Roadha Mihaaru
ޕޮޗެޓީނޯއަކީ ދުނިޔޭގެ ފެންވަރުގެ ކޯޗެއް: ޗެލްސީ

ޕޮޗެޓީނޯއަކީ ނަތީޖާ ނެރެން އެނގޭ ދުނިޔޭގެ ފެންވަރުގެ ކޯޗެއް: ޗެލްސީ

30 މެއި 2023

ޗެލްސީގެ ކޯޗުކަމާ އިއްޔެ ރަސްމީކޮށް ހަވާލުވި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ އަކީ ޓީމު މޮޅުކޮށްދޭން ދަންނަ، ދުނިޔޭގެ ފެންވަރުގެ ކޯޗެއް ކަމަށް ޗެލްސީ އިން ބުނެފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

ޗެލްސީގެ ކޯޗުކަމާ އިއްޔެ ރަސްމީކޮށް ހަވާލުވި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ އަކީ ޓީމު މޮޅުކޮށްދޭން ދަންނަ، ދުނިޔޭގެ ފެންވަރުގެ ކޯޗެއް ކަމަށް ޗެލްސީ އިން ބުނެފި އެވެ.

ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އާއި ޕީއެސްޖީ އަށް އިރުޝާދު ދިން ޕޮޗެޓީނޯ، 51، ޗެލްސީއާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ޗެލްސީ އިން ބޭނުންނަމަ އިތުރު އަހަރަކަށް ޕޮޗެޓީނޯ ކްލަބްގައި ބެހެއްޓޭނެ އެވެ. ޗެލްސީއާ އެކު ޕޮޗެޓީނޯ ރަސްމީ މަސައްކަތް ފަށާނީ ޖުލައި އެއް ވަނަ ދުވަހު އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން ދެ ކޯޗުން ވަކި ކުރި އެވެ. ސީޒަންގެ ކުރީކޮޅު ނަތީޖާތައް ދަށްވުމުން ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ކޯޗުކަމުން ވަކިކުރި އެވެ. ދެން އެޓީމުގެ ކޯޗުކަމާ ހަވާލުވި ގްރަހަމް ޕޮޓާ އަށް ވެސް ނަތީޖާ ނުނެރެވުމުން މަގާމުން ވަކިކުރީ އެވެ. އޭގެފަހުން ސީޒަން ނިމެންދެން ޗެލްސީގެ ކޯޗުކަން ވަގުތީގޮތުން ކުރީ އެޓީމުގެ ލެޖެންޑް ފްރޭންކް ލަމްޕާޑް އެވެ. އެކަމަކު ލަމްޕާޑާ އެކު ނަތީޖާތައް މާބޮޑަށް ދަށްވެ ލީގު ނިންމާލިއިރު ޗެލްސީ އޮތީ 12 ވަނައިގަ އެވެ.

"މައުރީސިއޯ (ޕޮޗެޓީނޯ) އަކީ ރަނގަޅު ޓްރެކް ރެކޯޑެއް އޮތް ދުނިޔޭގެ ފެންވަރުގެ ކޯޗެއް" ޗެލްސީގެ ކޯޗުގެ ގޮތުގައި ޕޮޗެޓީނޯީ ތައާރަފުކޮށް ދިނުމުގެ ގޮތުން ނެރުނު ބަޔާނުގައި އެ ކްލަބުން ބުންޏެވެ.

ޗެލްސީން ބުނީ އެޓީމުން ހަމައެކަނި މަޝްވަރަކުރީ ޕޮޗެޓީނޯއާ ކަމަށާއި، ގެންނަން ބޭނުންވި ހަމައެކަނި ކޯޗަކީ ވެސް އޭނާ ކަމަށެވެ.

ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރުން ކަމަށްވާ ޕައުލް ވިންސްޓެންލީ އާއި ލޯރެންސް ސްޓެވާޓް ބުނީ ޕޮޗެޓީނޯ އަކީ ތަޖުރިބާ ހުރި ވަކި ހަމަތަކެއް ގެންގުޅޭ ލީޑަޝިޕް ކޮލިޓީ ހުރި ކޯޗެއް ކަމަށެވެ. ޕޮޗެޓީނޯއާ އެކު ޗެލްސީ ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ސްޕޯޓިން ޑިރެކްޓަރުން ދިނެވެ.

"އެއީ ޓީމު މޮޅުކޮށްދޭ ކޯޗެއް. އެކި ލީގުތަކުގެ އެންމެ މަތީ ފަންތީގަ ވަނީ މަސައްކަތްކޮށްފަ. ހުރިހާ ކަމަކަށް ބަލާއިރު ޕޮޗެޓީނޯ އަކީ ވަރަށް ގާބިލް ކޯޗެއް" ޗެލްސީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ސްޕެއިންގެ އެސްޕަންޔޯލް އިން ކޯޗިން ފަށައި ޕޮޗެޓީނޯ ވަނީ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އިނގިރޭސި ކްލަބް ސައުތެމްޓަނަށް އިރުޝާދު ދީފަ އެވެ. ޓޮޓެންހަމް އަށް ތައްޓެއް ހޯދައި ނުދެވުނަސް 2014 އިން 2019 އަށް އެޓީމު ރަނގަޅު މިސްރާބަކަށް ގެންގޮސްދިނެވެ.

އިނގިރޭސި ލީގު ކަޕް އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓެހްމް ގެންގޮސްދިން ކޯޗު، ޕީއެސްޖީއާ ހަވާލުވީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެކަމަކު ފުރަތަމަ ސީޒަނުގައި ޕީއެސްޖީ އަށް ފްރެންޗް ލީގު ނުލިބުމުން ޕޮޗެޓީނޯ މަގާމުން ވަކިކުރި އެވެ.

ޕޮޗެޓީނޯ އަކީ މިދިޔަ ފަސް އަހަރުތެރޭ ޗެލްސީއާ ހަވާލުވި ދާއިމީ ހަ ވަނަ ކޯޗެކެވެ. އަދި، މިދިޔަ ޖުލައި މަހު އެމެރިކާގެ މަހުޖަނު ޓޮޑް ބޮއެލީ ޗެލްސީއާ ހަވާލުވި ފަހުން ޕޮޗެޓީނޯ އަކީ އެޓީމާ ހަވާލުވި ހަތަރު ވަނަ ކޯޗެވެ.

ބޮއެލީ ޗެލްސީއާ ހަވާލުވި ފަހުން އެޓީމުން ވަނީ 680 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އަދި، ޖެނުއަރި މަހު ކުޅުންތެރިން ގަންނަން ޗެލްސީ އިން 350 މިލިއަން ޕައުންޑް ހަރަދުކުރި އެވެ.