Roadha Mihaaru
ދަ ވީކެންޑްގެ ފަރާތުން ގާޒާއަށް 2.5 މިލިއަން ޑޮލަރު

ދަ ވީކެންޑްގެ ފަރާތުން އެހީގެ ގޮތުގައި ގާޒާއަށް 2.5 މިލިއަން ޑޮލަރު ހަދިޔާކޮށްފި

03 ޑިސެމްބަރ 2023

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދަ ވީކެންޑް، އެހީގެ ގޮތުގައި ފަލަސްތީނުގެ ގާޒާ އަށް 2.5 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދަ ވީކެންޑް، އެހީގެ ގޮތުގައި ފަލަސްތީނުގެ ގާޒާ އަށް 2.5 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

ދަ ވީކެންޑް ނުވަތަ އަސްލު ނަމުން ނަމަ، އަބީލް ޓެސްފާ އަކީ އދ. ގެ ޔޫއެން ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ގުޑްވިލް އެމްބަސެޑަރެވެ. ދަ ވީކެންޑް، މި އެހީ ދޭން ނިންމާފައިވާކަން ޑަބްލިއުއެފްޕީގެ އެމެރިކާގެ ގޮފިން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

އެމެރިކާގެ ޑަބްލިއުއެފްޕީން ބުނި ގޮތުގައި، ދަ ވީކެންޑް ހަދިޔާކުރި 2.5 މިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައި ވަނީ ގާޒާގައި ތިބި މީހުންނަށް ކާބޯތަކެތި ފޮނުވުމަށެވެ. އެ ފައިސާއިން ހަތަރު މިލިއަން ޕާރުސަލްގެ ކާނާ ފޮނުވާނެ އެވެ. އެއީ 173،000 މީހުންނަށް ދެ ހަފުތާގެ ކެއުމެވެ.

މި އެހީ ގާޒާއަށް ފޯރުކޮށްދޭނީ ޑަބްލިއުއެފްޕީގެ އެކްސްއޯ ހިއުމެނިޓޭރިއަން ފަންޑް މެދުވެރިކޮށެވެ. އެއީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކާބޯތަކެއްޗަށް ބޭނުން ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ހާއްސަކޮށް ހަދާފައިވާ އދ. ގެ ފަންޑެކެވެ.

ޑަބްލިއުއެފްޕީގެ ގުޑްވިލް އެމްބަސެޑަރަކަށް ދަ ވީކެންޑް ހަމަޖެއްސީ އޮކްޓޯބަރު 2021 ގަ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް އެކްސްއޯ ހިއުމެނިޓޭރިއަން ފަންޑަށް 1.8 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.

އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި 15،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރުވެފަ އެވެ. މި ހަމަލާތަކުގައި އެތައް ބައެއްގެ ގެދޮރު ސުންނާފަތިވެ ވަނީ މަގުމަތިވެފަ އެވެ. އަދި ފެނާއި ކާބޯތަކެއްޗާއި އަދިވެސް އެހެން ޒަރޫރީ ތަކެތި ނުލިބި ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.