Roadha Mihaaru
އަޑޭ ލަނޑުޖެހި މެޗުގައި ރަތެއް، ޓެންޓް ސެމީއަށް

އަމިއްލަ ޓީމަށް އަޑޭގެ ފުރަތަމަ ގޯލް، މުބާރާތް ނިންމާލީ ރަތަކުން، ސެމީގެ ޖާގަ ޓެންޓަށް

09 ފެބުރުއަރީ 2024

ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން އަޝްހަދު އަލީ (އަޑޭ) އޭނާގެ، ކްލަބް ލެގޫންސް އަށް ފުރަތަމަ ރަސްމީ ގޯލު ޖަހައިދިން ނަމަވެސް، އިދިކޮޅުން ކުޅުނު ޓެންޓް ސްޕޯޓްސް ކްލަބް 3-1 ގެ ނަތީޖާއަކުން މެޗުން މޮޅުވެގެން ދެވަނަ ޑިވިޝަން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން އަޝްހަދު އަލީ (އަޑޭ) އޭނާގެ، ކްލަބް ލެގޫންސް އަށް ފުރަތަމަ ރަސްމީ ގޯލު ޖަހައިދިން ނަމަވެސް، އިދިކޮޅުން ކުޅުނު ޓެންޓް ސްޕޯޓްސް ކްލަބް 3-1 ގެ ނަތީޖާއަކުން މެޗުން މޮޅުވެގެން ދެވަނަ ޑިވިޝަން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އުމުރުން 37 އަހަރުގެ އަޝްހަދަކީ އެންމެ ފަހުގެ ތިންވަނަ ޑިވިޝަން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ލެގޫންސްގެ އެއް ފައުންޑަރެވެ. މި ސީޒަންގައި އޭނާ އަންނަނީ ދެވަނަ ޑިވިޝަންގައި އެޓީމުގެ ކެޕްޓަންގެ މަގާމު އަދާކުރަމުންނެވެ.

އިއްޔެ ހަވީރު ޓެންޓާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލްގެ މެޗުގައި، ޓެންޓުން ޖެހި ތިން ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ ހަތްވަނަ މިނިޓާއި 21 ވަނަ މިނިޓުގައި ސްޓްރައިކަރު އަލީ އިހުސާން އެޓީމަށް ދެ ގޯލުގެ ލީޑެއް ހޯދައިދިން އިރު ތިންވަނަ ލަނޑު 41 ވަނަ މިނިޓުގައި ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް އަހުމަދު ރިލްވާނެވެ.

ގޯލު ޖެހުމަށް ފަހު ޓެންޓްގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގޯލު ޖެހުމަށް ފަހު ޓެންޓްގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ލެގޫންސް އިން މެޗުގައި ޖެހި ހަމައެކަނި ގޯލު އަޝްހަދު ޖަހައިދިނީ 66 ވަނަ މިނިޓުގަ އެވެ. އޭނާ ގޯލު ޖެހީ ވްލަޑިސްލާވް ކޯމިޝިން ހިލޭޖެހުމަކުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ ދެ މިނިޓެއްހާއިރު ފަހުން ލެގޫންސްގެ އަހުމަދު މުހައްމަދު (އަންމަޑޭ) ނަގައިދިން ބޯޅައެއް ވެއްޓިގެންފައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް ލައިންސްމަން ވަނީ އަޝްހަދު އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

އަޝްހަދު ލަނޑު ޖެހުމުގެ ކުރިން ޓެންޓްގެ މެނޭޖަރު ހަސަން ހަމްދޫން އަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކައި ބެންޗުން ފޮނުވާލައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް އަޝްހަދަށް ވެސް ވަނީ ރެފްރީ އަފްޝީން ނަސީރު ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

އިދިކޮޅު ކީޕަރު ދަނޑުމައްޗަށް ވެއްޓި އޮތް ވަގުތެއްގައި ރެފްރީ ކުޅުން ހުއްޓުވައި ކީޕަރާ ދިމާއަށް ދުއްވައިގަތް ވަގުތު އަޝްހަދު، ރެފްރީ ހުއްޓުވަން މަސައްކަތް ކުރުމުން ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެއާ ގުޅިގެން އަޝްހަދު ރެފްރީއާ މުހާތަބުކުރި ގޮތަކުން ރެފްރީ އަފްޝީން ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

ވިކްޓަރީ އަށް ކުޅެމުން ވިދާލި އަޝްހަދު ވަނީ ގައުމީ ޓީމަށް ފަންސާހަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ.

އެންމެ ފަހުން 2022 ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގައި ޓެންޓް ސްޕޯޓްސް އަށް ސެމީ އަށް ނުދެވުނީ ތިން ގޯލުގެ ތަފާތަކުންނެވެ. އެ މުބާރާތުގައި، ގުރޫޕް ސްޓޭޖުގެ ކޮންމެ ގުރޫޕެއްގައި އަށް ޓީމު ހިމެނުނުއިރު ގުރޫޕްގެ ދެވަނަ ހޯދައިގެން ސެމީ ފައިނަލަށް ދިޔަ ކުޑަހެންވޭރު ޔުނައިޓެޑާ ޕޮއިންޓްގެ ގޮތުން އެއްވަރު ވި ނަމަވެސް ޓެންޓަށް ސެމީން ފުރުސަތު ނުލިބުނީ ގޯލުގެ ތަފާތުން ކުރި ނުލިބުމުންނެވެ.

މި ނަތީޖާއާ އެކު އާދިއްތަ ދުވަހު ކުޅޭ ސެމީ ފައިނަލްގައި ޓެންޓް ސްޕޯޓްސް ކްލަބް ނުކުންނާނީ މަސްއޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެޓީމު ސެމީ އަށް ދަތުރު ކުރީ ކުއާޓާގައި 5-0 ގެ ނަތީޖާއަކުން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.

ހޯމަ ދުވަހުގެ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. ސެމީގެ ދެ މެޗުން ވެސް މޮޅުވާ ޓީމަކަށް ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.