Roadha Mihaaru
ވެލެންސިއާގެ "ވަގު ސިޓީ" ގެ މައްސަލަ ޕޮލިހަކު ނެތް

ވެލެންސިއާގެ "ވަގު ސިޓީ" ގެ މައްސަލަ ޕޮލިހަކު ނެތް

04 ޖެނުއަރީ 2024

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލެއްވި، މިހާރުގެ އެކްސްކޯ މެންބަރު މުފާވިޒް ހާޝިމް ވެލެންސިއާގެ "ވަގު ސިޓީ" އެއް ހެއްދިކަމަށް ބުނެ، އެ ކްލަބުން ފެންމަތި ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައި ނެތް ކަމަށް، އެ އިދާރާއިން ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލެއްވި، މިހާރުގެ އެކްސްކޯ މެންބަރު މުފާވިޒް ހާޝިމް ވެލެންސިއާގެ "ވަގު ސިޓީ" އެއް ހެއްދިކަމަށް ބުނެ، އެ ކްލަބުން ފެންމަތި ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައި ނެތް ކަމަށް، އެ އިދާރާއިން ބުނެފި އެވެ.

އެ ކްލަބްގެ ސިޓީ، މުފާ ފޯޖްކޮށްފައިވާ ބުނެ، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީ އަށް ވެލެންސިއާއިން ފޮނުވި ސިޓީގައި ބުނެފައި ވަނީ، އެ ކްލަބްގެ ނަމުގައި އެހެން ކެންޑިޑޭޓަކު ސިޓީއެއް ހުށަހަޅާފައިވާކަމުގެ މައުލޫމާތު މީޑިއާ އިން ލިބިފައިވާ ކަމަށެވެ. އެ ލިޔުމަކީ ފޯޖްކޮށްގެން ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމަށް ބެލެވޭތީ، އެ މައްސަލަ ސްޕޯޓްސް ކޮމިޝަނަރަށާއި ޕޮލިހަށް ހުށަހަޅާފައި ވާނެ ކަމަށް ވެލެންސިއާގެ އާ ޗެއާމަން އަބްދުﷲ އަޒްމީން ސޮއިކޮށް، ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ.

ފުލުހުންގެ މީޑީއާ ގުރޫޕްގައި، އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން، އެ އިދާރާއިން ބުނީ ވެލެންސިއާގެ ސޮއި ފޯޖް ކުރި ކަމަށް ބުނެ އެއްވެސް މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު، އެފްއޭއެމްގެ އިންތިހާބަށް ފޯމު ހުށަހެޅުމަށް ފަހު، މުފާ ވިދާޅުވީ، ވެލެންސިއާއިން ވެސް އޭނާ އަށް އެންޑޯޒްމެންޓް ދީފައިވާ ކަމަށެވެ.

އޭނާ އަށް ވުރެ ކުރިން، ފޯމު ހުށަހެޅި، އަހްމަދު ތޯރިގް (ޓޮމް) ވެސް ފޯމު ހުށަހެޅީ ވެލެންސިއާގެ ތާއީދު ސިޓީއާ އެކު އެވެ. އެފްއޭއެމުން ބުނީ، އެ އެސޯސިއޭޝަންގެ އިންތިހާބަށް ފޯމު ހުށަހަޅަން ޖެހޭނީ، ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބްގެ އެންޑޯޒްމެންޓް ސިޓީއާ އެކު ކަމަށެވެ.

ފުރަތަމަ ޑިވިޝަނުން، ތޯރިގަށް، ތާއީދުކުރަނީ ވެލެންސިއާގެ އިތުރުން މާޒިޔާ އެވެ. ވެލެންސިއާގެ ސިޓީއާ ދެ ކެންޑިޑޭޓުންގެ ފޯމާ އެކު ހުށަހަޅާފައި ވުމުން، އެ ކްލަބްގެ އެންޑޯޒްމެންޓް ބަލައިނުގަތުމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. އެ ކްލަބްގެ ތާއީދު ބަލައި ނުގަތުމަށް ނިންމައިފިނަމަ، ތޯރިގްގެ ފޯމު ބާތިލު ވާނެ އެވެ. އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ވަނީ، އެކަމާ މެދު އޭއެފްސީގެ ލަފައަކަށް އެދިފަ އެވެ.

އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް ހުއްޓާލަން، ސްޕޯޓްސް ކޮމިޝަނާ އެންގި ނަމަވެސް، ކުރިން ވެސް ކަނޑައެޅާފައިވާ ގޮތަށް މި މަހު 31 ގައި އިންތިހާބު ބާއްވަން އެފްއޭއެމުން ދަނީ ތައްޔާރުވަމުންނެވެ.