Roadha Mihaaru
ސައިކްލޯންސް ބަލިކޮށް އެލީޓް ކުރިއަށް ޖެހިލައިފި

ސައިކްލޯންސް ބަލިކޮށް އެލީޓް ކުރިއަށް ޖެހިލައިފި

25 ޖެނުއަރީ 2024

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އެއްވަނަ ޑިވިޝަންގެ އެންމެ ފަހުގެ އަންހެން ޗެމްޕިއަން ސައިކްލޯންސް، އެލީޓް ބީސީ އަތުން ވެސް ބަލިވެއްޖެ އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ އެއްވަނަ ޑިވިޝަންގެ އެންމެ ފަހުގެ އަންހެން ޗެމްޕިއަން ސައިކްލޯންސް، އެލީޓް ބީސީ އަތުން ވެސް ބަލިވެއްޖެ އެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުން އެލީޓް މޮޅުވީ 63-45 ޕޮއިންޓުންނެވެ. އެލީޓްގެ އައިޝަތު އިނާޝާ ވަނީ މި މެޗުގައި އެޓީމަށް 15 ޕޮއިންޓް ހޯދައިދީފަ އެވެ.

މިއީ ޖެހިޖެހިގެން ސައިކްލޯންސް ބަލިވި ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ލަޔަނެސްގެ މައްޗަށް ކުރި ހޯދި ނަމަވެސް ދެވަނަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ވަނީ ކުއީންސް އަތުން ބަލިވެފަ އެވެ.

އެލީޓް އަތުން ވީ ބައްޔާ އެކު އެޓީމުން ފުރަތަމަ ބުރު ނިންމާލީ ތިންވަނައިގަ އެވެ. ސައިކްލޯންސް ބަލިކޮށް އެލީޓް ވަނީ ފުރަތަމަ ބުރުގެ ދެވަނައިގައި ނިންމައިފަ އެވެ. އެއްވަނައިގައި ނިންމާލީ ތިން މެޗުން ވެސް މޮޅުވި ކުއީންސް އެވެ.

ކުއީންސް ވަނީ އަންގާރަ ދުވަހުގެ ރޭ ލަޔަނެސްއާ ވާދަކޮށް 84-37 ޕޮއިންޓުން މޮޅުވެފަ އެވެ. ކުއީންސްގެ ފާތިމަތު ރިޝްމާ އެ މެޗުގައި ވަނީ 18 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.

ހަތަރު ޓީމު ވާދަކުރާ އަންހެން ޑިވިޝަންގައި ލަޔަނެސް މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

އަންހެން ޑިވިޝަންގެ ޓީމުތައް ލީގުގައި ތިން ބުރު ކުޅުމަށް ހަމަޖެހިފައި ވާއިރު، ދެވަނަ ބުރުގެ ކުޅުން މާދަމާ ފަށާނެ އެވެ.

ފިރިހެން ޑިވިޝަންގައި ޓީރެކް މޮޅުވުމުގެ ރެކޯޑާ އެކި ކުރިއަށް

ޓީރެކްސް ބިސީ ވަނީ ރޭ 87-56 އިން ރެޕްޓާސް ބަލިކޮށް މުބާރާތުގައި މޮޅު ވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ.

ޓީރެކްސްގެ މުހައްމަދު ހުވައިލިދު އަލީ 21 ޕޮއިންޓް ސްކޯކުރި މި މެޗުގައި އެންމެ ގިނަ ޕޮއިންޓް އެއްކުރީ ރެޕްޓާސްގެ މަފާޒް މުހައްމަދެވެ. އޭނާ ވަނީ 23 ޕޮއިންޓް އެއްކޮށްފަ އެވެ.

އަންގާރަ ދުވަހުގެ ރޭ ރެޑްވިންގްސް ވަނީ ރޯޔަލްސްއާ ވާދަކޮށް 107-54 ޕޮއިންޓުން މޮޅުވެފަ އެވެ. މި މެޗުގައި ރެޑްވިންގްސްގެ މުހައްމަދު ރިޝްވާން ވަނީ 19 ޕޮއިންޓް އެއްކޮށްފަ އެވެ.

ނަމަވެސް މެޗުގައި އެންމެ ގިނަ ޕޮއިންޓް ސްކޯކުރީ، ރޯޔަލްސް އަށް 25 ޕޮއިންޓް ހޯދައިދިން މުހައްމަދު އައިކް ޝިރުހާން އެވެ.