Roadha Mihaaru
ޗެލްސީގެ ނަތީޖާ ގޯހަސް ކޯޗު ވަކިކުރެވޭކަށް ނެތް

ޗެލްސީގެ ނަތީޖާ ގޯހަސް ޕޮޗެޓިނޯ ވަކިކުރެވޭކަށް ނެތް

07 ފެބުރުއަރީ 2024

ލަންޑަން (ފެބްރުއަރީ 7) - ޗެލްސީގެ ނަތީޖާތައް ދަށަށް ގޮސްފައިވީ ނަމަވެސްމ އެ ޓީމުގެ ކޯޗުގެ މަގާމުން މި ސީޒަނުގައި މައުރީސިއޯ ޕޮޗެޓިނޯ ވަކި ކުރެވޭނެ ޖާގަ ނެތްކަން ހާމަވެއްޖެ އެވެ.

ލަންޑަން (ފެބްރުއަރީ 7) - ޗެލްސީގެ ނަތީޖާތައް ދަށަށް ގޮސްފައިވީ ނަމަވެސްމ އެ ޓީމުގެ ކޯޗުގެ މަގާމުން މި ސީޒަނުގައި މައުރީސިއޯ ޕޮޗެޓިނޯ ވަކި ކުރެވޭނެ ޖާގަ ނެތްކަން ހާމަވެއްޖެ އެވެ.

ލަންޑަންގައި ޗެލްސީގެ ވާދަވެރި ޓޮޓްނަމް ހޮޓްސްޕާސް އަށް ކޯޗުކޮށް ދިން ޕޮޗެޓީނޯ އާއެކު ޗެލްސީން ހެދި ކޮންޓްރެކްޓްގައި ބާކީ އަދި 18 މަސް އެބައޮތެވެ. އޭނާ މަގާމުން ވަކި ކުރާނަމަ، 10 މިލިިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ އެވެ.

އެކަމަކު ދެ އަހަރުތެރޭ ކުޅުންތެރިނަށް ބިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ހޭދަ ކުރި ޗެލްސީން މިހާރު އިތުރަށް ފައިސާ ހަރަދުކޮށްފިނަމަ ފައިނޭންޝިއަލް ފެއާޕްލޭގެ އުސޫލާ ހިލާފު ވާނެ އެވެ. އެ އުސޫލާ ހިލާފުވުމުން ދޭ އަދަބަކީ ޕޮއިންޓް އުނި ކުރުމެވެ. މިވަގަތު ތާވަލުގެ 11 ވަނައިގައި އޮތް ޓީމު އަތުން ޕޮއިންޓް އުނިކޮށްފިނަމަ ރެލިގޭޓް ވެދާނެ ކަމުގެ ބިރު އެބައިތެވެ. ލީގުގައި ކުޅުނު 23 މެޗުން އެ ޓީމަށް މޮޅު ވެވުނީ ވެސް ނުވަ މެޗުންނެވެ. ޖުމުލަ 10 މެޗުން ބަލިވި އެވެ.

ޗެލްސީގެ ޗެއާމަންކަމާ އެމެރިކާގެ މަހުޖަނު ޓޮޑް ބޮއެލީ ހަވާލުވެ ދެ އަހަރު ތެރޭ ދެ ކޯޗުން މަގާމުން ވަކި ކުރި އެވެ. ތޯމަސް ޓުޗެލް އާއި ގްރަހަމް ޕޮޓާ ވަކި ކުރުމުން ބަދަލުގެ ގޮތުގައި ޖުމުލަ 28 މިލިއަން ޑޮލަރު ދޭން ޖެހުނެވެ. ބަދަލުގެ ގޮތުގައި ޓުޗެލް އަށް 12.5 މިލިއަން ޑޮލަރު ދޭން ޖެހުނެވެ. ޕޮޓާ އަށް 16.3 މިލިއަން ޑޮލަރެވެ.

ޖޫންގެ ކުރިން ކްލަބުން ހޭދަ ކުރާ ކޮންމެ ހޭދައެއް ބަލާނީ ޕްރިމިއާ ލީގުގެ ސީޒަންގެ ތެރޭގައި ކުރާ ހަރަދެއްގެ ގޮތުގަ އެވެ. ކޮންމެ ކްލަބަކަށް ކޮންމެ ސީޒަނެއްގައި ހޭދަ ކުރެވޭނީ ވަކި މިންވަރަކަށެވެ.

އިތުރު އާމްދަނީއެއް ކްލަބްގެ އެކައުންޓަށް ވެއްދުމަކާ ނުލައި ތިން އަހަރުގެ މުއްދަތެއްގައި ކޮންމެ ކްލަބަކަށް 115 މިލިއަން ޑޮލަރު ހަރަދުކޮށް ހުސްކޮށްލެވިދާނެ އެވެ. އެކަމަކު އޭގެ ތެރެއަށް ކޯޗުން ވަކި ކުރުމުން ދޭ ބަދަލުދިނުމުގެ އަގު ނުހިމެނޭނެ އެވެ.

ފުޓްބޯޅަ ފިނޭންސްގެ މާހިރުން އަންދާޒާ ކުރާ ފައިނޭންޝިއަލް ފެއާޕްލޭ ލިމިޓްގެ ތެރެއަށް ވަނުމަށްޓަކައި ޖޫން މަސް ނިމުމުގެ ކުރިން ޗެލްސީން ކުޅުންތެރިން ވިއްކައިގެން އެތައް މިލިއަން ޑޮލަރެއް ހޯދަައި ކްލަބްގެ އެކައުންޓަށް ވައްދަން ޖެހެ އެވެ. އެހެން ނޫންނަމަ ފައިނޭންޝިއަލް ފެއާޕްލޭގެ ދަށުން އެ ކްލަބާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑެވެ.

މި މައްސަލަ އިތުރަށް ނުރާއްކާވާ ހިސާބަށް ދިޔައީ މިދިޔަ ޓްރާންސްފާ ޕީރިއަޑްގައި އާމަންޑޯ ބްރޯޔާ، ކޮނޭ ގަލަގާ އާއި ޓްރެވޯ ޝަލޮބާ މެން ފަދަ އަމިއްލަ އެކަޑަމީން ޕްރޮމޯޓް ކުރި ކުޅުންތެރިން ވިއްކާލަން ކުރި މަސައްކަތް ވެސް ނާކާމިޔާބުވުމުނެވެ. އަމިއްލަ އެކަޑަމީން އުފައްދާ ކުޅުންތެރިން ވިއްކައިގެން ލިބޭ އާމްދަނީއަކީ ސީދާ ސާފު ފައިދާ ކަމަށް ފައިނޭންޝިއަލް ފެއާޕްލޭގައި ބަލަ އެވެ.

އެކަމަކު ޗެލްސީން 55 މިލިއަން ޑޮލަރުގެ އަގެއް ކަނޑައެޅި ބްރޯޔާ ގަންނާނެ ކްލަބެއް ނުވި އެވެ. އޭނާ ފުލަމް އަށް ދޫކޮށްލަން ޖެހުނީ ލޯނު އުސޫލުންނެވެ. ގަލްގާގެ ކޮންޓްރެކްޓްގެ އެންމެ ފަހު އަހަރަށް އެޅިގެންދާއިރު އޭނާގެ އަގު ވަނީ ދަށް ވެފަ އެވެ. ޝަލޮބާ ހުރީ ބޮޑު އަނިޔާއެއްގަ އެވެ.