ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓްތަކާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސުވާލު އުފައްދަވައިފި އެވެ.
07 ފެބުރުއަރީ 2024
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓްތަކާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސުވާލު އުފައްދަވައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓްތަކުގެ ތެރެއިން މައްސަލައެއް ނެތް ފްލެޓްތައް ވީއެންމެ އަވަހަކަށް ހަވާލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އޭސީސީން އަމަލު ކުރަމުން އަންނަ ގޮތާ މެދު ބޮޑެތި ސުވާލުތައް އުފެދޭ ކަމަށާއި އެ ކޮމިޝަނުގެ ނިޔަތް ރަނގަޅު ނޫން ކަން އެނގޭ ކަމަށެވެ.
"... ނިޔަތް ރަނގަޅު ނަމަ، ފްލެޓް ދޫކުރުމުގެ އިދާރީ މަސައްކަތްތައް ހިނގަމުންދިޔަ އިރު ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެ ނަމަ އެކަން ރަނގަޅު ކުރަން އެނގޭނެ ފުރުސަތު ގާނޫނުގެ ދަށުން ކިތަންމެ ރަނގަޅަކަށް ވެސް އޭސީސީ އަށް އޮތީ ލިބިފައި. އެހެން ނަމަވެސް އެކަން އެގޮތަށް ކުރައްވާފައެއް ނެތް،" ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި މިހާރު ފެންނަނީ ހައުސިން މިނިސްޓްރީގެ ތެރޭގައި އޭސީސީން މަސައްކަތް ކުރަމުން އަންނަ ތަނެވެ. އެ ކޮމިޝަނުގެ ރަނގަޅު ނިޔަތެއް އޮތް ނަމަ، ހައުސިން މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް އެ މިނިސްޓްރީން ކުރަން ދޫކޮށްލީސް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި ފެންނަނީ އޭސީސީން ފޯމްތައް އިވެލުއޭޓް ކުރައްވާ ތަން. އޭގެ ނަތީޖާއަކަށް މި ވަނީ އޭސީސީން އަނެއްކާ މި ހައްދަވާ އެވެލުއޭޝަން ރަނގަޅުތޯ ބަލަން އަނެއްކާ އެހެން ބަޔަކު އިވެލުއޭޝަނެއް ހަދަން ޖެހުން. މިއީ މި ކަންކަން ކުރަން އޮތް މަގެއް ނޫން،" ސަލީމް ވިދާޅުވި އެވެ.
"މިހާރު މިއޮތީ ޒިންމާތަކާއި ވާޖިބުތަކާއި މެންޑޭޓްތައް އޮޅޭ ހިސާބަށް ގޮސްފައި، ރައްޔިތުން މި ތިބީ ވާނުވާގައި."
އަހުމަދު ސަލީމް: ފްލެޓްތަކުގެ ވެރިންނަށް އެ ހައްގު ހޯދައިދޭން އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި.
ސަލީމް ވިދާޅުވީ ފްލެޓް ލިބިފައިވާ ބަޔެއްގެ އަތުން އެ އަތުލައި، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދައިގެން ނުވާނެ ކަަމަށެވެ. އަދި ސިޔާސީ މަގުސަދެއް މިކަމުގެ ތެރެއިން ހާސިލް ކުރުމުގެ ނިޔަތެއް ގެންގުޅިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފްލެޓްތަކުގެ މައްސަލަ ހައްލު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި އެ ރައްޔިތުންނަށް ސަރުކާރުން މިހާރު ކުރަމުންދާ ކަމަކީ ޓޯޗާ ކުރުން ކަމަށް ސަލީމް ވިދާޅުވި އެވެ. މިކަމުގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އޭސީސީން އެ ކޮމިޝަންގެ މެންޑޭޓުން ބޭރުން އަމަލު ކުރަމުންދާ ކަމަށާއި މިއަދު އެ ކޮމިޝަނުން އެ ކުރާ މަސައްކަތްތަކީ ސަރުކާރުގެ ވުޒާރާއެއްގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އަލީ ނިޔާޒު ވިދާޅުވީ އޭނާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީގެ ތަހުގީގަށް ފަހު އެންމެ ފުރަތަމަ ނިންމާފައި އޮތީ ފްލެޓްތައް ދޫކުރުމުގެ ކަންކަން ހިނގާފައިވަނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް، އެކަން ހައުސިން މިނިސްޓްރީން ގަބޫލުނުކޮށް އޭސީސީއާ އެކު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށާއި ފްލެޓްތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ނިންމީ އޭގެ ފަހުން ކަމަށް އަލީ ނިޔާޒު ވިދާޅުވި އެވެ.
"މިއީ ހަމައެކަނި ސިޔާސީ ބޭނުމަށްޓަކައި، މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 60 އިންސައްތަ ފްލެޓްތައް ޕީޕީއެމް/ޕީއެންސީ ބޭނުންވާ މީހުންނަށް ދިނުމަށް ކުރާ މަސައްކަތެއް. އެކަން ވިޔަކަ ނުދޭނަން،" ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޮފުޅު އަލީ ނިޔާޒު ވިދާޅުވި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެެއިން ވިދާޅުވީ ސަރުކާރަކުން ރައްޔިތުންނަށް ދިން ފްލެޓްތަކެއް އަތު ނުލުވޭނެ ކަމަށާއި އެ ފްލެޓްތަކަކީ މިހާރު ރައްޔިތުންގެ މުދަލެއް ކަމަށެވެ. ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތެއްގެ މުދަލެއް ސަރުކާރަށް ނެގޭނީ ކޯޓު ހުކުމަކުން ކަމަށާއި އެ ނޫން ހަމައަކުން ރައްޔިތުންނަށް ދީފައިވާ އެއްވެސް މުދަލެއް އަތެއް ނުލެވޭނެ ކަމަށް ގާނޫނީ ވަކީލް ހިސާން ވިދާޅުވި އެވެ.
އީވާ ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވައި ވޯޓު ދެއްވުމަށް ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ އެއްވެސް މެންބަރަކު ވަޑައިނުގަންނަވަ އެވެ. އެކަމާ ފާޑުވިދާޅުވެ، އެމްޑީޕީ/ޑިމޮކްރެޓްސްގެ މެންބަރުން ވިދާޅުވި ގޮތުގައި އެކަމުން ވެސް އެނގެނީ ފްލެޓްތަކުގެ މައްސަލާގައި ސަރުކާރުގެ އިހްލާސްތެރިކަމެއް ކަމެވެ. އަދި ހައްލު ހޯދުމުގެ ވިސްނުމެއް ވެސް ނެތް ކަމެވެ.
އީވާ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އެކި ސަބަބުތަކާ ހުރެ ފްލެޓްތައް ދިނުން ލަސްވުމަކީ އޭގެ ސަބަބުން އެތައް ގެއްލުމެއްވާ ކަމެއް ކަމަށާއި އޭގެ ތެރޭގައި ކުދިކުދި ތަންތަން ކޮޅުގައި ދިރިއުޅުން ޖެހިފައިވާ އަދި އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހަރަދުކުރާ މީހުން ހިމެނޭ ކަމަށެވެ.
އެ ހާލުގައި އުޅޭ ގިނަ ބައެއްގެ ތަކުލީފްތައް ނިމުމަކަށް ގެންނަން، މައްސަލައެއް ނެތް ހުރިހާ ފްލެޓެއް ވީއެންމެ އަވަހަކަށް ހަވާލު ކުރުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށް މައްސަލަ ހުށަހަޅުއްވަމުން، އީވާ ވިދާޅުވި އެވެ.
"މި މައްސަލާގައި ފްލެޓްތައް ދިން ގޮތާ މެދު ގިނަ ޝަކުވާތައް ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަމުގެ ތަހުގީގެއް ހިންގާފައިވާއިރު ފްލެޓް ލިބުމުގެ ޝަރުތު ހަމަވާ އެއްވެސް މައްސަލައެއް ނެތް ފްލެޓްތަކުގެ ހައްގުވެރިންނަށް އިތުރު ލަސްކުރުމަކާ ނުލައި، ދަތި ހާލުގައި ދިރިއުޅުން ބިނާ ކުރަމުންދާ ފަރާތްތަކުގެ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަކީ މިއީ އެންމެ މުހިންމު އެއް ކަންތައް،" އިވާ ހުށަހެޅި މައްސަލާގައިވެ އެވެ.
އީވާ ވިދާޅުވީ މައްސަލަ ހުރި ފްލެޓްތަކުގެ ކަންކަން ވެސް ވީއެންމެ އަވަހަކަށް ބަލައި އެ ފްލެޓްތައް ދޫކުރެވޭ ވަރު ކުރަން ޖެހޭ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާކަން އެނގުނީ އޭސީސީގެ ތަހުގީގުންނެވެ. އެ ކޮމިޝަނުގެ ތަހުގީގުގައި 40،48 ފޯމެއް ބެލި އެވެެ. އެއީ ގާތްގަނޑަކަށް 2،400 ފްލެޓެވެ.
ޝަރުތު ހަމަވެ، އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގަ އެވެ.
• 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ޝަރުތު ހަމަނުވާ ގިނަ ބަޔަކު ހިމަނާފައިވޭ.
• ފޯމުތަކުގައި ދީފައިވާ މައުލޫމާތު ފުށުއެރުން.
• ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވުން.
• ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުން ހުށަހެޅި.
• ޕޮއިންޓް ދިނުމުގައި އުސޫލާ ހިލާފަށް އިތުރަށް ޕޮއިންޓް ދީފައިވޭ.
• ގިނަ ބައެއްގެ ހައްގު ގެއްލުމުގެ އިހުމާލު އޮތްކަން ފާހަގަކުރެވުނު.
ހައުސިން މިނިސްޓަރު އަލީ ހައިދަރު، "މިހާރު" އަށް އިއްޔެ ވިދާޅުވީ އޭސީސީގެ ތަހުގީގުން މައްސަލަ އުޅޭކަން ފާހަގަވާތީ އެ ކޮމިޝަނާއި އެޓާނީ ޖެނަރަލް އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާ އެކު މަަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގައި ގޮތެއް ނިންމާނީ އޭގެ ފަހުގައި ކަމަށް ހައިދަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފްލެޓް ލިސްޓު ބާތިލުކުރުމުގެ ވިސްނުމެއް އަދި ނެތެވެ.
އެ ފްލެޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމުކުރީ މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވަ އެވެ. ނުހައްގުން ފްލެޓް ދޫކުރަން އުޅޭ ކަމުގެ ޝަކުވާތައް ބަޔަކު އޭސީސީއަށް ހުށަހެޅުމުން އެ ފްލެޓްތައް ހަވާލުކުރުން ހުއްޓާލުމަށް ހަމަ އެ ދުވަހު ވަނީ ހައުސިން މިނިސްޓްރީއަށް އަންގައިފަ އެވެ.
ތަހުގީގަށް އެންމެންގެ ފޯމު ބަލަންޖެހޭނެ: އަކްރަމް
އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީއަށް ދެނީ
މައްސަލަ ނެތް ފްލެޓްތައް ހަވާލުކުރަން ގޮވާލައިފި
"އޭސީސީން ކުރަނީ ސިޔާސީ ކުލަ ޖެހިފައިވާ ތުހުމަތެއް"
ހިޔާ ފްލެޓްގެ ފިނިޝިންގެ ފައިސާ ދޭ ގޮތް ބަލަނީ
ފްލެޓްތަކުގެ މައްސަލާގައި ދައުވާކުރުމާމެދު މަޝްވަރާކުރަނީ
ހައުސިންގެ ކުރީގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި
ކަނޑުންނާއި ފަޅުން ދިން ގޯތި އަތުލަންޖެހޭ: އައްބާސް
ގޯތި ބެހުމަކީ ހިންގި އެންމެ ބޮޑު ހިޔާނާތް: ފަލާހު
4،000މީހުން ޔަގީންކުރަން ހުރިހާ ފޯމެއް ރިވިއުކުރަނީ