Roadha Mihaaru
ޗެލްސީއަށް ހަމަނޭވާއެއް ދެންފެށި ޔޫރަޕު ޖާގައިގެ ވާހަކަ

ހަމަނޭވާއެއް ލެވޭއިރަށް ޔޫރަޕުގެ މުބާރާތުގެ ވާހަކަ ޗެލްސީން ދައްކަން ފަށައިފި

06 މެއި 2024

ލަންޑަން (މެއި 6) – ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، ވިދިވިދިގެން ދެ މެޗުން މޮޅުވެ ރަނގަޅު ހާލަތަކަށް އެޅުނުތަނުން ޔޫރަޕްގެ މުބާރާތުގެ ވާހަކަތައް ޗެލްސީން ފަށައިފި އެވެ.

ލަންޑަން (މެއި 6) – ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، ވިދިވިދިގެން ދެ މެޗުން މޮޅުވެ ރަނގަޅު ހާލަތަކަށް އެޅުނުތަނުން ޔޫރަޕްގެ މުބާރާތުގެ ވާހަކަތައް ޗެލްސީން ފަށައިފި އެވެ.

މައުރީސިއޯ ޕެޗެޓީނޯގެ ޓީމަށް މިދިޔަ އެއް ހަފުތާގެ މުއްދަތަކީ ކާމިޔާބު ހަފުތާ އެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ޓޮޓްނަމް ހޮޓްސްޕާސް އަތުން މޮޅުވެ، ލަންޑަންގެ ދެ ޓީމު ބަލި ކުރެވިއްޖެ އެވެ.

ލަންޑަނުގެ ހުޅަނގު ސަރަހައްދަށް ނިސްބަތްވާ ޗެލްސީން، އިރުމަތީ ލަންޑަނަށް ނިސްބަތްވާ ވެސްޓްހޭމް ބަލިކޮށް ޗެލްސިން ވަނީ އަމިއްލަ ދަނޑުގައި މޮޅުވުމުގެ ޓްރެކް ހަ މެޗަށް އިތުރުކޮށްފަ އެވެ. އެ ހަ މެޗުގެ ތެރެއިން ތިން މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ނިންމާލީ އެވެ. އެ ޓީމުން އެ ހަ މެޗުގައި ޖުމުލަ 17 ލަނޑު ޖެހި އެވެ.

ރޭ ގެ މެޗަށް ފަހު ޕޮޗެޓީނޯ ބުނީ ޓީމުން ދެއްކި ކުޅުމާ އެކު އޭނާ އަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ. ބުރާސްފަތި ދުވަހު ޓޮޓްނަމްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ލިބުނު ހިތްހަމަޖެހުން ރޭ ގެ މެޗަށް ފަހު ވެސް ލިބުނުކަމަށް ކުރިން ޓޮޓްނަމް އަށް ވެސް ކޯޗުކޮށް ދިން ޕޮޗެޓީނޯ ބުންޏެވެ.

"އަހަރެން މި ހުރީ ވަރަށް ހިތްހަމަޖެހިފައި. ބުރާސްފަތި ދުވުހު ވެސް މި އިހްސާސްތައް އަހަންނަށް ކުރެވުނު. އަހަރެން ބޭނުން ވަނީ މި ޕާފޯމަންސް ދަމަހައްޓަން. އަހަންނަށް ހީ ވަނީ ހުރިހާ ގޮތަކުން ވެސް އަހަރެމެންގެ ގޭމް ރަނގަޅު ހެން،" ޕޮޗެޓީނޯ ބުންޏެވެ.

"މީގެ ދެތިން ހަފްތާއެއްހާ ކުރިން އަހަރެން ބުނީމެއްނު އަހަރެން މި މަގާމުގައި ތިބުމާ ވަރަށް ކައިރީގައި ތިބުމުން ވަރަށް އުފާވާ ވާހަކަ. އެއީ ފުރަތަމަ ފިޔަވަޅު. ޓީމު މިހާރު މިދަނީ ވަރަށް ބާރަށް ރަނގަޅުވަމުން. އެއީ މި ލީގުގައި ވާދަކުރަން ބޭނުންނަމަ އެންމެ ދަށް ވެގެން ފެންވަރު ހިފަހައްޓަން ޖެހޭނެ މިންވަރު.

"އަހަރެމެންގެ އަމާޒަކީ އިތުރަށް ކުޅުން ރަނގަޅުކޮށް ރަނގަޅު ފެންވަރުގައި ދަމަހައްޓުން. ހަމަގައިމުވެސް އަހަރެމެން މަސައްކަތް ކުރާނީ ޔޫރަޕްގެ މުބާރާތުން ޖާގަ ހޯދުމަށް. އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތުން ޖާގަ ލިބިއްޖެނަމަ އެކަމަކީ ޓީމަށް ވެސް އަދި ކުޅުންތެރިންނަށް ވެސް ވަރަށް ރަނގަޅު ކަމަކަށް ވާނެ."

ޗެލްސީ މި ވަގުތު އޮތީ ހަތްވަނައިގައި ޔޫރޮޕާ ލީގުގެ ކޮލިފިކޭޝަނުން ޖާގަ ލިބުމާ ކައިރީގަ އެވެ.