Roadha Mihaaru
ބޮއިކޮޓްކުރާތީ ޒާރާގެ އިޝްތިހާރު ނަގައިފި، މާފަކަށްނޭދޭ

ފަލަސްތީނަށް ކުޑައިމީސްވާ އިޝްތިހާރު ޒާރާއިން ނަގައިފި؛ މާފަކަށް ނޭދޭ

13 ޑިސެމްބަރ 2023

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ކުޑައިމީސްވާ ގޮތަށް ސްޕެއިންގެ ފެޝަން ބްރޭންޑް ޒާރާއިން ޖެހި އިޝްތިހާރެއްގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އެ ބްރޭންޑް ބޮއިކޮޓްކުރަން ގޮވާލައި ކެމްޕެއިން ވަރުގަދަކުރުމުން އެންމެފަހުން އެ އިޝްތިހާރު އިއްޔެ ނަގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ކުޑައިމީސްވާ ގޮތަށް ސްޕެއިންގެ ފެޝަން ބްރޭންޑް ޒާރާއިން ޖެހި އިޝްތިހާރެއްގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، އެ ބްރޭންޑް ބޮއިކޮޓްކުރަން ގޮވާލައި ކެމްޕެއިން ވަރުގަދަކުރުމުން އެންމެފަހުން އެ އިޝްތިހާރު އިއްޔެ ނަގައިފި އެވެ.

އެ ބްރޭންޑްގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން އެ އިޝްތިހާރު ނެގުމަށް ފަހު ޒާރާއިން ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. ނަމަވެސް، އެ ބަޔާނުގައި އެ ބްރޭންޑުން މާފަކަށް ނޭދެ އެވެ.

ޒާރާގެ އާ، ޑިޒައިންތައް ޕްރޮމޯޓްކުރަން މިދިޔަ ހަފުތާގައި ކުރި އެ އިޝްތިހާރުގައި ފެންނަނީ ހަލާކުވެފައި ހުރި މެނިކުއިންތަކެއްގެ ކައިރީގައި، އެ އައުޓްފިޓްގައި މޮޑެލްއަކު ހުންނަ ތަނެވެ. އަދި އެއިން ބައެއް މެނިކުއިންތަކުގައި އަތާއި ފަޔާއި ބޮލާއި އަދި އެހެން ބައިތައް ވެސް ނެތެވެ. ބައެއް މެނިކުއިންތައް ހުރީ، އިންސާނުން ކަފުން ކުރީމާ ހުންނާނެ ގޮތަށް ހުދު ފޮތި އޮޅައިފަ އެވެ. އަދި އެހެން ބައެއް މެނިކުއިންތައް ވަނީ މީހަކު ބިން މައްޗަށް ވެއްޓުމުން އޮންނާނެ ގޮތަށް ބާއްވައިފަ އެވެ.

ފަލަސްތީނަށް ކުޑައިމީސްވާ ގޮތަށް ޒާރާއިން ޖެއްސި ފޮޓޯޝޫޓް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައި.

ފަލަސްތީނަށް ކުޑައިމީސްވާ ގޮތަށް ޒާރާއިން ޖެއްސި ފޮޓޯޝޫޓް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައި.

މި ފޮޓޯޝޫޓަށް ބޭނުންކޮށްފައިވާ ބެކްޑްރޮޕްގައި ވެސް ވަނީ އިމާރާތެއް ހަލާކުވެފައި ހުންނައިރުގައި ފެންނާނެ ކަހަލަ ގޮތަކަށް ޑިޒައިންކޮށްފަ އެވެ.

އާންމުން މިކަން ބަލައެއް ނުގަތެވެ. ގިނަ ބަޔަކު ތުހުމަތު ކުރީ މިއީ އެ ބްރޭންޑުން ހަމަ ގަސްތުގައި މި ދުވަސްވަރާ ދިމާކޮށް ކުރި އިޝްތިހާރެއް ކަމަށެވެ. މި ފޮޓޯޝޫޓްގައި ގާޒާގެ މީހުން ދިރިއުޅެމުން ދާ ހިތްދަތި ހާލަތަށް ހަޖޫ ޖަހައި، މަލާމަތްކޮށްފައިވާ ކަމަށް ވެސް އާންމުން ބުންޏެވެ.

ޒާރާ ބޮއިކޮޓްކުރާ ކެމްޕެއިން ފެށުނީ އެހާ ހިސާބުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ ޒާރާގެ ފިހާރަތައް ކައިރި އާންމުން އެއްވެ، އެ ބްރޭންޑާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. އަދި އެ ބްރޭންޑް ބޮއިކޮޓްކުރަން ގޮވާލައި ސޯޝަލް މީޑިއާގައި ވަނީ ކެމްޕެއިން ވަރަށް ވަރުގަދަކޮށްފަ އެވެ.

އެ ބްރޭންޑުން އިންސްޓަގްރާމްގައި ކުރި މި އިޝްތިހާރުގެ ޕޯސްޓާ ދެކޮޅަށް އެތައް ހާސް ބަޔަކު ވަނީ ކޮމެންޓުކޮށްފަ އެވެ. އަދި އެކްސްގައި "ބޮއިކޮޓް ޒާރާ"ގެ ހޭޝްޓެގް އަދިވެސް އަންނަނީ ޓްރެންޑުވަމުންނެވެ.

ސްޕެއިންގެ ބާސެލޯނާގައި ހުންނަ ޒާރާގެ ފިހާރައެއްގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން.

ސްޕެއިންގެ ބާސެލޯނާގައި ހުންނަ ޒާރާގެ ފިހާރައެއްގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން.

ޒާރާ އިން ނެރުނު ނޫސްބަޔާނުގައި ބުނީ މި އިޝްތިހާރަށް ޖެއްސި ފޮޓޯޝޫޓަކީ މިދިޔަ ޖުލައި މަހުން ފެށިގެން އެ ބްރޭންޑުން ތައްޔާރުވަމުން އައި ކަމެއް ކަމަށެވެ. އަދި މި ފޮޓޯތައް ނަގާފައި ވަނީ އިސްރާއިލުން ފަލަސްތީނަށް މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމަލާތައް ދޭން ފެށުމުގެ ވެސް މާ ކުރިން، މިދިޔަ ސެޕްޓެމްބަރު މަހުގައި ކަމަށް އެ ބްރޭންޑުން ބުންޏެވެ.

"މި ކެމްޕޭނަކީ [އިޝްތިހާރަކީ] ސްކަލްޕްޗަރުގެ ސްޓޫޑިއޯއެއްގައި ނުނިމި ހުރި ސްކަލްޕްޗާތަކުގެ ސިލްސިލާ ތަސްވީރުތަކެއް ހުށަހަޅާފައިވާ ކެމްޕޭނެއް،" އެ ބަޔާނުގައިވެ އެވެ.

"ހިތާމަ އަކީ، މިހާރު މި ބްރޭންޑުގެ ސައިޓުން ވެސް ނަގާފައިވާ މި ފޮޓޯތަކުގެ ސަބަބުން ބައެއް ކަސްޓަމަރުން ރުޅި އައިސް، ކެމްޕެއިންގެ އަސްލު މަގުސަދު އޮޅިފައި ވާތީ. އެ އޮޅުން އެރުމުން ޒާރާ ހިތާމަކުރަން. އަދި މި ބްރޭންޑުން އެންމެންނަށް ވެސް އިހުތިރާމުކުރާނެ ކަމުގެ ޔަގީކަން ދެން."

މި މައްސަލަ ހޫނުވެ، ކެނެޑާގައި ހުރި ޒާރާގެ ފިހާރައަކަށް ވެސް އިއްޔެ ވަނީ ގެއްލުން ދީފަ އެވެ. އަދި އެ ފިހާރައިގެ ބިއްލޫރިގަނޑުގައި ވަނީ "ފްރީ ގާޒާ" ލިޔެފަ އެވެ.

އިޒަރާއީލަށް ތާއީދުކުރާ ދުނިޔޭގެ މަޝްހޫރު އެހެން ބައެއް ބްރޭންޑުތައް ވެސް ބޮއިކޮޓްކުރަން ގޮވާލަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.

ޒަޔަނިސްޓް ޔަހޫދީ އިސްރާއިލުގެ އަސްކަރިއްޔާ އިން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި 18،000 އަށް ވުރެ ގިނަ މީހުން މަރާލައި އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖައްސައިފަ އެވެ.