Roadha Mihaaru
މައްސަލަ ނެތް ފްލެޓްތައް ހަވާލުކުރަން ގޮވާލައިފި

މައްސަލަ ނެތް ފްލެޓްތައް ހައްގުވެރިންނާ ހަވާލުކުރަން ގޮވާލައި މަޖިލީހަށް މައްސަލައެއް

07 ފެބުރުއަރީ 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތައާރަފްކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކުގެ ތެރެއިން މައްސަލައެއް ނެތް ފްލެޓްތައް ވީއެންމެ އަވަހަކަށް ހަވާލުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ތައާރަފްކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކުގެ ތެރެއިން މައްސަލައެއް ނެތް ފްލެޓްތައް ވީއެންމެ އަވަހަކަށް ހަވާލުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްﷲ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އެކި ސަބަބުތަކާ ހުރެ ފްލެޓްތައް ދިނުން ލަސްވުމަކީ އޭގެ ސަބަބުން އެތައް ގެއްލުމެއްވާ ކަމެއް ކަމަށާއި އޭގެ ތެރޭގައި ކުދިކުދި ތަންތަން ކޮޅުގައި ދިރިއުޅުން ޖެހިފައިވާ އަދި އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހަރަދުކުރާ މީހުން ހިމެނޭ ކަމަށެވެ.

އެ ހާލުގައި އުޅޭ ގިނަ ބައެއްގެ ތަކުލީފްތައް ނިމުމަކަށް ގެންނަން، މައްސަލައެއް ނެތް ހުރިހާ ފްލެޓެއް ވީއެންމެ އަވަހަކަށް ހަވާލު ކުރުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށް މައްސަލަ ހުށަހަޅުއްވަމުން، އީވާ ވިދާޅުވި އެވެ.

"މި މައްސަލާގައި ފްލެޓްތައް ދިން ގޮތާ މެދު ގިނަ ޝަކުވާތައް ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަމުގެ ތަހުގީގެއް ހިންގާފައިވާއިރު ފްލެޓް ލިބުމުގެ ޝަރުތު ހަމަވާ އެއްވެސް މައްސަލައެއް ނެތް ފްލެޓްތަކުގެ ހައްގުވެރިންނަށް އިތުރު ލަސްކުރުމަކާ ނުލައި ދަތި ހާލުގައި ދިރިއުޅުން ބިނާ ކުރަމުންދާ ފަރާތްތަކުގެ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަކީ މިއީ އެންމެ މުހިންމު އެއް ކަންތައް،" އިވާ ހުށަހެޅި މައްސަލާގައިވެ އެވެ.

އީވާ ވިދާޅުވީ މައްސަލަ ހުރި ފްލެޓްތަކުގެ ކަންކަން ވެސް ވީއެންމެ އަވަހަކަށް ބަލައި އެ ފްލެޓްތައް ދޫކުރެވޭ ވަރު ކުރަން ޖެހޭ ކަމަށެވެ.

އެ މައްސަލާގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މާލޭ ރައްޔިތުން ދިރިއުޅެމުން އަންނަނީ ވަރަށް ދަތި ހާލަތުގައި ކަމަށާއި ދިރިއުޅުން ބިނާ ނުކުރެވިގެން އުޅެނީ އެމީހުންނަށް އޮތް ގެދޮރުވެރިކަމުގެ ދަތިކަމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ ރައްޔިތުން ވާނުވާގައި ތަޅުވަން ބައިތިއްބައިގެން ނުވާނެ ކަމަށާއި މި ސަރުކާރަށް ވެސް ގޮވާލައްވަނީ ފްލެޓްތައް ވީއެންމެ އަވަހަކަށް ދޫކުރުމަށް ކަމަށް އީވާ ވިދާޅުވި އެވެ.

ދުވަހަކު މާލޭގައި ދިރިނޫޅޭ މީހުންނަށް ވެސް މިދިޔަ ސަރުކާރުން ދޫކުރި ފްލެޓްތައް ދީފައިވާ ކަން އެނގެން އެބަހުރި ކަމަށާއި އެ މައްސަލަތައް ހުއްޓަސް ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓްތައް ނުލިބި ލަސްވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާކަން އެނގުނީ އޭސީސީގެ ތަހުގީގުންނެވެ. އެ ކޮމިޝަނުގެ ތަހުގީގުގައި 40،48 ފޯމެއް ބެލި އެވެެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ.

ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގަ އެވެ.

ފޯމުތަކުގައި ހުރި މައްސަލަތައް

• 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަނުވާ ގިނަ ބަޔަކު ހިމަނާފައިވޭ.

• ފޯމުތަކުގައި ދީފައިވާ މައުލޫމާތު ފުށުއެރުން.

• ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވުން.

• ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުން ހުށަހެޅި.

• ޕޮއިންޓް ދިނުމުގައި އުސޫލާ ހިލާފަށް އިތުރަށް ޕޮއިންޓް ދީފައިވޭ.

• ގިނަ ބައެއްގެ ހައްގު ގެއްލުމުގެ އިހުމާލު އޮތްކަން ފާހަގަކުރެވުނު.

ހައުސިން މިނިސްޓަރު އަލީ ހައިދަރު، "މިހާރު" އަށް އިއްޔެ ވިދާޅުވީ އޭސީސީގެ ތަހުގީގުން މައްސަލަ އުޅޭކަން ފާހަގަވާތީ އެ ކޮމިޝަނާއި އެޓާނީ ޖެނަރަލް އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާ އެކު މަަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގައި ގޮތެއް ނިންމާނީ އޭގެ ފަހުގައި ކަމަށް ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓް ލިސްޓު ބާތިލުކުރުމުގެ ވިސްނުމެއް އަދި ނެތެވެ.

އެ ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވަ އެވެ. ނުހައްގުން ފްލެޓް ދޫކުރަން އުޅޭ ކަމުގެ ޝަކުވާތައް ބަޔަކު އޭސީސީއަށް ހުށަހެޅުމުން އެ ފްލެޓްތައް ހަވާލުކުރުން ހުއްޓާލުމަށް ހަމަ އެ ދުވަހު ވަނީ ހައުސިން މިނިސްޓްރީއަށް އަންގައިފަ އެވެ.

ތިން ކޮޓަރި އާއި ދެ ކޮޓަރީގެ އެ ފްލެޓްތަކަށް ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް މަކަރާއި އޮޅުވާލުމުގެ ތެރެއިން ފްލެޓް ދޫކުރިއިރު އޭސީސީން ބުނީ ކުރީ ސަރުކާރުގައި ފްލެޓް ކަންކަމުގައި އުޅުނު ބައެއް މީހުން ވެސް އެ މަސައްކަތުން އެކަހެރިކުރަން މިނިސްޓްރީއަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެކަމުގެ ޖިނާއީ ތަހުގީގެއް ހިންގުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ބުންޏެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގި ބޯހިޔާވަހިކަމުގެ އެ މަޝްރޫއުއަށް އެދި 20،697 ފޯމު ހުށަހެޅިއިރު އޭގެ ތެރޭގައި ޝަރުތު ހަމަވާ 18،167 ފޯމު އޮތެވެ.