Roadha Mihaaru
މިޔަރެއް ސަލާމަތްކުރަން އުޅުމުން ނުރައްކާތެރި ހާދިސާއެއް

ވަލެއްގައި އޮޅިފައި އޮތް މިޔަރެއް ސަލާމަތްކުރަން އުޅުމުން ނުރައްކާތެރި ހާދިސާއެއް

04 ފެބުރުއަރީ 2024

ވަލެއްގައި އޮޅިފައި އޮތް މިޔަރެއް ސަލާމަތްކުރަން އުޅުނު ބަޔަކަށް، އެ މިޔަރު ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވަލެއްގައި އޮޅިފައި އޮތް މިޔަރެއް ސަލާމަތްކުރަން އުޅުނު ބަޔަކަށް، އެ މިޔަރު ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.

މިދިޔަ ހުކުރުދުވަހު މި ނުރައްކާތެރި ހާދިސާ ހިނގީ ހުޅުމާލެ ނެރު ކައިރީގައި އޮންނަ ޝާކް ޓޭންކް ޑައިވް ސައިޓުގައި އެވެ. އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ވަގުތު އެ ސަރަހައްދަށް 10 މީހަކު ޑައިވިނަށް ފައިބާ ތިއްބެވެ.

މި ވީޑިއޯ އެކްސްގައި ހިއްސާކުރި މީހަކު ބުނީ މިޔަރުގެ ގައިގައި އޮޅިފައި އޮތް ވަލަކީ އެއަށް ކާންދިނުމަށް ގެންދާ އެއްޗެހި އަޅާ "ޗަމްސް ބަކެޓް"ގެ ވާގަނޑު ކަމަށެވެ.

އެ ސަރަހައްދަށް ޑައިވް ކުރާ މީހުން މިޔަރުތަކަށް ކާންދިނުމަކީ އާންމު ކަމެކެވެ.

އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ޑައިވްކުރަން ތިބި މީހުން މިޔަރުގެ ގައިގައި އޮޅިފައި އޮތް ވާގަނޑު ނައްޓަން ވެގެން ވަލަށް ދަމަން ފެށުމުން އެ މިޔަރު ވަނީ ވަރަށް ބާރަށް ތެޅިގަނެ، އެ މީހުންނަށް ހަމަލާ ދީފަ އެވެ. ޑައިވްކުރަން ތިބި ހަތަރު މީހަކަށް އެ މިޔަރު ހަމަލާ ދެ އެވެ.

އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލް ލިބޭ ގޮތެއް އަދި ނުވެ އެވެ.

މިޔަރަށް ކާންދިނުމަކީ ރިކްރިއޭޝަނަލް ޑައިވިންއާ ގުޅޭ ގަވާއިދުގެ ދަށުން މަނާކޮށްފައި އޮންނަ ކަމެކެވެ. ނަމަވެސް، އެ ގަވާއިދާ ހިލާފަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޝާކް ޕޮއިންޓްތަކަށް ޑައިވިނަށް ފައިބާ މީހުން މިޔަރަށް ކާންދިނުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.

މިޔަރަށް ކާންދޭން އުޅުމުގެ ތެރޭގައި މީގެ ކުރިން ވެސް ވަރަށް ނުރައްކާތެރި ހާދިސާތައް ހިނގާފައިވެ އެވެ.

މިޔަރަކީ ކަނޑުގައި އުޅޭ އެންމެ ނުރައްކާތެރި އެއް މަހެވެ. މިޔަރު ހަމަލާތަކުގެ ސަބަބުން ފުރާނަ ގެއްލި ނުވަތަ ގުނަވަންތައް ގެއްލުމުގެ އެތަށް ހާދިސާއެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައިވެ އެވެ.