Roadha Mihaaru
ޗެމްޕިއަން ސައިކްލޯންސް ވެސް ފެށީ މޮޅަކުން

ޗެމްޕިއަން ސައިކްލޯންސް ވެސް ފެށީ މޮޅަކުން

20 ޖެނުއަރީ 2024

މިއަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން އެއްވަނަ ޑިވިޝަންގައި، އެންމެ ފަހުގެ ޗެމްޕިއަންނަކް ހޯދި ސައިކްލޯންސް މޮޅަކުން ފަށައިފި އެވެ.

މިއަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން އެއްވަނަ ޑިވިޝަންގައި، އެންމެ ފަހުގެ ޗެމްޕިއަންނަކް ހޯދި ސައިކްލޯންސް މޮޅަކުން ފަށައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ސައިކްލޯންސް ނުކުތީ ލަޔަނެސްއާ ދެކޮޅަށެވެ. މި މެޗު އެޓީމު ކާމިޔާބު ކުރީ 69-25 ޕޮއިންޓުންނެވެ. ސައިކްލޯންސްގެ ޝިޒްނާ ރަޝީދު ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އަންހެން ޑިވިޝަންގެ ކުޅުން ފެށީ ބުރާސްފަތި ދުވަހުގެ ރެއެވެ. ފާތިމަތު ރިޝްމާގެ މޮޅު ކުޅުމާ އެކު އެ މެޗުގައި ކުއީންސް އިން ވަނީ 82-56 ޕޮއިންޓުން އެލީޓް ބީސީ ބަލިކޮށްފަ އެވެ.

ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ބީސީ ވެސް ވަނީ ފުރަތަމަ މެޗުން މޮޅުވެފަ އެވެ.

ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ މެޗުގައި ޓީރެކްސް ބީސީ ވަނީ ފަސޭހަ ކަމާއެކު ރޯޔަލްސް ބީސީގެ މައްޗަށް ކުރި ހޯދައިފަ އެވެ. ޓީރެކްސް މެޗު ކާމިޔާބު ކުރީ 105-34 ޕޮއިންޓުންނެވެ. ޓީރެކްސްގެ މުހައްމަދު ޚުވައިލިދު އަލީ ވަނީ އެޓީމަށް 30 ޕޮއިންޓް ސްކޯ ކޮށްދީފަ އެވެ.

މިއީ ދެ ޓީމު ވެސް ލީގުގައި ކުޅުނު ދެވަނަ މެޗެވެ. ޓީރެކްސް ފުރަތަމަ މެޗު ވެސް ކާމިޔާބު ކުރިއިރު ރޯޔަލްސް އަށް ވަނީ ފުރަތަމަ މެޗުން ވެސް ނާކާމިޔާބު ވެފަ އެވެ.

ލީގުގައި ދެން ހިމެނޭ ރެޑްވިންގްސް ބީސީ އާއި ރެޕްޓާސް ފެށީ ބުރާސްފަތި ދުވަހުގެ ރެއެވެ. މި ދެ ޓީމު އެ ރޭ ބައްދަލުކުރި މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު 81-75 ޕޮއިންޓުން ކުރި ހޯދީ ރެޕްޓާސް އެވެ.