Roadha Mihaaru
ކިންގްސް ބަލިކޮށް ޓީރެކްސް އެންމެ ކުރިއަށް ޖެހިލައިފި

ކިންގްސް ބަލިކޮށް ޓީރެކްސް އެންމެ ކުރިއަށް ޖެހިލައިފި

23 ޖެނުއަރީ 2024

އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ބީސީގެ މައްޗަށް ކުރި ހޯދައި ޓީރެކްސް ބީސީން ލީގު ތާވަލްގެ ކުރިއަށް ޖެހިލައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ބީސީގެ މައްޗަށް ކުރި ހޯދައި ޓީރެކްސް ބީސީން ލީގު ތާވަލްގެ ކުރިއަށް ޖެހިލައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ރޭ ކުޅުނު މެޗުން ޓީރެކްސް މޮޅުވީ 79-61 ޕޮއިންޓުންނެވެ.

މި ނަތީޖާއާ އެކު ޓީރެކްސް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްފަ އެވެ. ކިންގްސްގެ ފުރަތަމަ ދެ މެޗުގައި ރޯޔަލްސް އާއި ރެޕްޓާސް ބަލިކުރެވުނަސް، ޓީރެކްސް އަތުން މޮޅެއް ނުވެވުނެވެ.

ޓީރެކްސްގެ އިސްމާއިލް ވިލްދާން ޔޫސުފްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު ކިންގްސް އޮތީ ހަނި ތަފާތަކުން ކުރީގަ އެވެ. ނަމަވެސް ދެން ކުޅުނު ކުއާޓާރުތަކުގައި ޓީރެކްސް ވަނީ ބޮޑު ލީޑެއް ދަމަހައްޓައިގެން ކުޅެފަ އެވެ.

މި މެޗުގައި އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރީ ޓީރެކްސްގެ އަހުމަދު ފިރާޝް އެވެ. އޭނާ ވަނީ 22 ޕޮއިންޓް ހޯދައިފަ އެވެ. ދެން އެންމެ ގިނައިން ސްކޯ ކުރީ، 12 ޕޮއިންޓް ހޯދި ޓީރެކްސްގެ މުހައްމަދު ހުވައިލިދު އަލީ އާއި ކިންގްސްގެ އަބްދުﷲ އަމްޒަރު މުހައްމަދު އަދި އިބްރާހިމް ނަސީމް އެވެ. ޓީރެކްސްގެ ވިލްދާން އާއި މުހައްމަދު ސަމޫހު ވަނީ 11 ޕޮއިންޓް ހޯދައިފަ އެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ސްޓިންގާސް ބީސީ އާއި ރެޕްޓާސް ބީސީ އެވެ. މި މެޗު 97-27 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ރެޕްޓާސް އެވެ. ރެޕްޓާސްގެ އުންމީދީ ކުޅުންތެރިޔާ މުހައްމަދު އައުކް ވަޖީހު ވަނީ އެޓީމަށް 17 ޕޮއިންޓް ސްކޯ ކޮށްދީފަ އެވެ.