Roadha Mihaaru
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ

ޗެލްސީގައި ވެސް އެއް ކޯޗަކު ދެމިހުންނަން ޖެހޭ، ނޫނީ އޮންނަން މި ޖެހޭނީ ފަހަތުގައި: މަރެސްކާ

11 ނޮވެމްބަރ 2024

ލަންޑަން (ނޮވެމްބަރު 11) – މެންޗެސްޓާ ސިޓީ އާއި އާސެނަލްގައި ވެސް އެއް ކޯޗަކު ގިނަ ދުވަސްތަކެއް ވަންދެން ހުރުމުގެ ފައިދާ ފެންނަ ކަމަށާއި ޗެލްސީގައި ވެސް އެކަން އެގޮތަށް އޮންނަން ޖެހޭކަމަށް އިޝާރާތްކޮށް ކޯޗު އެންޒޯ މަރެސްކާ ވާހަކަ ދައްކައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލަންޑަން (ނޮވެމްބަރު 11) – މެންޗެސްޓާ ސިޓީ އާއި އާސެނަލްގައި ވެސް އެއް ކޯޗަކު ގިނަ ދުވަސްތަކެއް ވަންދެން ހުރުމުގެ ފައިދާ ފެންނަ ކަމަށާއި ޗެލްސީގައި ވެސް އެކަން އެގޮތަށް އޮންނަން ޖެހޭކަމަށް އިޝާރާތްކޮށް ކޯޗު އެންޒޯ މަރެސްކާ ވާހަކަ ދައްކައިފި އެވެ.

ރޭ، އާސެނަލްއާ ދެކޮޅަށް ކުޅެ އެއްވަރު ވި މެޗަށް ފަހު މަރެސްކާ ބުނީ އެ ޓީމުތައް ޗެލްސީ އަށް ވުރެ ރަނގަޅު ކަމަށެވެ.

"އަހަރެން ދެކޭ ގޮތުގައި އަހަރެމެން މި ތިބެނީ މި ފަދަ ޓީމުތައް ކަމަށްވާ ސިޓީ އާއި އާސެނަލް އަށް ވުރެ ފަހަތުގައި، އެ ޓީމުތައް އެއް ކޯޗަކު ހުރެގެން ކޮންމެ ދުވަހަކު އެ މަސައްކަތް ކުރަނީ. އަހަރެމެން މި އޮންނަނީ އެ ޓީމުތަކަށް ވުރެ ފަހަތުގައި،" މަރެސްކާ ބުންޏެވެ.

ޕްރިމިއާ ލީގުގެ މަޝްހޫރު ގަދަ ހަތަރު ޓީމުގެ ތެރެއިން، މީގެ ކުރިން ސިޓީ އާއި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުތަކުން ޗެލްސީ އަކަށް މޮޅެ ނުވެވުނެވެ. އަނެއްކާ ރޭ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅެއް ނުވެވުނެވެ.

"އެކަމަކު ޗެލްސީއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބް، ވާދަކޮށް މެޗުތައް ކާމިޔާބު ކުރަން މަސައްކަތް ކުރަން ޖެހޭ. އަހަރެމެން މަސައްކަތް ކުރަނީ ވާދަކުރަން. ވަރަށް އަވަހަށް މިކަހަލަ ވަރުގަދަ މެޗުތަކުން މޮޅުވެވޭނެ،" މަރެސްކާ ބުންޏެވެ.

ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ އާސެނަލުންނެވެ. އެ ޓީމުގެ ލަނޑު 60 ވަނަ މިނެޓްގައި ޖެހީ ގެބްރިއަލް މާޓިނެލީ އެވެ. އޭގެ 10 މިނެޓް ފަހުން ޕެޑްރޯ ނެޓޯ ވަނީ ޗެލްސީ އަށް ނަތޖާ ހަމަހަމަ ކޮށްދީފަ އެވެ.

އާސަނަލް އަށް މޮޅު ނުވެވުމުން، މާޔޫސް ނުވުމަށް މިކަލް އާޓެޓާ އެ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނެވެ.

"އަހަރެމެން ތިބެން ޖެހޭނީ ދަތްޕިލާ ދައްކައިގަން،" ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އާޓާޓާ ބުންޏެވެ.