Roadha Mihaaru
މުފާގެ ރައްދު؛ ތަހުގީގުން ހަގީގަތް ސާފު ވާނެ!

ތުހުމަތަށް މުފާގެ ރައްދު؛ ތަހުގީގުން ހަގީގަތް ސާފު ވާނެ!

01 ޖެނުއަރީ 2024

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލައްވަން އޭނާ ހުށަހަޅާފައިވާ ވެލެންސިއާގެ ސިޓީ އަކީ "ފޯޖް" ކޮށްފައިވާ ސިޓީއެއް ކަމަށް ކުރާ ތުހުމަތުގެ ހަގީގަތް ތަހުގީގުން ސާފު ވާނެކަމަށް، އެ އެސޯސިއޭޝަނުގެ ރައީސް ކަމަށް ވާދަ ކުރައްވާ މުފާވިޒް ހާޝިމް ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލައްވަން އޭނާ ހުށަހަޅާފައިވާ ވެލެންސިއާގެ ސިޓީ އަކީ "ފޯޖް" ކޮށްފައިވާ ސިޓީއެއް ކަމަށް ކުރާ ތުހުމަތުގެ ހަގީގަތް ތަހުގީގުން ސާފު ވާނެކަމަށް، އެ އެސޯސިއޭޝަނުގެ ރައީސް ކަމަށް ވާދަ ކުރައްވާ މުފާވިޒް ހާޝިމް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ތާއީދު ލިބިވަޑައިގެން، އިންތިހާބަށް ވާދަ ކުރައްވާ މުފާ ވަނީ ވެލެންސިއާ ހިމެނޭ ގޮތަށް، ފުރަތަމަ ޑިވިޝަނުން ހަ ކްލަބެއްގެ އެންޑޯޒްމެންޓް ސިޓީ ހުށަހަޅައިފަ އެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީ އަށް އިއްޔެ ވެލެންސިއާއިން ފޮނުވި ސިޓީއެއްގައި، އެ ކްލަބުން ބުނެފައި ވަނީ، އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލައްވާ، އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ތޯރިގު ފިޔަވައި އެހެން ކެންޑިޑޭޓަކަށް ވެލެންސިއާއިން ތާއީދު ނުކުރާ ކަމަށެވެ. އަދި މުފާ ހުށަހެޅި ކަމަށް ބުނާ ސިޓީ އަކީ މަކަރާއި ހީލަތް ހަދައިގެން ހުށަހަޅާފައިވާ ސިޓީއެއް ކަމަށް ބެލެވޭތީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވާނެ ކަމަށް ވެސް ވެލެންސިއާގެ އާ ޗެއާމަން އަބްދުﷲ އަޒްމީން ސޮއިކޮށް ފޮނުވި ސިޓީގައި ވެއެވެ.

އެ ސިޓީގެ އިތުރުން، އަޒްމީނަކީ ވެލެންސިއާގެ ޗެއާމަންކަން ކަށަވަރުކޮށް ދިނުމުގެ ގޮތުން ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގެ ލިޔުމެއް، ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަށް ފަހު، ތޯރިގް ވަނީ މުފާގެ މައްޗަށް ބޮޑު އެހެން ތުހުމަތެއް ވެސް ކޮށްފަ އެވެ.

ތޯރިގު ވިދާޅުވީ ވެލެންސިއާގެ ނަމުގައި ސިޓީއެއް ތައްޔާރު ކުރީ، އެ ކްލަބްގެ ބޯޑްގެ ބައެއް މެންބަރުންނަށް ބިރު ދައްކައިގެން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ވެލެންސިއާގެ ލިޔުމެއްކަމަށް ދެއްކުމަށް ސޮއިކުރުމުގައި އެ ކްލަބްގެ ބޯޑުގެ ބައެއް މެންބަރުންނަށް ބިރުދައްކައިގެން ފަތިސް ގަޑީގައި ސޮއި ހޯދިކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލައިގެ (އިތުރުން) ވެލެންސިއާގެ ލިޔުމެއް ފޯޖްކުރި މައްސަލަ ތަހްގީގުކޮށް ދިނުމަށް ފުލުހަށް ހުށަހަޅާން،" ސޯޝަލް މީޑިއާގައި ތޯރިގް ލިޔުއްވާފައި ވެއެވެ.

އެ ތުހުމަތުތަކާ ގުޅޭ ގޮތުން މުފާ އާއި ސުވާލު ކުރުމުން އޭނާ ވާހަކަ ފެށީ ހެމުން ހެމުންނެވެ. އެއަށް ފަހު ވިދާޅުވީ އެކަމާ އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

"އެކަމާ ބެހޭގޮތުން ގޮތް ނިންމާނީ އިލެކްޓޯރަލް ކޮމިޓިން ދެއްތޯ، ދެން ތިބުނީ ޕޮލިހަށް ވެސް މައްސަލަ ހުށަހަޅާފައޭ ވީ. އެހެންވެއްޖެއްޔާ ފުލުހުން ވެސް ތަހުގީގުކޮށްފަ ގޮތެއް ނިންމާނެ ނޫން ތަ،" ބައްސާމްގެ އެކްސްކޯ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި މުފާ ވިދާޅުވި އެވެ.

"އޭރުން އެނގޭނެ ވެލެންސިއާގެ ޗެއާމަން އެ ބުނާ ވާހަކަ އާއި އަނެއްކޮޅުން އެ ދައްކާ ވާހަކަތަކަކީ ކިހާވަރެއްގެ ހަގީގަތެއް ހުރި ވާހަކައެއްކަން."

ކްލަބް އީގަލްސްގެ ސީއީއޯކަން ވެސް ކުރައްވާ މުފާ ވިދާޅުވީ، މި ކަމުގައި ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވަކި އަތަކަށް ޖެހި ވަޑައިގެން ހުންނެވި މަންޒަރު ފެނިގެންދާ ކަމަށެވެ. އަދި ކޮމިޝަނާގެ މަސްއޫލިއްޔަތާއި ޒިންމާ އަކީ ކްލަބްތަކުން ސިޓީގައި ސޮއި ކުރާ މީހާ އާއި ވޯޓްލާ މީހާ ކަނޑައަޅުން ހެން ހީވާ ކަމަށް މުފާ ވިދާޅުވި އެވެ.

"މިކަމުގައި އަދި ބޮޑަށް ފެންނަނީ ސްޕޯޓްސް ކޮމިޝަނާ ވަކިކޮޅަކަށް ޖެހިގެން ތެޅިފޮޅިގެން އުޅޭތަން. ހީވާ ކަހަލަ ކްލަބްތަކުން ސިޓީގައި ސޮއި ކުރާނެ މީހާ އާއި ވޯޓްލާން ދާނެ މީހާ ވެސް ކަނޑައަޅަން ހުންނަ މަގާމެކޭ ސްޕޯޓްސް ކޮމިޝަނާގެ މަގާމަކީ،" ތުހުމަތު ތަކާ އެކު މުފާ ވިދާޅުވި އެވެ.

"މާދަމާ ބުނެފާނެ އީގަލްސްއިން ވޯޓް ލާނީ މިވެނި މީހެކޭ. އީގަލްސްގެ ލިޔުންތަކުގައި ސޮއި ކުރާނީ މިވެނި މީހެކޭ."

މި މަހު 31 ގައި ބާއްވަން އިއުލާންކޮށްފައިވާ އިންތިހާބާ ގުޅޭ ގޮތުން އެފްއޭއެމްގެ އެކްސްކޯއިން ނިންމި ނިންމުންތަކުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން، ސްޕޯޓްސް ކޮމިޝަނާ ތޮލާލް ވަނީ ފީފާ އާއި އޭއެފްސީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާ އެކު މަޝްވަރާ ކުރުމަށް ފަހު ގޮތެއް ކަނޑައެޅެދެން އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށް އެފްއޭއެމް އަށް އަންގާފަ އެވެ.