަ ގޯލު ކާމިޔާބު ކޮށްދިނީ އިސްލާމް ފެކްރީ ގަބާލާ އެވެ. މިއީ ހުސެއިން ޝަރީފް ބީޖީގެ ކީޕަރު ކައިރިން ނައްޓަން އުޅުމުގެ ތެރޭގައި ކީޕަރު ކުރި ކުށަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ ކުރިން ހުސެއިން ޝަރީފް އަށް ވަނީ ގޯލު ޖަހާނެ ތިން ފުރުސަތެއް ލިބި ނާކާމިޔާބު ވެފަ އެވެ.

މަސްއޮޑި ސްޕޯޓްސް ގުރޫޕް ސްޓޭޖް ނިންމާލީ ވެސް ކުޅުނު ހަތަރު މެޗުން ބައިކޮޅަށް ގޯލެއް ނުވަދެ އެވެ. ފައިނަލުން ޖާގަ ހޯދައި ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވާން މަސްއޮޑި އަށް ދެން އޮތީ ސެމީ ފައިނަލްގެ މެޗު ކާމިޔާބު ކުރުމެވެ.

ސެމީ ފައިނަލްގައި އަންނަ އާދިއްތަ ދުވަހު މަސްއޮޑި ނުކުންނާނީ، ބުރާސްފަތި ދުވަހުގެ ހަވީރު ކުއާޓާގެ ފަހު މެޗުގައި ލެގޫންސް ސްޕޯޓްސް ކްލަބާއި ޓެންޓް ސްޕޯޓްސް ކްލަބް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި މާދަމާ ހަވީރު ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ކްލަބް ޕީކޭ އެވެ.