Roadha Mihaaru
ނަޒީގެ ބާސްކެޓް ކޯޗުކަމުގެ ތަރި އެންމެ އުހުގައި

ނަޒީގެ ބާސްކެޓް ކޯޗުކަމުގެ ތަރި އެންމެ އުހުގައި

21 މާޗް 2022

ގައުމީ ބާސްކެޓްބޯޅަ ޓީމާ އެކު ޖަޕާނަށް ކުރި ދަތުރުގައި ގައުމީ ޓީމުގެ އޭރުގެ ކުޅުންތެރިޔާ އަހްމަދު ނަޒީފުގެ ފޮޓޯއެއް ޖަހައި، ޖަޕާނުގެ ނޫހެއްގައި ފީޗާ ނިއުސްއެއް ގެނެސް ދިނެވެ. ގައުމީ 19 އަހަރުން ދަށުގެ ޓީމުގައި އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރި ކުޅުންތެރިޔާ އަކީ، މިހާރު ރާއްޖޭގެ އެންމެ މޮޅު ބާސްކެޓް ކޯޗުންގެ ތެރޭގައި ހިމަނަން ޖެހޭނެ ނަމެކެވެ. ރާއްޖޭގެ ބާސްކެޓް ޓީމާ ބެހޭގޮތުން ނަޒީގެ ފޮޓޯއެއް ޖަހައި ނެރުނު ނޫހުގެ އެ ސޮފްހާ، ތާރީހީ ހަނދާނެއްގެ ގޮތުގައި އޭނާ ވަނީ ރައްކާކޮށްފަ އެވެ.

ނަމަވެސް ނޫހުގެ ސޮފްހާ އަށް ވުރެ ނަޒީއާ ބެހޭގޮތުން މި އޮތީ މާ ތާރީހީ ކާމިޔާބެއްގެ ވާހަކަ އެކެވެ. ނިމިދިޔަ ގައުމީ ބާސްކެޓްބޯޅަ ލީގާއި ގައުމީ މުބާރާތުގައި މީގެ ކުރިން އެއް ކޯޗަކު ނުހޯދާވަރުގެ ކާމިޔާބު ނަޒީ ވަނީ ހޯދައިފަ އެވެ. މިދިޔަ ހަތަރު މަހަކީ ބާސްކެޓްބޯޅަ ކޯޗެއްގެ ގޮތުގައި ނަޒީ ހޭދަކުރި އެންމެ ކާމިޔާބު ދުވަސްތަކެވެ.

ޑިސްމްބަރު މަހު ނިމިގެން ދިޔަ ވީކެންޑް ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ރެޑް ވިންގްސް އަށް ހޯދައިދިން ހިސާބަކީ އޭނާގެ މި ކާމިޔާބުގެ ފެށުމެވެ. ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންގެ މައްޗަށް ބަރޯސާވެފައިވާ އެ ޓީމަށް ބާސްކެޓްގެ ޓޮޕް ޑިވިޝަންގައި ފުރަތަމަ ތަށި ހޯދައިދިން ހިސާބުން ނަޒީ ދެން ހުއްޓައެއް ނުލަ އެވެ.

ސައިކްލޯންގެ ކެޕްޓަން ސޮއްފަ އާއި އެޓީމުގެ ކޯޗު ނަޒީފް: ނަޒީ ކޯޗުކޮށްދޭ ޓީމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ޓީމަކީ ސައިކްލޯން

ސައިކްލޯންގެ ކެޕްޓަން ސޮއްފަ އާއި އެޓީމުގެ ކޯޗު ނަޒީފް: ނަޒީ ކޯޗުކޮށްދޭ ޓީމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ޓީމަކީ ސައިކްލޯން

ރެޑް ވިންގްސްގެ ފިޔައިގެ ދަށުގައި އޭނާ ހިންގާ އަނެއް ދެ ކްލަބާ އެކު ނަޒީ ވަނީ ތިން ތަށި ހޯދައިފަ އެވެ. ގައުމީ މުބާރާތުގެ ފައިނަލުގައި، ވަރުގަދަ ކިންގްސް ބާސްކެޓްބޯޅަ ކްލަބް އަތުން ބަލިވިޔަސް އެ މުބާރާތުގެ ފައިނަލަށް ދެވުމަކީ ވެސް ނަޒީ ދެކޭ ގޮތުގައި ހޯދުނު ކާމިޔާބެކެވެ.

"މިޒުވާން ޓީމު ގައުމީ މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރު ކުރީ. މުބާރާތުގެ ސިލްވާ މެޑަލް. ފައިނަލުގެ ފުރަތަމަ ކުއާޓާގައި ވެސް ލީޑް ކުރި. އެ މެޗުން ބަލިވިޔަސް ޒުވާން މި ޓީމު ދެއްކި ކުޅުމަކީ ހަމަ ކާމިޔާބެއް،" ގައުމީ ލީގާއި ގައުމީ މުބާރާތުގައި ރެޑް ވިންގްސްއިން ދެމެހެއްޓި ފޯމަކީ ކާމިޔާބެއްގެ ގޮތުގައި ސިފަ ކުރަމުން ނަޒީ ބުންޏެވެ.

"ލީގުގައި ވެސް އެންމެ ވަރުގަދަކޮށް މިކިޔާ ދެޓީމު (ކިންގްސް އާއި ޓީރެކްސް) ފަހަތުން އަޅުގަނޑުމެން ވިއްދިން. ގައުމީ ފައިނަލަށް ދިޔައީ ޓީރެކްސް ބަލި ކުރުމަށް ފަހު. ޒުވާން ކުޅުންތެރިންތަކަކާ ބަލާފައި އަދި ތަޖުރިބާ އަށް ބަލާފައި އެއީ މި ޓީމުން ކުރިއަށްދާން އެޅި ވަރަށް ބޮޑު ފިޔަވަޅެއް."

ރެޑްވިންގްސްގެ ކުޑައިގެ ދަށުން ހިންގާ އަނެއް ޓީމަކީ، އަންހެން ޑިވިޝަންގެ ޗެމްޕިއަން ސައިކްލޯން ބާސްކެޓްބޯޅަ ކްލަބެވެ. ގައުމީ ލީގާއި ގައުމީ މުބާރާތް އެ ޓީމުން ނިންމާލީ 100 ޕަސެންޓްގެ ރެކޯޑަކާ އެކު އެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ބާސްކެޓްގެ ތެރެއަށް ނުކުމެ ސައިކްލޯން ވަނީ އެޓީމުން ކުރިން ދެމެހެއްޓި މަގާމު އަލުން ހޯދައިފަ އެވެ.

ގައުމީ މުބާރާތުގެ ފައިނަލަށް ފަހު ރެޑް ވިންގްސްގެ ޓީމު، އެމްބީއޭގެ އޮފިޝަލުންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން: މިއީ ގައުމީ މުބާރާތުގެ ފައިނަލުގައި އެޓީމު ކުޅުނު ފުރަތަމަ ފަހަރު --- ފޮޓޯ: ފަޔާޒު މޫސާ |މިހާރު

"ސައިކްލޯން އަލުން އައިސް ޑޮމިނޭޓް ކުރުމުގެ ކްރެޑިޓް ހައްގުވަނީ ޓީމުގެ ކެޕްޓަން ސޮއްފަ [ސޮފްވާ ހަސަން] އަށް. ސޮއްފަ އަމިއްލަ އަށް ލީޑާޝިޕް ނަގައިގެން ކުޅޭނެ ކުދިންތަކެއް އެއްކޮށްލައިގެން ޓީމު އެކުލަވައިލައިގެން ކުރި މަސައްކަތެއް މިއީ،" ގައުމީ ލީގާއި ގައުމީ މުބާރާތް ސައިކްލޯން އަށް ކުރިން މިލްކުކޮށް ދިން ކޯޗު، ނަޒީ ބުންޏެވެ.

"ޓީމުގައި ހެވީ ވެއިޓް ނަމަކަށް ތިބީ ސޮއްފަ އާއި ޝައިލާން [އަފްޒަލް] އަދި ހުސީ [ހުސްނާ މުހައްމަދު] ދެން މުޅިން ވެސް ތިބީ ވަރަށް ޒުވާން ކުޅުންތެރިން. ބައެއް ކުޅުންތެރިން ޓޮޕް ޑިވިޝަންގައި މުޅިން އަލަށް ކުޅެން ފެށީ. އަޅުގަނޑަށް މި ކުދިންނަށް ގައިޑްކޮށް ދޭން ޖެހުނަސް ހަމަ މިިއީ އެކުދިން ކުރި މަސައްކަތުން ހޯދުނު ކާމިޔާބެއް. ހުރިހާ ކްރެޑިޓެއް ކުޅުންތެރިން ކުރި މަސައްކަތަށް."

ކުރީގެ ކުޅުންތެރިޔާ އައިޝަތު ނާޒިމާ، ސައިކްލޯންގެ އޮފިޝަލެއްގެ ގޮތުގައި ކުރި މަސައްކަތް ވެސް، އެޓީމުން ހޯދި ކާމިޔާބުގައި ހިއްސާ ބޮޑުކަން ނަޒީ ފާހަގަ ކުރެ އެވެ. އޭނާގެ މި ތާރީހީ ކާމިޔާބުތަކަށް ދެން އިތުރުވާ އަނެއް ނަމަކީ ރެޑް ވިންގްސްގެ ޔޫތު ޓީމުގެ ގޮތުގައި މަޝްހޫރު ވެފައިވާ، ސްޕާޓަންސް އަށް ދެވަނަ ޑިވިޝަންގެ ތަށި ހޯދައިދިނުމެވެ. ލީގު އުސޫލުން ކުޅުނު އެ ޑިވިޝަންގެ ތަށި ސްޕާޓަންސްއިން ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުު ވެގެންނެވެ.

ނަޒީ ބުނި ގޮތުގައި މިދިޔަ ފަސް ވަރަކަށް މަސް އޭނާ ހޭދަކުރީ ބުރަ ދުވަސް ވަރެއްގެ ގޮތުގަ އެވެ. އޭނާ ކޯޗުކޮށްދިން ހުރިހާ ޓީމަކުން ޗެމްޕިއަން މެޑަލް މިދިޔަ ހަތަރު މަސް ތެރޭގައި ހޯދުމަކީ ކުޑަ ކަމެއް ނޫނެވެ. އިތުރު އެހެން ކޯޗަކަށް މީގެ ކުރިން ސިލްސިލާ ގޮތެއްގައި މިވަރުގެ ކާމިޔާބެއް ހޯދިފައެއް ނެތެވެ. މިއީ ރެކޯޑް ދަރަޖައިގައި ހިމެނޭނެ މަސައްކަތެކެވެ.

ބާސްކެޓްގެ އާ ސީޒަންގައި ނަޒީގެ ކާމިޔާބުތައް

- ސައިކްލޯންއާ އެކު ގައުމީ ލީގު ޗެމްޕިއަން

- ސައިކްލޯންއާ އެކު ގައުމީ މުބާރާތުގެ ޗެމްޕިއަން

- ރެޑް ވިންގްސްއާ އެކު ގައުމީ މުބާރާތުގެ ރަނަރަފް

- ރެޑް ވިންގްސްއާ އެކު ވީކެންޑް ބާސްކެޓްބޯޅަ ލީގު

- ސްޕާޓަންސްއާ އެކު ދެވަނަ ޑިވިޝަންގެ ޗެމްޕިއަން

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސައިކްލޯން ބާސްކެޓްބޯޅަ ޓީމަށް މުބާރާތުގެ ތަށި، އެމްބީއޭގެ ރައީސް އަހްމަދު އާދަމް ހަވާލުކޮށް ދެއްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސައިކްލޯން ބާސްކެޓްބޯޅަ ޓީމަށް މުބާރާތުގެ ތަށި، އެމްބީއޭގެ ރައީސް އަހްމަދު އާދަމް ހަވާލުކޮށް ދެއްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ވަރަށް ބުރަކޮށް މަސައްކަތް ކުރެވުނު ފަސް ވަރަކަށް މަސް، އެކަމަކު އަޅުގަނޑުގެ ހުރިހާ ޓީމަކުން ވެސް ތަށި ހޯދީމަ ހަގީގަތުގައި ވަރުބަލި ކަމުގެ އިހްސާސެއް ނުކުރެވޭ،" ނޭޕާލްގައި 2016 ގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޓީމަށް ބްރޯންޒް މެޑަލް ހޯދައިދިން ކޯޗު ބުންޏެވެ.

ސަރަހައްދީ ބާސްކެޓް ބޯޅަ މުބާރާތެއްގައި ރާއްޖޭގެ އަންހެން ޓީމު ގޮވައިގެން ބްރޯންޒް މެޑަލްއަށް ވުރެ ދުރަށް އެހެން ކޯޗަކަށް އަދި ނުދެވެ އެވެ.

"ގައުމީ ޓީމުގައި އިންޓަނޭޝަނަލް މެޑަލްއެއް ކަރުގައި އަޅުވާލެވުނު ދުވަހަކީ ވަރަށް ބޮޑު އުފަލެއް ލިބުނު ދުވަހެއް. އެކަމަކު އެއްވެސް ކާމިޔާބެއް ނޯވޭ އެއަށް ވުރެ ނުނީ އަނެއް މުބާރާތަށް ވުރެ ވެލިއު މަތިނުވާނޭ ބުނެވޭކަށް. ގައުމީ ޓީމުގައި ވެސް ކުރަނީ އެއް މަސައްކަތެއް. ކުޅުންތެރިން ވެސް ކުރަނީ އެއް މަސައްކަތެއް. ހުރިހާ ޓީމެއްގައި ވެސް މަސައްކަތް ކުރަނީ އެއްގޮތަކަށް،" ނަޒީ ބުންޏެވެ.

ނަޒީފް ކުޅުނު އިރު މެޗެއްގެ ތެރެއިން، ހޫކްސްގެ ތެރެއަށް ބޯޅަ ވައްޓާލަން މަސައްކަތް ކުރަނީ: ގައުމީ ލީގާއި ގައުމީ މުބާރާތުގައި ގިނަ ކާމިޔާބުތަކެއް ވަނީ ހޯދައިފައި. --- ފައިލް ފޮޓޯ

ނަޒީފް ކުޅުނު އިރު މެޗެއްގެ ތެރެއިން، ހޫކްސްގެ ތެރެއަށް ބޯޅަ ވައްޓާލަން މަސައްކަތް ކުރަނީ: ގައުމީ ލީގާއި ގައުމީ މުބާރާތުގައި ގިނަ ކާމިޔާބުތަކެއް ވަނީ ހޯދައިފައި. --- ފައިލް ފޮޓޯ

އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް ދެއަހަރެއްގެ ތެރޭ ގައުމީ މުބާރާތް ހޯދޭ ފެންވަރަށް ރެޑް ވިންގްސް އަށް ދެވޭނެ އެވެ.

"މި ޓީމު ކުރިއަރާ ތަން އެބަ ފެނޭ. އެއަށް ބަލާއިރު ދެ އަހަރެއްވަރު ތެރޭ ގައުމީ ލީގާއި މުބާރާތް ވެސް ހޯދޭނެ ލެވަލަށް ދެވޭނެ."

ނަޒީއާ އެކު ކުޅުނު ކުރީގެ ކުޅުންތެރިން ބުނާ ގޮތުގައި އޭނާ އަކީ ވަރަށް ހިތްވަރުކުރާ ކުޅުންތެރިޔެކެވެ. ކުޅޭ ހިތުން ހުއްޓައި އިންޓަ ސްކޫލް މުބާރާތުގައި މަޖީދިއްޔާ ޓީމުން ބަކީ ކުރުމުން ވެސް ނަޒީ ކަރު އެލުވައެއް ނުލި އެވެ. ދެން އައި އަހަރު ބުރަކޮށް މަސައްކަތްކޮށް އޭނާ ޓީމަށް އަރައި ބާސްކެޓްގައި ފައި ވިއްދައިލި އެވެ.

"އަޅުގަނޑުގެ ކުޅުންތެރިން ގާތުގައި ވެސް ބުނަން. ބައެއް ފަހަރު ގައުމީ ޓީމުން ފުރުސަތު ނުލިބިދާނެޔެ. އެކަމަކު މަސައްކަތުގެ ލެވަލް ކުޑަކޮށް ވެސް ދަށް ނުކުރައްޗޭ،" ނަޒީ ކިޔައި ދިނެވެ. "ކުޅުނު އިރު ވެސް އަޅުގަނޑު އުޅުނީ އެގޮތަށް. މި ކުޅުންތެރިންގެ މައިންޑް ސެޓް ވެސް އެގޮތަށް ސެޓް ކުރަން އަޅުގަނޑު ބާރު އަޅަނީ."