Roadha Mihaaru
ރާއްޖޭން ތައިވާނާ އެކު ގުޅުމެއް ނުބާއްވާނަން: ސަރުކާރު

ރާއްޖެ އިން ތައިވާނާ ގުޅުމެއް ނުބާއްވާނަން، ބަލައިގަންނާނީ ވަން-ޗައިނާ ޕޮލިސީ: ސަރުކާރު

14 ޖެނުއަރީ 2024

ރާއްޖެ އިން އަބަދުވެސް ދަމަހައްޓަމުން އަންނަނީ "ވަން ޗައިނާ" ޕޮލިސީ ކަމަށާއި ކުރިމަގުގައި ވެސް އެ ސިޔާސަތުގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު ދީފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖެ އިން އަބަދުވެސް ދަމަހައްޓަމުން އަންނަނީ "ވަން ޗައިނާ" ޕޮލިސީ ކަމަށާއި ކުރިމަގުގައި ވެސް އެ ސިޔާސަތުގައި ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު ދީފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެ ޔަގީންކަން ދިނީ ޗައިނާއާ ވަކިވެގަނެ، ވަކި ދައުލަތެއް ހަދައިގެން އުޅޭ ޓައިވާނުގައި ރިޔާސީ އިންތިހާބު ބާއްވައި، ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ އިންތިހާބު ކޮށްފައި ވަނިކޮށެވެ.

ޓައިވާނުގައި އެ އިންތިހާބު ބޭއްވީ ކުރިން އެކަން އެ ގޮތަށް ކޮށްފި ނަމަ، ނުތަނަވަސްކަން އިތުރަށް ބޮޑުވާނެ ކަމުގެ އިންޒާރު ޗައިނާ އިން ދީފައި ވަނިކޮށެވެ.

ޓައިވާނަކީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ބައެއް ގައުމުތަކުން ބެލިޔަސް، ޗައިނާ އިން ދެކޭ ގޮތުގައި އެއީ އެ ގައުމުގެ ބައެކެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ "ވަން-ޗައިނާ"ގެ ޕްރިންސިޕަލްގައި ރާއްޖޭން ސާބިތުކަމާ އެކު، ދެމިތިބި ކަމަށާއި އެއީ ރާއްޖެ އާއި ޗައިނާގެ ގުޅުން އޭގެ މައްޗަށް ބިނާވެފައިވާ އަސާސް ވެސް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް އެ ޔަގީންކަން ޗައިނާ އަށް ދެއްވާފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭން ގަބޫލު ކުރާ ހަމައަކީ މުޅި ޗައިނާ ރަމްޒު ކޮށްދޭ ދައުލަތަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ކަމަށާއި ޓައިވާނަކީ ޗައިނާގެ ޓެރިޓަރީގެ ބައެއް ކަމަށެވެ. ޗައިނާގެ އިސްތިގުލާލާއި ސިޔާސަދަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކީ ރާއްޖެ އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް، ޓައިވާންގެ އިންތިހާބާ ގުޅުވައި ރާއްޖޭން ނެރުނު ބަޔާނުގައި ބުންޏެވެ.

ރާއްޖެ އިން ވަނީ ޓައިވާނާ އެކު އެއްވެސް ރަސްމީ ގުޅުމެއް ނުބާއްވާނެ ކަމުގެ ޔަގީންކަން ބަޔާނުގައި ދީފަ އެވެ. އަދި ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒުތައް ފޯރުވުން ވެސް ރާއްޖެ އިން ކުށްވެރި ކުރި އެވެ.

ރާއްޖޭގެ ހުރިހާ ސަރުކާރުތަކުން ވެސް "ވަން ޗައިނާ" އުސޫލުގައި ދަމަހައްޓާފައިވެ އެވެ. ނަމަވެސް އެންމެ ފަހުން ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން "ރިޕަބްލިކް އޮފް ޗައިނާ" އަށް ސަފީރަކު ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެވެ. ރިޕަބްލިކް އޮފް ޗައިނާ އަކީ ޓައިވާނެވެ.

އެކަމަކު، ފަހުން އެ ސަރުކާރުން ވަނީ އެކަން އެގޮތަށް ކުރެވުމުން ޗައިނާގެ ކިބައިން މާފަށް އެދިފަ އެވެ. އަދި ސަރުކާރުން ނެރުނު ބަޔާނުތަކުގައި ވެސް "ވަން ޗައިނާ" އުސޫލު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ޓައިވާނަށް އދ. އިން މިނިވަން ދައުލަތެއްގެ ދަރަޖަ ނުލިބުނަސް އެއީ މިނިވަން ދައުލަތެއްގެ ގޮތުގައި 15 ގައުމަކުން ގަބޫލުކުރެ އެވެ. އެކަމަކު އެމެރިކާ އާއި އިނގިރޭސި ވިލާތާއި ރަޝިއާ އާއި ބާރުގަދަ އެހެން ގައުމުތަކުގައި ރަސްމީ ސިފައެއްގައި ޓައިވާން ބަލައެއް ނުގަނެވެ.