Roadha Mihaaru
ޗެމްޕިއަން ސްޕާޓަންސް އަށް ފުރުސަތެއް ނެތް

ޗެމްޕިއަން ސްޕާޓަންސް އަށް ފުރުސަތެއް ނެތް، ޓަލޮންސް އާއި ރޯޔަލްސް އަދި ސްޓިންގާސް ދެވަނަ ބުރަށް

29 ނޮވެމްބަރ 2023

އެންމެ ފަހުގެ ޗެމްޕިއަން ސްޕާޓަންސް ސްޕޯޓްސް ކްލަބަށް ފުރުސަތެއް ނުދީ، ޓަލޮންސް އާއި ރޯޔަލްސް އަދި ސްޓިންގާސް ބާސްކެޓްބޯޅަ ކްލަބް، ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސްޕާޓަންސް ސްޕޯޓްސް ކްލަބަށް ފުރުސަތެއް ނުދީ، ޓަލޮންސް އާއި ރޯޔަލްސް އަދި ސްޓިންގާސް ބާސްކެޓްބޯޅަ ކްލަބް، ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ޖުމުލަ ހަތް ޓީމާ އެކު މިމަހުގެ 16 ވަނަ ދުވަހު ފެށި މުބާރާތުގެ ދެވަނަ ބުރުން މި ތިން ޓީމު ޖާގަ ހޯދީ ފުރަތަމަ ބުރުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ ޓީމުގެ ގޮތުގަ އެވެ.

ލީގުގެ ޗެމްޕިއަންކަން ކަނޑައަޅާނީ ތިން ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެވެ. ފުރަތަމަ ބުރުގައި ހޯދި ޕޮއިންޓްތައް ދެވަނަ ބުރުގައި ވެސް ގުނާނެ އެވެ.

ސްޕާޓަންސް ނިންމާލީ ލީގު ތާވަލްގެ ފަސްވަނައިގަ އެވެ. ފުރަތަމަ ބުރުގައި އެޓީމު ހަތަރު މެޗުން ބަލިވެފައި ވާއިރު، މޮޅުވީ ދެ މެޗުންނެވެ. ހަވަނައިގައި ނިންމި އެލްކިއު ސްޕޯޓްސް ކްލަބް އެއް މެޗުން މޮޅުވެފައި ވާއިރު، ހުޅުމާލެ ސްޕޯޓްސް ކްލަބަށް އެންމެ މެޗެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

ފުރަތަމަ ބުރުގައި އެންމެ މެޗަކުން ބަލިވި ޓަލޮންސް އާއި ރޯޔަލްސް ވެސް ވަނީ 11 ޕޮއިންޓް ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ޓަލޮންސް، މިއަހަރުގެ ފުރަތަމަ ބުރުގައި ބަލިވެފައި ވަނީ ޑަބްލިއު ސްޕޯޓްސް އެކަޑަމީ އަތުންނެވެ. އަދި ރޯޔަލްސް ބަލިވީ ޓަލޮންސް އަތުންނެވެ. ޓަލޮންސް އަށް އެއްވަނަ ލިބެނީ އެޓީމުން ރޯޔަލްސް އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވުމުންނެވެ.

ތިންވަނަ އަށް ދިޔަ ސްޓިންގާސް އާއި ހަތަރުވަނައިގައި ނިންމި ޑަބްލިއު ސްޕޯޓްސް އެކަޑަމީ އަށް ވެސް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ސްޓިންގާސްއާ ބައްދަލުކުރި މެޗުން ޑަބްލިއު ސްޕޯޓްސް އެކަޑަމީ ބަލިވެފައި ވާތީ ލީގު ތާވަލްގައި ކުރި ލިބުނީ ސްޓިންގާސް އަށެވެ. ޑަބްލިއު ސްޕޯޓްސް ވަނީ ރޯޔަލްސް އަތުން ވެސް ބަލިވެފަ އެވެ. ސްޓިންގާސް ބަލިވީ ޓަލޮންސް އާއި ރޯޔަލްސް އަތުންނެވެ.