Roadha Mihaaru
ނައިބު ރައީސްގެ ފުރަތަމަ ދަތުރުފުޅަށް ތިން މިލިއަން!

ނައިބު ރައީސްގެ ދެ ދަތުރުފުޅަށް ތިން މިލިއަން ރުފިޔާ، ދަތުރުކުރެއްވީ ފަސްޓް ކްލާހުގައި

28 ޑިސެމްބަރ 2023

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޗައިނާ އާއި ޖެނީވާ އަށް ފަސްޓް ކްލާހުގައި ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޗައިނާ އާއި ޖެނީވާ އަށް ފަސްޓް ކްލާހުގައި ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުން ކުރާ ހަރަދުތަކުގެ ތަފުސީލް ދެ ހަފްތާގެ ތެރޭގައި ހާމަކުރަން ރައީސް އޮފީހުން ނިންމި ސިޔާސަތުގެ ދަށުން މިއަދު އާންމުކުރި ތަފްސީލުގައިވާ ގޮތުގައި ޗައިނާ ދަތުރުފުޅަށް ހަރަދުވެފައިވަނީ 180،735.9 ރުފިޔާ އެވެ. ޖެނީވާ ދަތުރުފުޅަށް 595،779 ރުފިޔާ ވަނީ ހަރަދުވެފަ އެވެ. މިއީ އެ މަނިކުފާނު ނައިބު ރައީސްގެ ހައިސިއްޔަތުން ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސާއި ނައިބު ރައީސް ބިޒްނަސް ކްލާހަށް ވުރެ މަތިން ދަތުރުފުޅު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، މާލެ އިން ޗައިނާ އަށް އަދި ޗައިނާ އިން ޖެނީވާ އަށް އަދި އެނބުރި މާލެ އަށް ނައިބު ރައީސް ދަތުރުފުޅު ކުރައްވާފައިވަނީ ފަސްޓް ކްލާހުގަ އެވެ. ފަސްޓު ކްލާހުގެ ޓިކެޓުގެ ހަރަދަށް 353،750 ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

ދަތުރުފުޅުގެ އެހެނިހެން ބައިވެރިން ދަތުރުކުރެއްވީ ބިޒްނަސް އަދި އިކޮނޮމީ ކްލާހުގަ އެވެ.

ރައީސް އޮފީހުން ބުނީ، ނައިބު ރައީސް ޗައިނާ އާއި ޖެނީވާ އަށް ފަސްޓް ކްލާހުގައި ދަތުރުފުޅު ކުރެއްވީ ބިޒްނަސް ކްލާހުން ޖާގަ ލިބިވަޑައިނުގަތުމުން ކަމަށެވެ.

ނައިބު ރައީސްގެ ވަފުދަށް ޗައިނާގައި އެކޮމޮޑޭޝަނާއި ފަރިއްކޮޅުގެ ހަރަދާއި އެތެރޭގެ ދަތުރުފަތުރުގެ ހަރަދު ހަމަޖެއްސީ ޗައިނާ ސަރުކާރުންނެވެ. ޖެނީވާ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ވެސް ކޮށްފައިވަނީ ދައުލަތުގެ ބަޖެޓުންނެވެ.

ދެ ދުވަހުގެ ދަތުރުފުޅަކަށް ނައިބު ރައީސް ޗައިނާއަށް ވަޑައިގެންނެވީ ‎ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއިން އިންތިޒާމުކޮށްގެން ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ބައިވެރިވެވަޑައިގެންނެވުމަށެވެ.

އޭގެ ފަހުން ޖެނީވާއަށް ވަޑައިގެންނެވީ "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އެއީ ވެސް ދެ ދުވަހުގެ ދަތުރުފުޅެކެވެ.