Roadha Mihaaru
އޮލިމްޕިކްސްގެ ރަސްމިއްޔާތަށް ނައިބު ރައީސް ޕެރިހަށް

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތަށް ނައިބު ރައީސް ޕެރިހަށް

24 ޖުލައި 2024

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ފްރާންސްގެ ވެރިރަށް ޕެރިހަށް މިއަދު ފުރާވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ފްރާންސްގެ ވެރިރަށް ޕެރިހަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ފްރާންސް ސަރުކާރާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި އޮލިމްޕިކްސްގައި ބައިވެރިވާ ދިވެހި ވަފުދާ ބައްދަލު ކުރައްވައި، ދިވެހި އެތުލީޓުން ބައިވެރިވާ މުބާރާތްތައް ބައްލަވާލައްވާނެ ކަމަށެވެ.

އަންނަ ހުކުރު ދުވަހު ފަށާ އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި ދުވުންތެރިޔާ އިބާދުﷲ އާދަމް އާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަދި ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސައިން އަދި އާއިޝަތު އުލްޔާ ޝާއިގް އެވެ. މީގެ ތެރެއިން އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ދީމާ އާއި އިބާދުﷲ އެވެ.

އޮލިމްޕިކްސްގައި ރާއްޖޭން ބައިވެރިވާ އެތުލީޓުންނާ މިދިޔަ އާދިއްތަ ދުވަހު ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މި ފަހަރަކީ އޮލިމްޕިކްސްގައި ރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ އަހަރު ކަން ފާހަގަ ކުރައްވައިފަ އެވެ.

އެތުލީޓުންނަށް ހިތްވަރު ދެއްވައި ދިވެހި ކުޅިވަރު ތަރައްގީކުރަން ސަރުކާރުން ކުރާ މަސައްކަތް ރައީސް ހާމަ ކުރެއްވި އެވެ.