Roadha Mihaaru

އަޑުބަރޭގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލައިފި

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ)ގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލައިފި އެވެ.

އަޑުބަރޭގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

17 އޯގަސްޓް 2025

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ)ގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލައިފި އެވެ.

އަސްހަދުގެ މައްޗަށް އުފުލާފައި ވަނީ އަނިޔާދިނުމާއި މުދަލަށް ގެއްލުންދިނުމާއި މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއްކޮށްފާނެ ނުވަތަ ބިރުދެއްކުމުގެ ދައުވާ އެވެ. އެ ތިން ދައުވާއާ ގުޅޭ އަޑުއެހުންތައް ބާއްވަން ކްރިމިނަލް ކޯޓުން މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.

ނަމަވެސް، އެއީ ކޮން މައްސަލައަކާ ގުޅިގެން ކުރާ ދައުވާތަކެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އަސްހަދަކީ ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރަން ޖާމިނުވި މީހާ އެވެ. އޭނާ ޝަރީއަތަށް ހާޒިރުކޮށް ނުދީގެން 15 ދުވަހަށް އަޑުބަރޭ ޖަލަށް ވެސް ލި އެވެ. އޭރު އޭނާ ހުރީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ މިނިވަންވީ މާޗު 6، 2022 ގަ އެވެ.

އަލީ ވަހީދުގެ އެންމެ ގާތް އެއް އެކުވެރިޔާ އަސްހަދަށް ޣައިރު ހާޒިރުގައި 15 ދުވަހުގެ ޖަލު ހުކުމެއް އޭރު އިއްވީ އޭނާ އިނގިރޭސި ވިލާތުގައި ހުއްޓަ އެވެ. އޭނާ ޖަލަށް ލީ އެނބުރި ރާއްޖެ އައުމާ އެކު އެވެ.

އަސްހަދުގެ މައްޗަށް ކުރި ހުކުމުގައި ވަނީ އަލީ ވަހީދު ގެންނަން ޖާމިނުވި މީހާ ކުރި މަސައްކަތެއް އެނގެން ނެތް ކަމަށެވެ. އަދި 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ.