Roadha Mihaaru
އިމްރާންގެ ހެޓްރިކާ އެކު ލެގޫންސް ކުއާޓާ ފައިނަލަށް

އިމްރާންގެ ހެޓްރިކާ އެކު ލެގޫންސް ކުއާޓާ ފައިނަލަށް

04 ފެބުރުއަރީ 2024

އިބްރާހިމް އިމްރާންގެ ހެޓްރިކާ އެކު ލެގޫންސް ސްޕޯޓްސް ކްލަބުން 5-1 އިން ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކޮށް ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އިބްރާހިމް އިމްރާންގެ ހެޓްރިކާ އެކު ލެގޫންސް ސްޕޯޓްސް ކްލަބުން 5-1 އިން ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކޮށް ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގެ ފުރަތަމަ ހާފުގެ ތެރޭ، އުމުރުން 21 އަހަރުގެ ޒުވާން ފޯވާޑް އިމްރާން ވަނީ ހެޓްރިކް ހަދައިފަ އެވެ.

އަހުމަދި ރިފްޝާން ދިން ތުރޫ ޕާހެއް ހޯދައިގެން ކުރިއަށް އަރައި ގޯލް ކީޕަރުގެ ފައި ދޭތެރޭން ބޯޅަ ގޯލަށް ފޮނުވާލައިގެން ހަތަރު ވަނަ މިނިޓުގައި ލީޑު ނަގައިދިން އިރު، ވްލަޑިސްލާވް ކޯމިޝިން ދިން ބޯޅައެއް ހޯދައިގެން ލީޑު ފުޅާ ކުރި ގޯލު ޖެހީ 17 ވަނަ މިނިޓުގަ އެވެ. އަދި 35 ވަނަ މިނިޓުގައި ކޯމިޝިން ހިލޭޖެހުމަކުން ނަގައިދިން ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން، 2019 ވަނަ އަހަރުގެ 18 އަހަރުން ދަުގެ ސާފް ޗެމްޕިއަންޝިޕްގެ ބްރޯންޒް މެޑަލް ޔަގީން ކޮށްދިން ފޯވާޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

ކްލަބް އީގަލްސްގެ ޔޫތު ޓީމުން ފާހަގަވި އިންމި ވަނީ ފަހުން ޓީސީ ސްޕޯޓްސް ކްލަބްގެ ސީނިއާ ޓީމުގައި ހިމެނިގެން ކުޅެފަ އެވެ. ނަމަވެސް ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދ. މަންދޫ އަށް އުފަން ފޯވާޑަށް ޖެހުނީ ގިނަ ދުވަސްތަކަކަށް އޭނާ ކުޅުމާ ދުރުގައި ހުންނާށެވެ.

އިންމިގެ ހެޓްރިކަކަށް ފަހު ދެން މެޗުގައި ގޯލެއް ޖެހީ، ފުރިހަމަ ވަގުތު ހަމަވާން 15 މިނިޓަށް ވެފައި ވަނިކޮށެވެ. މިއީ ލޮރެންޒޯގެ ނަސޫހު ސައީދު ޖަހައިދިން ގޯލެކެވެ. އޭގެ 12 ވަރަކަށް މިނިޓު ފަހުން ރިފްޝާން ލެގޫންސްގެ ހަތަރުވަނަ ގޯލު ޖަހައިދީފައި ވަނިކޮށް މެޗުގެ އިތުރު ވަގުތުގައި ފަސްވަނަ ގޯލު ޖަހައިދިނީ އަހުމަދު ރިޒްވާން އިސްމާއިލް އެވެ.

މި ނަތީޖާއާ އެކު ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅެވި، ކުއާޓާ ފައިނަލްގައި ވާދަކުރާ ޓިމުތައް މިވަނީ ފައިނަލް ކުރެވިފަ އެވެ. ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމުތަކާ އެކު، ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް ވަނީ ކުއާޓާގެ ފުރުސަތު ލިބިފަ އެވެ.

ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން ކުއާޓާގެ ފުރުސަތު ނުލިބުނީ ގުރޫޕް އޭގެ މަހިބަދޫ ސްޕޯޓްސް ކްލަބަށެވެ. އެޓީމަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބުނަސް ފައިދާ ގޯލެއް ނެތެވެ. އެޓީމު ކޮޅަށް ވަނީ ޖެހި ގޯލަށް ވުރެ އިތުރަަށް ހަތަރު ގޯލު ވަދެފަ އެވެ. ގުރޫޕް ބީގެ ތިންވަނައަށް ދިޔަ ބީޖީ ސްޕޯޓޤސް ކްލަބަށް ހަ ޕޮއިންޓާ އެކު ފައިދާ ހަތަރު ގޯލު ލިބިފައިވެ އެވެ. އަދި ގުރޫޕް ސީގެ ތިންވަނައަށް ދިޔަ ކްލަބް ޕީކޭ ނިންމާލީ ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ރަނގަޅު ޓީމުގެ ގޮތުގަ އެވެ.

ކުއާޓާގެ މެޗުތައް:

5 ފެބްރުއަރީ: މަސްއޮޑި ސްޕޯޓްސް - ބީޖީ ސްޕޯޓްސް

6 ފެބްރުއަރީ: ނިއުރޭޑީއަންޓް - ޕީކޭ

7 ފެބްރުއަރީ: ވިކްޓަރީ - ކުޑަހެންވޭރު

8 ފެބްރުއަރީ: ޓެންޓް ސްޕޯޓްސް - ލެގޫންސް